ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރު ކޮމިޝަނުން ރާއްޖެއިން ބޭރަށް ގޮސް ސުވާލު ކުރީ ކުރީގެ ފަނޑިޔާރު ދީދީ އާއި!

ފަނޑިޔާރު ދީދީގެ މައްޗަށް ޖޭއެސްސީން ކުރިއަށް ގެންދިޔަ ތަހުގީގު ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެ މައްސަލައިގައި ގެއްލުވާލާފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކި ކުރި އަބްދުﷲ ދީދީ އާއި ސުވާލުކޮށްފި އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މައްސަލައެއްގެ ތަހުގީގަށް މެލޭޝިއާއަށް ދާން އުޅޭކަން މިދިޔަ ޑިސެމްބަރުގެ ތެރޭގައި މީޑިއާތަކުން ރިޕޯޓު ކުރި އެވެ. އޭރު ކޮމިޝަނުން އެކަން ކަށަވަރުކޮށް ނުދިން ނަމަވެސް އެނގިފައިވާ ގޮތުގައި ތަހުގީގަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ސުވާލުކޮށްފައިވަނީ އަބްދުﷲ ދީދީ އާއި އެވެ.

ދީދީ އަކީ ރިޟްވާންގެ މައްސަލަ ކުރިޔަށް ގެންދިޔައިރު ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ހުންނެވި ބޭފުޅާ އެވެ. އެއަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް އޭނާ މަގާމުން ވަކި ކުރީ ރިޟްވާންގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައެއް މީހުން ދޫކޮށްލުމުގެ އަމުރެއް ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވައި ނެރެފައިވާތީ އެވެ.

އެގޮތުން އެނާގެ މައްސަލަ މީޑިއާތަކުން ލައިވްކޮށް ކުރިޔަށް ގެންދިޔައިރު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފުލުހުން ފޮނުވި ސިޓީއެއްގައި ވަނީ ރިޟްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ހައްޔަރުކޮށްފައި ހުރި ދެ މީހުން ދޫކޮށްލި ކަމުގެ ތުހުމަތު ދީދީގެ މައްޗަށް ކުރެވޭ ކަމަށެވެ.

އޭގެ އިތުރުން ރިޝަވަތު ނަންގަވައި، ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ވަކި ގޮތަކަށް ހުކުމް ނެރުމުގައި ނުފޫޒުގައި ޖެހިވަޑައިގަތްކަމުގެ ތުހުމަތު ކުރެވުނެވެ. އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި އޭނާއާއި ގާތް ގުޅުމެއް އޮންނަކަމުގެ ތުހުމަތުތަކާއި، ދެ ބޭފުޅުންގެ ދެމެދުގައި ބަދަލުކޮށްފައިވާ މެސެޖުތަކެއްގެ ވާހަކަ ދެކެވުނެވެ.

ދީދީގެ މައްސަލައާއި އެކު ސިޔާސީ ބޮޑެތި ކޯޅުންތައް އުފެދި، ޖޭއެސްސީން ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވުމާއި ދީދީގެ ފަރާތުން ނޫސްވެރިންނާއި ބައްދަލު ކުރުން ފާހަގަ ކުރެވެ އެވެ. މި ތުހުމަތުތައް ދީދީ ދޮގު ކުރައްވައެވެ. އަދި އަނބިކަބަލުންގެ އެކައުންޓަށް ޖަމާވިކަމަށް ބުނާ އެއް މިލިއަންގެ ތުހުމަތުތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއްގެ ގޮތުގައި ވިދާޅުވި އެވެ.

މަރު ކޮމިޝަނުން މިދިޔަ މަހުގެ 25 ގައި ރާއްޖެއިން ބޭރަށް ކުރި ދަތުރުގައި، ދީދީގެ އިތުރުން އެހެން މީހަކާއި ސުވާލުކުރިކަން ސާފެއް ނޫނެވެ.

ވީނުވީއެއް ނެނގި ގެއްލިފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައިދިނުން އެއީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް ކޮމިޝަނުން ކުރިޔަށް ގެންދާ ގިނަ މައްސަލަތައް މިވަގުތު ކްރިމިނަލް ކޯޓުގައި ކުރިޔަށްދާއިރު އެ މައްސަލަތަައް ކުރިޔަށް ގެންދިއުމުގައި ވެސް ތަފާތު އެކި މައްސަލަތައް ވަނީ ދިމާވެފަ އެވެ. ދާދި ފަހުން ކްރިމިނަލް ކޯޓުން ބްލޮގާރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ހުކުމް އިއްވިއިރު އެތަނުން ކުށް ސާބިތުވީ ދެ މީހެއްގެ މައްޗަށެވެ. އަދި އަނެއް ހަތަރު މީހުން އިޖުރާއީ ގޯސްތަކެއްގެ ސަބަބަބުން ވަނީ ދޫވެފަ އެވެ.

މަރު ކޮމިޝަނަކީ ގާނޫނީ ބޮޑެތި ބާރުތަކެއް ދީފައިވާ ކޮމިޝަނެކެވެ. އޭގެ ތެރޭގައި މައްސަލަތަކުގައި ސުވާލު ކުރުމަށް މީހުން ކޮމިޝަނަށް ހާޒިރު ކުރުމާއި، ކުރެވޭ ތުހުމަތުތަކަށް ބިނާކޮށް ޕާސްޕޯޓު ހިފަހައްޓައިދިނުމުގެ އަމުރަކަށް އެދެވޭނެ އެވެ.

ސަރުކާރަށް ތިން އަހަރުވީއިރު، ވެސް ރިޔާސީ ކޮމިޝަންތަކަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވުމަކީ މީޑިއާތަކާއި އަދި ހުދު އެމްޑީޕީގެ މެމްބަރުން ވެސް މަޖިލީހުގެ ތަޅުމުގައި އެންމެ ހޫނުކޮށް ބަހުސް ކުރާ އެއް މައުޟޫއު އެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 40%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: