ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓުން ބުނީ މަހުލޫފްގެ ޝަރީއަތް ތާވަލު ކުރާނީ ކޮވިޑުގެ ހާލަތު ރަނގަޅު ވުމުންކަމަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނަވައި، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ރިޝްވަތު ނެންގެވިކަމަށް ބުނާ މައްސަލައިގެ ދައުވާތައް ކުރިޔަށް ގެންދެވެން އޮތީ ކޮވިޑު-19 ގެ ހާލަތު ރަނގަޅު ވުމުންކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މަހުލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާރ ޖެނެރަލްއަށް ފޮނުވުމުން އެ މައްސަލަ ދިރާސާކުރުމަށްކަމަށް ބުނެ އެ އޮފީހުގައި ފަސް މަސް ދުވަސް ވަންދެން ދައުވާކުރުމާއި މެދު ގޮތެއް ނުނިންމި ތާށިވެފައި އޮތެވެ. އެއަށް ފަހު ކޯޓަށް މައްސަލަ ހުށަހަޅައި، ތާވަލު ކުރި އެންމެ ފުރަތަމަ އަޑުއެހުން ވެސް އިދާރީ ބައެއް މައްސަލަތާއި ހެދިކަމަށް ބުނެ ކެންސަލް ކުރި އެވެ.

ހިޔާނާތުގެ މައްސަލައިގައި ދެ ފަހަރެއްގެ މަތީން މަހުލޫފް ސަސްޕެންޑު ކުރި ނަމަވެސް، މިވަގުތު އަނެއްކާވެސް ހުންނެވީ ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގަ އެވެ. ކޯޓަށް މައްސަލަ ހުށަހެޅުމުން ވެސް މަހުލޫފުގެ މަގާމާއި މެދު ސަރުކާރުން ގޮތެއް ނުނިންމާތީ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އަދި އިބްތިދާއީ އަޑުއެހުން ކެންސަލް ވުމުން ވެސް އެކަމުގެ ސުވާލުތަކެއް ފެންމަތިވި އެވެ.

މަހުލޫފަށް ކުރާ ދައުވާތަކުގެ ޝަރީއަތްތައް ތާވަލު ކުރުމާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުން ބުނީ، މައްސަލަ ކުރިޔަށް ގެންދެވެން އޮތީ ކޯޓަށް ހާޒިރުވެގެންކަމަށާއި، އެހެން ކަމުން ކޮވިޑު-19 ގެ ހާލަތު ރަނގަޅުވުމުން މައްސަލަ ޝެޑިއުލް ކުރާނެކަމަށެވެ.

ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން ކޯޓުގެ ޝަރީއަތްތައް 2020 ވަނަ އަހަރުން ފެށިގެން ބައެއް ޝަރީއަތްތައް ކުރިޔަށް ގެންދަނީ އޮންލައިންކޮށެވެ. ނަމަވެސް ބައެއް މައްސަލަތަކުގައި ތުހުމަތު ކުރެވޭ ފަރާތާއި، އެ މީހެއްގެ ވަކީލުން އަދި ދައުލަތުން ކޯޓަށް ހާޒިރުވާއިރު ނޫސްވެރިން ޝަރީއަތްތައް އަޑުއަހަނީ އޮންލައިންކޮށެވެ.

މީގެ އިތުރުން ބައެއް މައްސަލަތައް ދެ ފަރާތުން ވެސް އޮންލައިންކޮށް ބައިވެރިވެގެން ކުރިޔަށް ގެންދެ އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި މަހުލޫފްގެ މައްޗަށް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް، އޭނާ ގެންދަވަނީ ކޮމަންޑޫ ދާއިރާގެ ކެމްޕެއިން ހަރަކާތްތަކާއި، ސަރުކާރާއި އެމްޑީޕީގެ އެކި ޖަލްސާތަކުގައި ބައިވެރިވަމުންނެވެ.

“ޒީރޯ ޓޮލަރެންސް ސިޔާސަތު” ގެ ދަށުން މަހުލޫފްގެ މައްޗަށް އެއްވެސް ފިޔަވަޅެއް ނާޅާ ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. މަހުލޫފް މަގާމުގައި ހުންނަވާތީވެ އެމްޑީޕީގެ ބައެއް މެމްބަރުން ނުރުހުން ފާޅުކުރި ނަމަވެސް “ސަންގު ޓީވީ” ގެ ބައެއް ޕްރޮގްރާމުތަކުގައި އެމްޑީޕީގެ ބައެއް ޕާލިމަންޓް ގްރޫޕުގެ މެމްބަރުން ވަނީ މަހުލޫފްގެ މައްޗަށް ކުރެވެނީ ހަމައެކަނި ތުހުމަތެއްކަމަށާއި، އަދި ކުށް ސާބިތުވެފައި ނުވާއިރު، އެގޮތަށް ކޯޓުން ހުކުމްކޮށްފި ނަމަ ސަރުކާރުން ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފަ އެވެ.

އީ ޒާތީ ތައަސްސުބެއްގެ ތެރެއިން ކުރާ ދައުވާއެއްކަމަށް ބުނެ މަހުލޫފް ވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހަދާފަ އެވެ. ޕީޖީ ހުސެއިން ޝަމީމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި މަހުލޫފް ވިދާޅުވީ ކޯޓުގެ ތެރެއިން ދައުލަތް ފަޟީހަތްކޮށް ބޭޒާރުކޮށްލާނެ ކަމަށެވެ.

މަހުލޫފްގެ މައްޗަށް ކުރަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އެވެ. އޭސީސީން މަހުލޫފްގެ މައްޗަށް ކުރަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އޭނާ ހުންނަވަނިކޮށް އޭރު ބަހުސްތަކެއް ކުރެވުނު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލު ފާސް ކުރުމަށާއި ވެރިކަން ކުރަމުން އައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ދެމި ހުރުމަށް 33،000 ޑޮލަރު ނެންގެވިކަމުގެ ތުހުމަތެވެ.

މެލޭޝިއާގައި ހުންނެވުމަށް ފަހު މަހުލޫފް ރާއްޖެ ވަޑައިގަތީ ސީދާ އެ ވޯޓުގައި ބައިވެރިވުމަށް ކަމަށާއި، ވޯޓަށް ފަހު އާއި އޭގެ ކުރީގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެމެދު ބަދަލު ކުރެވިފައިވާ މެސެޖުތަކުގައި ވާ ތާރީހުތަކާއި އެސްއޯއެފްގެ އެކައުންޓުން މަހުލޫފްގެ އެކައުންޓަށް ފައިސާ ޖަމާކުރި ތާރީހާއި ދިމާވާކަމަށް އޭސީސީން ބުނެ އެވެ. ކޮމިޝަނުން ތުހުމަތު ކުރާ ގޮތުން އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއެވެ.

މި މައްސަލައިގައި މަހުލޫފް އޭނާގެ ދިފާއަށް ބުނީ، ޕީޕީއެމްގެ މުގާބިލުގައި ދެމި ހުރުމަށް އޭނާއަށް ފައިސާއެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ބިލަށް ވޯޓުދޭން ޕާޓީން ތްރީލައިން ވިޕެއް ނެރެފައި އޮތްކަމަށް ވިދާޅުވި އެވެ.

މަހުލޫފްގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ 03 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް ހަތް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: