ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މާތު ސަންގު“، ނޫސްވެރިކަމުގެ ދާއިރާގައި އެންމެ ރަނގަޅު ލީޑަރޝިޕެއް ދެއްކި ނޫސްވެރިޔާ

ވިމް އެވޯޯޑުގެ ތެރެއިން ސަންގުގެ އެޑިޓަރު މާހަތު އަދި ރައީސް ސާލިހުގެ އަނބިކަނބަލުން ފަޒްނާ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަންގުޓީވީގެ ނިއުސް އެންޑް ކަރަންޓު އެފެއަރޒް އެޑިޓަރު މާހަތު ހުސައިން ރަޝީދު(މާތު) އަށް “4 ވަނަ ވިމް މޯލްޑިވްސް ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑް 2022”ގައި ނޫސްވެރިކަމުގެ ދާއިރާއިން އެވޯޑު ލިބިއްޖެއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި މި ހަފްލާ ޝަރަފުވެރިކޮއްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުއެވެ.

ވިމް މޯލްޑިވްސްގެ އެވޯޑު ހަފްލާގެ ތެރެއިން: ފޮޓޯ/ ރައީސް އޮފީސް

މި ހަފްލާގައި ޖުމުލަކޮށް، އެވޯޑު ލިބިގެންދިޔައީ 45 މީހަކަށެވެ. ރާއްޖޭގައި ހަތަރުވަނަ ފަހަރަށް ބޭއްވި މި އެވޯޑުގައި މާތުއަށް ލިބިފައިވަނީ ނޫސްވެރިކަމުގެ ދާއިރާގައި އެންމެ ރަނގަޅު ލީޑަރޝިޕެއް ދެއްކި ނޫސްވެރިޔާ (ލީޑަރޝިޕް އެކްސެލެންސް އިން ދަ ފީލްޑް އޮފް ޖާރނަލިޒަމް) އެވޯޑެވެ.

ސަންގުޓީވީގެ ނިއުސް އެޑިޓަރު މާހަތު އަދި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު: ފޮޓޯ/ ރައީސް އޮފީސް

ވިމް މޯލްޑިވްސްއިން ދޭ ބައެއް އެވޯޑުތަކަކީ އަމިއްލަ އަށް ކުރިމަތި ލައިގެންދޭ އެވޯޑުތަކަކަށް ވީ ނަމަވެސް މާތުއަށް ލިބުނު އެވޯޑަކީ ކުރިމަތިލައިގެން ލިބުނު އެވޯޑެއް ނޫންކަން މި ފުރުސަތުގައި ފާހަގަކުރަމެވެ. މާތުއަށް ގޯލްޑް ކެޓަގަރީ އިން މި އެވޯޑު ދީފައިވަނީ، އާދަޔާ ހިލާފަށް ދާއިރާގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކާއި ހާސިލުކޮށްފައިވާ ލަނޑުދަނޑިތަކާއި ބެހޭގޮތުން އެ ޖަމިއްޔާއިން ހޯދާފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.

އެވޯޑު ހާސިލު ކުރެވުމުން ކުރެވޭ އިހުސާސްތާއި މެދު “ސަންގު” އިން މާތު އާއި ސުވާލު ކުރުމުން ބުނެފައިވާގޮތުން، އޭނާ ބޭނުންވަނީ ނޫސްވެރިކަމުގެ ދާއިރާއިން ދެވޭ އެންމެ ކުރިއަކަށް ދިއުމަށެވެ. އަދި ސަންގުގެ އެންމެ އިތުބާރު ކުރެވޭ އެއް މުވައްޒިފަކަށް ވެދާނެކަމަށް މާތު މީގެ ކުރިން ހީނުކުރާކަމަށާއި، ނޫސްވެރިކަމުގެ ދާއިރާގައި އޭނާގެ ކުރިއެރުމަށްޓަކާ މަންމަ އާއި ބައްޕަ އަދި އާއިލާގެ މެމްބަރުންނާއި ސަންގުގެ މެނޭޖުމެންޓުން ދީފައިވާ އެއްބާރުލުމަށް މާތު ޝުކުރު އަދާކުރިއެވެ.

މާހަތު އަދި އެނާގެ އާއިލާގެ މެމްބަރެއް: ފޮޓޯ/ ފޭސްބުކް

މާތު ބުނެފައިވާގޮތުން އޭނާ ބޭނުންވަނީ އަންނަނިވިި ޖީލުތަކަށްވެސް މި ދާއިރާގައި މިސާލެއްގެ ގޮތުގައި ފެނިގެންދިއުމަށެވެ. އަދި އެ ލަނޑުދަނޑި ހާސިލު ކުރުމަށްޓަކައި ކުރިއަށް އޮތްތާވެސް ކެނޑިނޭޅި މަސައްކަތް ކުރާނެކަމަށް ބުނެފައިވެއެވެ.

މާތު ބުނި ގޮތުގައި ނޫސްވެރިކަމުގެ މި ހަޔާތުގައި އެންމެ ބޮޑު އުފަލެއް އަދި އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބި ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވި ދުވަހަކީ 1988 ވަނަ އަހަރު ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖޭގެ ވެރިރަށް މާލެއަށް އަރާ ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރިޔާ ބާގީ އަބްދުﷲ ލުތުފީ ފިލައިގެން ގޮސް ރާއްޖެއިން ބޭރުގައި ހުއްޓާ އޭނާ ހައްޔަރު ކުރެވި އަލުން ރާއްޖެ ގެނެވުނު ދުވަހުގެ މަންޒަރުތައް ކަވަރު ކުރުމުގައި އަދި އަމަލީ ގޮތުން އެތަނުގައި ހަރަކާތްތެރިވުމަށް ފުރުސަތު ލިބުނު ދުވަހެވެ. އަދި އެ ދުވަހަކީ ނޫސްވެރިކަމުގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ހިތް ހަމަޖެހުންކަމަށާއި އެ ދުވަސް ދުވަހަކުވެސް ހަނދާނުން ނުފިލާނެކަމަށް އޭނާ ބުނެފައިވެއެވެ.

މާތު ބުނިގޮތުން މިހާތަނަށް ކެރިއަރގެ ތެރޭގައި އެންމެ ތަފާތު ކަމެއްގެ ގޮތުގައި ކުރެވުނު މަސައްކަތަކީ 2018 ގެ މުޒާހަރާތައް ކަވަރު ކުރުމެވެ. އަދި ކޮވިޑްގެ ތެރޭގައި ދޮޅު އަހަރު އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއް ދޫނުކޮށް ހާޒިރުވުމަކީވެސް އޭނާ ހާސިލު ކުރަން ބޭނުންވެ ކާމިޔާބު ކުރެވުނު ލަނޑުދަނޑިއެއްކަމަށް މާތުވަނީ ފާހަގަކޮށްފައެވެ.

ސަންގުޓީވީގެ ނިއުސް އެޑިޓަރު މާހަތު: ފޮޓޯ/ ރައީސް އޮފީސް

މާތު އަކީ 2020 ވަނަ އަހަރު މޯލްޑިވްސް މީޑިއާ ކައުންސިލުގެ އެވޯޑު ހަފްލާއިން ދެ އެވޯޑެއް ކާމިޔާބުކޮށްފައިވާ ނޫސްވެރިއެކެވެ. 2020 ވަނަ އަހަރު މާހަތު ކާމިޔާބު ކުރީ އެމްއެމްސީގެ ސިޔާސީ ދާއިރާގެ އެންމެ މޮޅު ނޫސްވެރިޔާ އެވޯޑާއި، އެންމެ މޮޅު ފީޗާރ ރިޕޯޓަރ އެވޯޑެވެ.

ސަންގުޓީވީގެ މެނޭޖުމެންޓާއި ނިއުސްރޫމްގެ މެމްބަރުން: ފޮޓޯ/ސަންގު

ސިޔާސީ ދާއިރާ އަދި ޝަރުއީ ދާއިރާއަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ މާތު އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2015 ވަނަ އަހަރު “ދި ޓީވީ” އިންނެވެ. އެއަށްފަހު، 2016 ވަނަ އަހަރުގެ ތެރޭގައި ފްރީލޭންސްކޮށް ކިޑްސް ޝޯ ޕްރެޒެންޓަރއެއްގެ ގޮތުގައި ސަންގާއި ގުޅުނު މާތު ފުރަތަމަ ސީރިއަސް ރޯލަކުން ފެނިގެންދިޔައީ ސަންގުޓީވީގެ “ފުރަމެންދުރު” ޕްރޮގްރާމުގައެވެ.

ސަންގުގެ އެޑިޓަރު މާހަތު: ފޮޓޯ/ ފޭސްބުކް

ނޫސްވެރިކަމަށް ހުންނަ ޝައުގުވެރިކަމުގެ ބޮޑުކަމުން އޭރުވެސް އެނާ ނިއުސްރޫމުގެ ތެރޭގައި ވަގުތުތަކެއް ހޭދަކުރެއެވެ. އަދި އެކި ކަންކަން ކުރުމުގައި ޝާމިލުވެ ޝައުގުވެރިކަމާއި އެކު ދަސްކުރަމުންދިޔައެވެ. ދުވަސްކޮޅެއްގެ ތެރޭގައި ނިއުސްރޫމްގެ ދާއިމީ މެމްބަރެއްގެ ގޮތުގައި ހިމެނުނު މާތު ކުރިއަރައިގެންދިޔައީ އަމިއްލަ އިސްނެގުމުގެ މައްޗަށް ކުރި ގިނަ މަސައްކަތްތަކެއްގެ ތެރެއިންނެވެ.

މާހަތު ހުސައިން ރަޝީދު ރައީސް ޔާމިން އާއި އެކު ކުރިއަށް ގެންދިޔަ އިންޓަރވިއުއެއްގެ ތެރެއިން: ފޮޓޯ/ ސަންގު

އެގޮތުން 2018 ވަނަ އަހަރު ރާއްޖޭގެ ސިޔާސީ މަޝްރަހު ހޫނުވެގެންދިޔައިރު، މާތު ވަނީ މުޒާހަރާތަކާއި ޖުމުލަ ސިޔާސީ މަޝްރަހު ކަވަރު ކުރުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވެފައެވެ. ނޫސްވެރިކަމުގެ ހަޔާތުގައި އޭނާ އަށް އެންމެ ފާހަގަކުރެވޭ އެއް ކާމިޔާބީ ލިބިގެންދިޔައީ 2020 ވަނަ އަހަރުގެ ތެރޭގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ދެ އެވޯޑެއް ހާސިލު ކުރެވުމުންނެވެ. އަދި 2019 ވަނަ އަހަރުގައި އޭނާ ވަނީ ރާއްޖޭގެ އެންމެ އުންމީދީ ނޫސްވެރިޔާގެ މަގާމަށްވެސް ނޮމިނޭޓުވެފައެވެ. ކޮވިޑްގެ ދަތި ހާލަތުގެ ތެރޭގައިވެސް ރާއްޖޭގެ ހާލަތު ރައްޔިތުންނާއި ހިސާބަށް ގެންސްދިނުމުގައި މާތުވަނީ ކެނޑިނޭޅި ހަރަކާތްތެރިވެފައެވެ. މިހާރު މާތު މަސައްކަތްކުރަމުންދަނީ ސަންގުޓީވީ އަދި ނިއުސްރޫމްގެ ޖުމުލަ މަސައްކަތްތައް ބެލެހެއްޓުމުގައި އެންމެ އިސް ރޯލެއް އަދާ ކުރާ އެއް މެމްބަރެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 67%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވަރަށް ހިތްވަރުގަދަ، ފިސާރި ކެރޭ ނަމޫނާ ނޫސްވެރިއެއް. މާތުއަށް ކުރިއެރުމާއި ރަންގަޅު މުސްތަގުބަލަކަށް އެދެން. ދިވެހި ނޫސްވެރިން އަދި ޕްރެޒެންޓަރުންގެ ތެރެއިން އަޅުގަނޑު އެންމެ ގަޔާވާ ނޫސްވެރިއާ. މާތު އަށް މަރުހަބާ ކިޔަނީ ހިތުގެ އެންމެ ފުންމިނުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: