ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީގެ ފާޑުކިއުން ސަރުކާރަށް: “ހިތްވަރުގަދަ އިދިކޮޅު ސަޕޯޓަރުންނަށް މަރުހަބާ!”

ރައީސް ސާލިޙާއި އަދި އަލީ ވަހީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި، ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރި އަލީ ވަހީދު ކޮމަންޑޫ ދާއިރާގެ އިންތިހާބާއި ގުޅުވައި ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީންނެވެ. އިދިކޮޅު ކޮންގްރެސް ކޯލިޝަނުގައި ހިމެނޭ ޕީޕީއެމް ވެސް ވާދަކުރި މި އިންތިހާބުގައި، ޕާޓީގެ ކެނޑިޑޭޓު މޫސާ ފަތުހީއަށް އެމްޑީޕީގެ ކެނޑިޑޭޓާއި އަޅާބަލައި މަދުވީ 240 ވޯޓެވެ. އެހެންވެ އެމްޑީޕީއަށް އިންތިހާބުގައި ވާދަކުރި ތިން ކެނޑިޑޭޓުންނާއި އެކު 51 އިންސައްތައިގެ ޖުމްލަ ވޯޓު ނުލިބުނެވެ.

އިދިކޮޅުން ސިފަ ކުރަނީ މިއީ ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ވެސް އެމްޑީޕީއަށް ލިބުނު އެދެވޭ ނަތީޖާއެއް ނޫން ގޮތުގަ އެވެ. އިންތިހާބުގެ ނަތީޖާ ނިކުތް ގޮތާއި ސަރުކާރުން ކުރި ހަރަދާއި ގުޅުވައި ފާޑުކިއުންތައް ވެސް އަމާޒުވެފައި ވަނިކޮށް މިވަގުތު އަމިއްލައިން ރާއްޖެއިން ބޭރުގައި އަރުވާލެވިގެން ހުންނެވި އަލީ ވަހީދު ވިިދާޅުވީ މެމްބަރުންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގޭ އުސޫލެއް އޮތްނަމަ ސަރުކާރުން ކޮންމެ ދެ ރަށެއްގެ ދެތެރޭގައި ބްރިޖު އަޅައި، އެއާޕޯޓުތައް އަޅާނެ ކަމަށެވެ.

އަލީ ވަހީދު ވަނީ މިއީ ސަރުކާރުން ނުފޫޒާއި ބާރު، އަދި ދައުލަތުގެ ބަޖެޓުން ބޭރުން ބޮޑެތި ހަރަދުތައްކޮށްގެން ނެގި ގޮނޑިއެއްކަމަށް ވިދާޅުވެފަ އެވެ.

ކޯޓުގެ ހުރުމަތް ކަނޑާލިކަމުގެ ކުށުގައި ސުޕްރީމް ކޯޓުން ހުކުމެއް ވެސް އިއްވާފައިވާ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރިތާ މި މަހަށް އެއް އަހަރު ވާނެ އެވެ. އަދި އޭނާ ހައްޔަރުކޮށް ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެ އެވެ.

ސަރުކާރުން ނިމިދިޔަ ބައި އިލެކްޝަނުގައި ދައްކުވައިދިނީ ދައުލަތުގެ ބަޖެޓާއި އިގްތިސާދީ ސިޔާސަތަކީ އަލާއުއްދީންގެ ވޮއްކޮޅު ކަމުގައި ބުނެ ސަރުކާރުގެ ސިޔާސަތު ތަކަށް އަލީ ވަނީ ފާޑުކިޔާފައެވެ.

މިސަރުކާރު ފެއިލްވެފައިވާ ކަމުގެ އިޝާރާތެއް ކުރަމުން އަލީ ވަހީދު އިތުރަށް ވިދާޅުވި ގޮތުގައި އިދިކޮޅުން ދަނީ ކަމިޔާބީއަށް ވާސިލުވަމުންނެވެ. ސަރުކާރަށް މާބޮޑު ކާމިޔާބީއެއް ނެތްކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވައި، ސަރުކާރަށް ތާއީދެއް ހަގީގަތުގައި ނެތްކަން ދެއްކި އިދިކޮޅަށް މަރުހަބާ ކިޔާކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީން އިންތިހާބާއި ދިމާކޮށް ކޮަމަންޑޫ ދާއިރާގައި މަޝްރޫއު ތައް ހިންގާ ކަމަށް އިދިކޮޅުން ތުހުމަތުތަކެއް ކުރި އެވެ. އޭގެތެރޭގައި އިންތިހާބު ބޯމަތިވެފައިވަނިކޮށް ކޮމަންޑޫގައި އައު އިންޖީނުގެ އެއް ހުޅުވުމާއި ދެކޮމަންޑޫ ގުޅާލުމުގެ ގޮތުންނާއި މަތިކޮމަންޑޫ ފަޅު ހިއްކުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ހަވާލުކޮށްގެން އައިސް ޕްލާޓް އެޅުން ފަދަ ކަންކަން ހިމެނެއެވެ.

މި ވާހަކަ ތަކުގެ ރައްދުގައި އެމްޑީޕީން ބުނަނީ އެއީ އިއްތިފާގެއް ކަމުގައެވެ. ކޮމަންޑޫ ދާއިރާ ނޫނަސް އެހެން ދާއިރާތަކުގައި މަޝްރޫއުތައް ހިނގާކަމަށް ވިދާޅުވެ ޕާޓީގެ ޗެއަޕާސަން ހަސަން ލަތީފް ވިދާޅުވީ ކޮމަންޑޫ އާއި ޖެހިގެން އޮތް މިލަންދޫ ދާއިރާގައި ވެސް މަޝްރޫއުތައް ހިނގަމުން ދާކަމަށާއި އެއީ ވަކި އިންތިހާބާއި ދިމާކޮށް ވާ ކަމެއް ނޫންކަމުގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: