ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހަކީ ތަންދޮރު ނުދަންނަ ވާނުވާ ނޭނގޭ ދެބަންދިހާރުވެފައި ހުރި ބޭފުޅެއް: އަދުރޭ

ރައީސް ޞާލިހު އަދި އަބްދުއްރަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ވެރިކަން ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ތަންދޮރު ނުދަންނަ، ދެބަންދިހާރުވެފައި ހުންނެވި ބޭފުޅެއްކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރައްވާ ޕީޕީއެމް ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިނަށް ށ. ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީއަށް ވޯޓު ދިނުމަކީ އަޅުވެތިކަމަށް އެއްބަސްވެ ދެވޭ ވޯޓެއް ކަމަށެވެ. ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް ހުއްޓުމެއް ނެތި އިދިކޮޅުން ކުރަމުން ގެންދާ މަސައްކަތަށް ޖާގަ އާއި، ފުރުސަތު ދިނުމަށް ވޯޓު ދޭންވީ ޕީޕީއެމް ކެނޑިޑޭޓަށްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިންޑިއާއިން ދިވެހި ގައުމަށް ކިތަންމެ ގިނަ އެހީއެއް ފޯރުކޮށްދިން ނަމަވެސް، އެ ގައުމުން ރާއްޖޭގެ މިނިވަންކަމަށް ކަޅި އަޅަމުންދާކަމީ ގަބޫލު ކުރަންޖެހޭ ހަގީގަތެއްގެ ގޮތުގައި އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ޒަމާނުއްސުރެ އެ ގައުމުގެ ލޯ ހުއްޓިފައި އޮތީ ރާއްޖެއަށްކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ތާރީހުން ވެސް އިންޑިއާއިން ރާއްޖެއާއި ދެކޮޅަށް ހިންގި އަަމަލުތައް ފެންނަން އޮންނާނެ ކަމަށެވެ. އަދި ކޮންމެ ފަހަރަކު ވެސް ގައުމުގެ މިނިވަންކަން ނިގުޅައިގަންނަން ބަޔަކު ކުރި މަސައްކަތްތަކުގެ ތެރޭގައި އިންޑިއާގެ އަތެއްވާކަމަށް ވިދާޅުވި އެވެ. ޕޯޗިގީޒުންނާއި، ހޮޅީން އަދި މަލާބާރީންގެ ނަމުގައި ވެސް މި ގައުމުގެ މައްޗަށް އަތްގަދަ ކުރަން އުޅުނީ ހަގީގަތުގައި އިންޑިއާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ނަމަވެސް އެ ގައުމަށް އެ ފުރުސަތު ނުލިބުނީ ރާއްޖޭގައި އުފެދުނު ގައުމު ދެކެ ލޯބިވާ ބަތޮލުންގެ ސަބަބުންކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން، އަބްދުއްރަހީމް ވިދާޅުވީ މިއީ އެއްވެސް ތާކުންތާކު ނުޖެހޭ ސަރުކާރެއް ކަމަށެވެ. އަދި އެމަނިކުފާނަކީ ވާނުވާ ނޭގޭ ދެބަންދިހާރުވެފައި ހުރި ވެރިއެއްކަމަށާއި ފާއިތުވެ ދިޔަ ތިން އަހަރު ރައްޔިތުން ތިބީ މާޔޫސްވެ ބިކަވެފައިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވެރިކަމަށް ތިން އަހަރު ވީއިރު އެއްވެސް އެސެޓެއް ނުހޯދުނު ވެރިއަކީ ހަމައެކަނި ރައީސް ސޯލިހު ކަމުގައިވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު އޮތް ކޮމަންޑޫ އިންތިހާބަށް ކަމުދާ، ހަމައެކަނި ކެނޑިޑޭޓަކީ އިދިކޮޅު ކެނޑިޑޭޓުކަމަށާއި، ޕީޕީއެމް ރައްޔުތުންގެ އިހުސާސްތައް ދަންނާނެކަމަށް އޭނާ ވިދާޅުވި އެވެ. ދާއިރާގައި ބައި އިލެކްޝަނެއް ބާއްވަން ޖެހުމާއި ހަމަށް ކޮމަންޑޫއަށް ހާއްސަކޮށް ސަރުކާރުން ކުރިޔަށް ގެންދިޔަ އެއްވެސް މަޝްރޫއުއެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލައްގަޔޫމްގެ ވެރިކަމުގައި ކޮމަންޑޫގެ ބިން ހިއްކައި ތަަރައްގީ ގެެނެސްދީފައިވާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ،

ރައީސް ޔާމީނަށް އަމާޒުކޮށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ދެއްކެވި ވާހަކައިގެ ރައްދަށް އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނަށް ނުހައްގު އެއްވެސް އަނިޔާއެއް ނުދެވޭނެ ކަމަށެވެ. ރޯދަ މަހުގެ ކުރީން ރައީސް ޔާމީން ޖަލަށްލާނެކަމަށް ބުނެ އެމްޑީޕީގެ އިސް ބޭފުޅުން ދެއްކެވި ވާހަކައަށް ފާޑުވިދާޅުވެ އަބްދުއްރަހީމް ވަނީ މި ރާއްޖޭގައި ދެން ވެރިކަން ކުރައްވާނީ ރައީސް ޔާމީން ކަމަށް ވިދާޅުވެފަ އެވެ.

“ހަސަން ލަތީފަށް ވެސް އެކަމެއް ނުކުރެއްވޭނެ… ރައީސް ޔާމީންގެ ގައިގައި ދެނެއް އަތެއް ނުލެވޭނެ… ދެނެއް ރައީސް ޔާމީން ޖަލަކަށް ވެސް ނުލެވޭނެ އޭ.” އަބްދުއްރަހީމް

ކޮވިޑް-19 ގެ ހާލަތާއި އެކު ބޭރުގެ ސަރުކާރުން ދިން ހިލޭ އެހީގެ މަންފާ އެއްވެސް ރައްޔިތަކަށް ނުކުރާ ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އަސާސީ ހިދުމަތްތައް ލިބެން އަންނަނީ ހަމައެކަނި ސަރުކާރަށް ވޯޓް ދީގެން ކަމުގައި އެމްޑީޕީން ބުނަމުން އަންނަ ކަމަށާއި އެއީ އޯގާތެރި ވެރިކަމެއް ކުރުން ތޯ ކަމުގައި އަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: