ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ނޫސްވެރިކަން މި އޮތީ “ވައިލްޑް ވެސްޓް” އުސޫލުން: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުގެ ސަރުކާރުން ނޫސްވެރިންނަށް އިންތިހާއަށް މިނިވަންކަން ދީފައިވަކަމަށާއި، ބައެއް ފަހަރަށް އޭގެ ބޭނުން ނަހަމަގޮތުގައި ނަގައި ދޮގު މައުލޫމާތުތައް ފެތުރި ނަމަވެސް މީޑިއާތަކާއި މެދު ފިޔަވަޅު އެޅުމުގެ ވިސްނުން މިވެރިކަމުގެ އިސް ވެރިން ނުގެންގުޅޭކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ސްޓްރެޓެޖިކް ޕްލޭން 2022-2026 އިފްތިތާހުކޮށް ދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ޕްލޭން އިފްތިތާހުކޮށްދެއްވައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ޑިމޮކްރަސީގެ މަގަށް ދިވެހި ރާއްޖެ ގެނައުމުގައި ކުރެވުނު ބުރަ މަސައްކަތްތައް މީޑިއާތަކުން އާއްމުންނާއި ހަމައަށް ގެނެސްދިން ކަމަށެވެ. އެހެން ނަމަވެސް އެ ދުވަހުގެ އެ ހާލަތު މިއަދު ގިނަ މީހުންގެ ހަނދާނުން ކައްސާލާއިގެން ގޮސްފައިވާކަމަށާއި، މި ނޫނީ މީޑިއާތަކަށް އިންތިހާ މިނިވަންކަން ލިބޭ ދުވަހެއް ނާންނަކަމަށް ފައްޔާޒް ވިދާޅުވި އެވެ. އަދި އެކަން ހިޔާލު ތަފާތުކޮށް ސިޔާސީ މައިދާނުގައި މަސައްކަތް ކުރަމުންދާ މީހުން ވެސް ގަބޫލު ކުރާނެކަމަށެވެ.

ފައްޔާޒް ވިދާޅުވީ މިއަދު މީޑިއާތަކުން ހަގީގަތާއި، އެކު އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ވެސް ފަތުރަނީ ކަމަށެވެ. އަދި އެއީ ދެވިފައިވާ މިނިވަންކަމެއްގެ ބޭނުން މާބޮޑަށް ހިފުން ނަމަވެސް އެފަދަ އަމަލުތައް ފެންނަ އެއްވެސް މީޑިއާއަކަށް ނުވަތަ ވަކި ނޫސްވެރިއަކަށް ވެސް އެޅި ފިޔަވަޅެއް ނެތްކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މި ސަރުކާރުން ވަކާލާތު ކުރަނީ މީޑިއާއަށް މިނިވަންކަން ދިނުމަށްކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ، އޭގެ ބޭނުނަކީ ބޭނުންވާ މަގަކަށް ދަތުރު ކުރެވޭނީ ވަރުގަދަ މީޑިއާތަށް އޮވެގެންކަމަށް ގަބޫލު ކުރާތީ ކަމަށެވެ.

މީޑިއާއަކީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރަށްވާއިރު، ހަތަރު ބާރު ވަކިކޮށް ގާނޫނުތައް ހަދައި އިސްލާހުތައް ގެނައުމުގެ މާނައަކީ އަދި ކޮންމެހެން ޑިމޮކްރަސީ ހިފެހެއްޓުން ނޫންކަމަށް ފައްޔާޒް ވިދާޅުވި އެވެ. ޖުޑިޝަރީ ފިޔަވައި ދެން އޮތް ދެ ބާރަކީ ސިޔާސީ ކުލަ އެކުލެވޭ ބާރުތަކެއްކަމަށާއި، ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ޒިންމާދާރު ކުރުވުމުގެ އެންމެ ބޮޑު ބާރެއް ހަގީގަތުގައި އޮތީ މީޑިއާތަކުގެ އަތްމަތީގައިކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އެކަމަކު މި ހުރިހާކަމަކާއި ގުޅޭގޮތުން ވާހަކަ ދައްކަން އެންމެ މުހިންމީ ވަކި ކޮޅަކަށް ނުޖެހޭ މިނިވަން މީޑީއާއެއްގެ ގޮތުގައި ފައްޔާޒް ވިދާޅުވި އެވެ. އެކަން އަބަދު ދެމި ނޯވެދާނެކަމަށް ވިދާޅުވެ، އޭގެ ސަބަބެއްކަމަށް ފައްޔާޒް ފާހަގަކުރެވީ އެކަމަށް ހުރަސްއަޅާނެ ފަދަ ބަޔަކު ތިބުމެވެ. މިއަދުގެ ހާލަތު ތަފާތު ވަނީ މިނިވަންކަމަށް ޖާގަދޭ ބަޔަކު ތިބުންކަމަށް އޭނާ ވިދާޅުވި އެވެ.

“މިސާލަކަށް އެ ބާރު ކަނޑުވާލަން ބޭނުންވާނަމަ… ރައްޔިތުންގެ މަޖިލީހުން އެހެން ނޫނީ ސަރުކާރުން… މިއަދު އެކަން ކުރެވިދާނެ… އެހެންވީމަ މި ދަންނަވަން އުޅޭ ވާހަކައަކީ އެ ވިސްނުން އިންސްޓިޓިއުޝަނުން ބަދަލުވާ ދުވަހަކީ އެ ހައްގު ގެއްލިގެން ދާނެ ދުވަހޭ… ކިހިނެއްތޯ އެ ހިފަހައްޓާނީ…” ފައްޔާޒް

ފައްޔާޒް ވިދާޅުވީ ނޫސްވެރިކަމާއި މެދު އިތުބާރު ގާއިމު ކުރުން މުހިންމު ކަމަށެވެ. އެހެން ނަމަވެސް މިއަދު އާމުންގެ ތެރޭގައި މީޑިއާއަކާއި މެދު އެ އޮންނަން ޖެހޭ އިތުބާރު އޮންނަކަމަށް ގަބޫލު ނުކުރެވޭކަމަށް ފައްޔާޒްގެ ވާހަކައިގައި ވިދާޅުވެފައި ވެއެވެ.

“ލިބިފައި އޮތް މިނިވަންކަން އަޅުގަނޑުމެނަށް އާވުމުގެ ސަބަބުން ކަންނޭގެ، އަދި ރެގިއުލޭޓަޑް އެންވައިރަމެންޓް ނޫންކަމަށް ވާތީ އަޅުގަނޑުމެންނަށް މިއަދު ފެންނަނީ… އަޅުގަނޑުގެ ވަރަށް ބޮޑު ކޮމްޕްލެއިނެއް ހަބަރު ހައްދަވާއިރު އަބަދުވެސް އޮޅޭ ގޮތަށޭ ގެންނަނީ… އެއީ ރައްޔިތުންގެ ވަގުތު ވެސް އޮންނަ ގޮތުން މި ބަލާލަނީ ހެޑްލައިން”

ފައްޔާޒް ވިދާޅުވީ ހެޑްލައިނުގައި އެއްވެސް އޮޅުވާލުމެއް ނެތި، ދޭން ބޭނުންވާ މެސެޖު ދެވެން ޖެހޭ ކަމަށެވެ. އެގޮތަށް ކަން ނުކުރެވޭނަމަ ރައްޔިތުންގެ އިތުބާރު މީޑިއާތަކަށް ގެއްލޭނެކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފައްޔާޒް ވިދާޅުވީ މާލީ ދަތިކަމެވެ. މީޑިއާތަށް ހިންގަނީ ސްޕޮންސާތަކުންކަމަށާއި، މީޑިއާތަކަކީ ވިޔަފާރީގެ ނަޒަރަކުން ހިންގާ ތަނެއް ނޫންކަން ފައްޔާޒް ފާހަގަ ކުރެއްވި އެވެ. ނަމަވެސް އޭގެ ނަތީޖާއަކީ ސްޕޮންސާރ ދޭ ކުންފުނިތަކާއި ނުވަތަ ވިޔަފާރިތަކާއި ބެހޭގޮތުން ދެކެވޭ ގޯސް ވާހަކައެއްގެ ހަބަރު ނައުންކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ މީޑިއާގެ ހާލަތު އޮތީ “ވައިލްޑް ވެސްޓް” އުސޫލުން ކަމަށެވެ. ވައިލްޑް ވެސްޓްގެ ނަން އުފެދިގެން އައީ މިސިސިޕީ ކޯރުގެ ހުޅަނގުގައި އޮންނަ ސަރަހައްދުތަކުގެ ގާނޫނާ ހިލާފް އަމަލުތަކުގެ ސަބަބުން ނެވެ.

“މިއަދު ޖާނަލިޒަމް މިއޮތީ އަޅުގަނޑުމެން ތަންކޮޅެއް ދުވަސްވީ މީހުން ބުނާ ވައިލްޑް ވެސްޓް ކަހަލަ ގޮތަކަށް… ވައިލްޑް ވެސްޓަކީ އެމެރިކާގައި އެއްވެސް ލޯ އެންޑް އޯޑާރ އެއް ނެތި އެއްވެސް ރެގިއުލޭޝަނެއް ނެތި… އަޅުގަނޑަކަށް ނޭނގެ މި ހެޑްލައިން ދާނެ ގޮތެއް.. މީޑިއާތަކަށް ވައިލްޑް ވެސްޓޭ ބުނީކަމަށް ކަންނޭގެ ދާނީ” ފައްޔާޒް

ފައްޔާޒް ވިދާޅުވީ މީޑިއާތަކުގެ މައްޗަށް ގާނޫނީ ފިޔަވަޅު އެޅުން ގަބޫލެއް ނުކުރާ ކަމަށެވެ. އަދި އެއީ ހުދުމުހުތާރު ވެރިން އޭގެ ބޭނުން ނުބައި ގޮތެއްގައި ކުރާނެތީކަމަށް ވިދާޅުވި އެވެ. ނަމަވެސް ޒިންމާދާރު ނޫން ގޮތަކަށް އާއްމު ރައްޔިތުންނާއި ބެހޭ ގޮތަކުން ގެންނަ ހަބަރެއްގެ ސަބަބުން އެ މީހުންގެ ދިރިއުޅުން އެއްކޮށް ހަލާކުވާއިރު އެކަންކަން ބެލެން ޖެހޭކަމަށް ވިދާޅުވި އެވެ. މިއީ އަދަބު ދެވި، ބަލަން ޖެހޭ އަމަލެއްކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެކަމުގައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރުން ނުވަތަ މަޖިލީހުން ބެލުމަށް ވުރެ ސެލްފް ރެގިއުލޭޝަން ކަމަށެވެ.

މީގެ އިތުރުން ފައްޔާޒްގެ ވާހަކަފުޅުގައި މިއަދު ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން އެންމެ ފުޅާކޮށް އެބައޮތްކަމަށާއި، ނަމަވެސް ރައްޔިތުންގެ އިތުބާރު އެންމެ އެދެވޭ ގޮތެއްގައި އަދި ލިބިފައި ނެތްކަމާއި، އެހެންކަމުން މިފަދަ ޕްލޭނެއްގެ ތެރެއިން އެންމެ އިސްކަމެއް ދޭންވީ، ރާއްޖޭގެ ނޫސްވެރިކަމަށް އާންމުންގެ އިތުބާރު ހޯދުމާއި، ޕްރޮފެޝަނަލް ނޫސްވެރިން ބިނާކުރުންކަމުގައި ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ “ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމް” އެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: