ޖުޑިޝަރީ ދާއިރާ އިސްލާހުކުރުމަށް ސަރުކާރުންނާއި އެމްޑީޕީއިން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައްޔިތުން ބަލައިގަންނަ ފަދަ ފަނޑިޔާރުގެއެއް ހޯދައިދިނުމަށްފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށައަޅުއްވައި އިސްލާހާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ޝަރުއީ ދާއިރާގައި ތަފާތު އެކި މައްސަލަތައް އެބަހުރިކަމަށެވެ. ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިންވެސް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށް މެމްބަރު ވިދާޅުވިއެވެ.
އެހެންނަމަވެސް ރައްޔިތުން އެދޭ ފަދަ ފަނޑިޔާރުގެެއެއް މިހާތަނަށް ހޯދައިދެވިފައިނުވާކަމަށް މެމްބަރު ޝަހީމް ވިދާޅުވިއެވެ. އަދި ޖުޑިޝަރީ ދާއިރާ އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައްޔިތުން ގަބޫލުކުރާ ފަނޑިޔާރުގެއެއް ރައްޔިތުންނަށް ހޯދައިދިނުމަށްފަހުކަމަށް ޝަހީމް ވިދާޅުވިއެވެ.
”މިކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައްޔިތުން ބަލައިގަންނަ ފަދަ ފަނޑިޔާރުގެއެއް ހޯދައިދިނުމަށްފަހު“ ޝަހީމް
ފަނޑިޔާރުންގެ ގާނޫނަށް މިއަދު ހުށައެޅުނު އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ ފަނޑިޔާރުން ވިހެއުމުން ލިބޭ ޗުއްޓީ އެއީ އެކަށީގެންވާ މުއްދަތަކަށް ލިބޭ ޗުއްޓީއަކަށް ހެދުމަށް ގޮވާލައި ހުށައެޅި އިސްލާހެކެވެ. މިއިސްލާހާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން މެމްބަރު ޝަހީމް ވިދާޅުވީ މިއިނާޔަތަކީ މުޅި ދާއިރާގެ ހުރިހާ މުވައްޒަފުންނަށް ލިބޭ އިނާޔާތަކަށް ވުމަކީ ހެޔޮ ބަދަލަކަށް ވެގެންދާނެކަމަށެވެ.
މިފަދަ އިސްލާހެއް ހުށައަޅާއިރު ރައްޔިތުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކަށް ރިއާޔަތްކުރަންޖެހޭކަމަށް ޝަހީމް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ލަސްވުމާއި ބައެއް ފަނޑިޔާރުންނާއިމެދު އާންމުންގެ މެދުގައި ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެއްވިއެވެ. މިފަދަ އިސްލާހުތަކާއެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެފަދަ ފަނޑިޔާރުން ދެނެގަނެ ހައްގު އަދަބުދެވިގެން ދާނެކަމަށް ޝަހީމް ވިދާޅުވިއެވެ.

