ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތުމުން އިދިކޮޅުން ހުށައެޅި އިންތިހާބުގެ މައްސަލާގައި ގޮތެއް ނުނިންމިފައި!

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭގޮތުންއިދިކޮޅު ކޮންގްރެސް ކޯލިޝަނުން ހުށައެޅި މައްސަލައާމެދު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަކިގޮތެއް ނިންމިފައިނުވާކަމަށް އެކޮމިޝަނުން އަންގައިފިއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވި ސިޓީގައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރެއިން ފާހަގަވި 25 ނުކުތާއެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ވޯޓު ކަރުދާސް ޗާޕްކުރުމުގެ އޮޅުވާލިކަމަށް ކުރެވޭ ތުހުމަތުތަކާއި، ޕީޕީއެމްއިން އިންތިހާބާއި ދިމާކޮށް ހުށައަޅާފައިވާ ރީރަޖިސްޓްރޭޝަން ފޯމުތަކެއްގެ މައްސަލަތަކާއި، ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ ބަދަލުވާފަދަ އަނގޮޓިއެއްގެ ވާހަކައާއި އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލެއިން ބިޔުރޯގެ މަސައްކަތްތަކަށް ނުފޫޒު ފޯރުވަން ކުރި މަސައްކަތްތަކުގެ ވާހަކަތައް ވަނީ ސިޓީގައި ފާހަގަކޮށްފައެވެ.

މީގެ އިތުރުން އިންތިހާބުގެ ވަގުތީ ނަތީޖާއާއި ދާއިމީ ނަތީޖާ އިއުލާންކުރުމުގައި ގޯސްތަކެއް ހިނގާފައިވާކަމާއި ރިޔާސީ އިންތިހާބު ބާތިލްކުރެވޭވަރުގެ ޖިނާއީ ކަންތައްތަކެއް ހިނގާފައިވާއިރުވެސް އެފަދަ އެއްވެސް ކަމެއް ނުހިނގާކަމަށާއި އެފަދަ ޝަކުވާއެއްވެސް އައިސްފައިނުވާކަމަށްބުނެ ދޮގު ހަދާފައިވާކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ. މީނޫނަސްވެސް އިލެކްޝަންސް ކޮމިޝަންގެ އޭރުގެ ރައީސް އަހުމަދު ޝަރީފް (އީސީ ޝަރީފް)އާއި ގުޅުންހުރި ކަންތައްތަކެއް ޝަކުވާތަކުގައި ވަނީ ހިމަނާފައެވެ.

ސިޓީގައި ވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފެއްޓި ހިސާބުން ފެށިގެން، ވޯޓުކަރުދާސްތައް ޗާޕްކުރުމަށް ވަކި ފަރާތަކަށް ޙަވާލުކުރުމުގަ އާއި ވޯޓު ކަރުދާސްތައް ޗާޕްކުރުމުގައާއި، އިންތިޚާބާގުޅޭ އެކިކަންކަމުގައި، ޚާއްޞަކޮށް ވޯޓާގުޅޭ އެންމެހައި ކަންކަމުގައާއި، ރީރެޖިސްޓްރޭޝަންކުރުމުގެ ތެރޭގައާއި ރީރެޖިސްޓްރޭޝަންސް މަރުޙަލާގައި ހިނގާފައިވާ ކަންކަން މީގައި ހިމެނެއެވެ. އަދިނ  ވޯޓުލުމުގެ ތެރޭގައާއި، ވޯޓުލައި ނިމުމުމަށްފަހު، އަދި ވޯޓް ގުނައި ނިންމައި، ވަގުތީ ނަތީޖާއާއި، ދާއިމީ ނަތީޖާ އިޢުލާން ކުރުމުގެ ތެރޭގައި އަދި ނަތީޖާ އިޢުލާންކޮށް ނިންމުމަށްފަހު، ވޯޓު ކަރުދާސްތަކާއިމެދު ޢަމަލުކޮށްފައިވާ ގޮތުން، ސިޔާސީ ގޮތުން ވަކި ކެނޑިޑޭޓަކަށް އަދި ވަކި ސިޔާސީ ޖަމާޢަތަކަށް ނާޖާއިޒުގޮތެއްގައި ފައިދާ ހޯދައިދީފައިވާ ކަމަށްވެސް އިދިކޮޅުން ތުހުމަތުކުރެއެވެ. ވަކި ކެންޑިޑޭޓަކަށް ކަނޑައެޅިގެން ގެއްލުން ދިނުމަށްޓަކައި ދުރާލާ ރާވައިގެން ހިންގާފައިވާ ބޮޑެތި ޖަރީމާތަކެއްގެ ޖިނާއީ ބޮޑެތި ތުހުމަތުތަކެއް އޭރު އިލެކްޝަން ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި އަޙްމަދު ޝަރީފާއި އެއިރުގެ އިލެކްޝަންސް ކޮމިޝަންސްގެ މެމްބަރުންނަށް ކުރެވޭ ތުހުމަތުތައް ބަލައިދިނުމަށް އިދިކޮޅުން ވަނީ އެދިފައެވެ.

ޕީޕީއެމްއިން އޭސީސިއަށް ފޮނުވި ސިޓީގެ ޖަވާބުގައި އޭސީސީގެ އެސިސްޓަންޓް ސުޕްރިޓެންޑެންޓް މާޖިދު ހަސަން ސޮއިކުރައްވާ ފޮނުވި ސިޓީގައި ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅިގެން ހުށައަޅާފައިވާ މައްސަލައާއިމެދު އޭސީސީއިން އަދި ވަކިގޮތެއް ނިންމާފައިނުވާކަމަށެވެ. ކޮމިޝަނަށް ހުށައެޅިފައިވާ މައްސަލަތަކާއިމެދު އަމަލުކުރާނެގޮތެއް ކަނޑައެޅުމުގެ ގާނޫނީ ބާރު ލިބިފައިވަނީ ކޮމިޝަންގެ މެމްބަރުންނަށްކަމަށްވެފައި ކޮމިޝަން މިވަގުތު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައިކަމަށްވުމުން އެމައްސަލައާއިމެދު ވަކި ގޮތެއް އަދި ނުނިންމޭކަމަށް އޭސީސީއިން ވަނީ އަންގާފައެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވާލާފައިވާކަމަށް ބުނާ މައްސައިންތިހާބލަ ބަލައިދިނުމަށް އެދި އިދިކޮޅު ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުން ކަމާއި ގުޅުންހުރި މުއައްސަސާތަކަށް އަނެއްކާވެސް ހުށައަޅާފައިވާކަން އިއުލާންކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. މިމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)، ހިޔުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)،މޯލްޑިވްސް ޕޮލިސް ސާވިސް، އަދި އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަން ޕަރސަން އޮފީހަށް ވަނީ ހުށައަޅާފައެވެ.

އިދިކޮޅުން ގަބޫލުކުރާ ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ނާކާމިޔާބީއާއި ކުރިމަތިލާންޖެހުނީ ވޯޓު އޮޅުވާލުމުންނެވެ. އިންތިހާބުގެ ވޯޓު އޮޅުވާލުމުގެ ތުހުމަތު އިދިކޮޅުން މައިގަނޑު ގޮތެއްގައި ކުރަނީ އިލެކްޝަންސް ކޮމިޝަންގެ އޭރުގެ ރައީސް އަހުމަދު ޝަރީފަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މިކަމުގައި ޝާމިލްވާކަމަށް އިދިކޮޅުން ތުހުމަތުކުރެއެވެ. އަދި އީސީ ޝަރީފާއި އެހެނިހެން ބައެއް ބޭފުޅުންގެ އޯޑިޔޯތަކެއްވެސް މީޑިޔާތަކާއި ހަމައަށް ތިލަވެފައިވާކަން އިދިކޮޅުގެ ގާނޫނީ ޓީމުން ފާހަގަކުރެއެވެ. އޯޑިޔޯތަކުގެ ޓެސްޓުތަކެއް ނުހެދިކަމުގައިވިޔަސް، އެއަޑުތަކަކީ އާންމުކޮށް އިވޭ އަޑުތަކަކަށްވުމުން އެއީ އެބޭފުޅުންގެ އަޑުކަން ޔަގީންވާކަމަށް ގާނޫނީ ޓީމުން ބުނެއެވެ.

ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާގައި ރައީސް ސޯލިހަށް 134،705 ވޯޓު ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. ރައީސް ސޯލިހު އިންތިހާބު ކާމިޔާބުކުރެއްވީ 58.40 އިންސައްތައިގެ ވޯޓު ހޯއްދަވައިގެންނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 41.60 އިންސައްތައިގެ ވޯޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: