ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ބޭނުންވާ ދައުވާތައް ރައީސް ޔާމީނަށް ކުރުން ނޫންކަމެއް ޕީޖީ ނުކުރޭ: ޖަމީލް

ކުރީގެ ރައީސް ޔާމީން އަދި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކޮށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ކުރީގެ ނައިބު ރައީސް، އަދި އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ގޮވާލައިފި އެވެ.

ވެރިކަމަށް އައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވީ އެންމެ ބޮޑު ވައުދަކީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލަ ބަލައި ތަހުގީގު ކުރުމާއި އެކު ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމެވެ. އަދި އެކަމަށް ހާއްސަކޮށް ކޮމިޝަނެއް އެކުލަވާލި ނަމަވެސް ތިން އަހަރުން އެކަށީގެން ވާ ނަތީޖާއެއް ނުނެރެވި އެއްވެސް މީހެއްގެ މައްސަލައެއް ބެލިފައި ނުވާތީ ކޮމިޝަން ވަނީ އުވާލާފަ އެވެ.

ހިޔަނާތުގެ މައްސަލައިގައި ގިނަ ބައެއްގެ މައްޗަށް ތުހުމަތުތައް ކުރެވޭއިރު، އޭގެ ތެރޭގައި މި ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ހިމެނެ އެވެ. މަޖިލީހުގެ މެމްބަރަކަށް ހުންނެވި ދުވަސްވަރު މަހުލޫފް އެމްއެމްޕީއާރުސީގެ ފައިސާއިން ރިޝަވަތު ނެންގެވިކަމުގެ ތުހުމަތު ކުރެވޭތީ އާއި، ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ދެމި ހުރުމަށާއި މަޖިލީހުގައި އޮތް މައްސަލައެއްގައި ވަކި ގޮތަކަށް ވޯޓު ދޭނީ ވަކި މިންވަރެއްގެ ފައިސާ ދިނުމުންކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލައި ކޯޓަށް ވެސް ހުށަހެޅި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ގޮތެއް ނުނިމި، ޕީޖީގައި ތާށިވި އެ މައްސަލަ އެންމެ ފަހުން ކޯޓަށް ހުށަހެޅުމުން ވެސް ކުރިޔަށް ދާގޮތެއް ނުވި އެވެ. އެހެންވެ އެންމެ ފަހުން ޕީޖީން މައްސަލަ އަނބުރާ ގެންދިއުމަށް ނިންމި މައްސަލައިގައި ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

މަހުލޫފްގެ ޝަރީއަތް ކުރިޔަށް ނުދާތީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތީން ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވާ ޖަމީލް ވިދާޅުވީ މި ސަރުކާރުގެ ޕޮސެކިއުޝަނުންނަކީ ސިޔާސީ މެޝިނެއް ކަމަށެވެ. އަދި މަހުލޫފްގެ ދައުވާ އަނބުރާ ގެންދިއުމަކީ އެއީ ރައީސް ސޯލިހުގެ ސަރުކާރުގައި އުފުލަނީ ސިޔާސީ ދައުވާތަކެއްކަމަށް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ އެ ނިންމުމުން ހާމަވަނީ، ސަރުކާރުން ރައީސް ޔާމީން ނޫން އިތުރު މީހެއްގެ މައްސަލައެއް ނުބަލާނެކަން ޔަގީންވާ ކަމަށެވެ. އަދި އެކަމަށް އެހީވަނީ ޕްރޮސެކިއުޓާރ ޖެނެރަލްކަމަށް ވިދާޅުވި އެވެ. ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވަގުތުން އަނބުރާ ގެންދަން ޖެހޭކަމަށް ޖަމީލް ވިދާޅުވި އެވެ.

ހިޔާނަތުގެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކެއް ކްރިމިނަލް ކޯޓުގައި ދަނީ ކުރިޔަށެވެ. އަދި އެމަނިކުފާނުގެ ފަރާތުން ބައެއް މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު ބައެއް މައްސަލައިގެ އަޑުއެހުންތައް ވަނީ ފަށާފަ އެވެ.

އެއީ ދަށު ކޯޓުން އިއްވި 11 އަހަރުގެ ހުކުމާއި، ދައުލަތަށް 53 މިލިއަން ދެއްކުމަށް އަންގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިތުރުން ކްރިމިނަލް ކޯޓުގައި ކުރިޔަށް ދާ ފުއްގިރި މައްސަލައިގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަތް މައްސަލަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: