ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޫނިތައް މަރާލި މައްސަލަ ބޮޑުވެ، މަޖިލީހުގައި ވެސް އެ ބަހުސް!

ނައްތާލެވުނު ދޫނިތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ގަވައިދާ ހިލާފަށް އެތެރެކުރި ދޫނިތަކެއް މަރާލަން ޖެހޭ ސަބަބެއް ނެތްކަން ފާހަގަކޮށް، އެކަމުގައި ޝާމިލުވާ މީހުންގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ގޮވާލައިފި އެވެ.

މިއަދުގެ މަޖިލީހުގައި މި މައުޟޫއަށް ވާހަކަ ދައްކާފައިވަނީ، ސަރުކާރުގެ ފަރާތުން، މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހުށަހެޅުއްވި “ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިކުރުމުގެ ބިލު” ގެ ބަހުސް ކުރަމުންނެވެ. ޖަލްސާގައި މެމްބަރުން ވިދާޅުވީ އިންސާނަކު ކުރި ކުށެއްގެ ސަބަބުން، ނުވަތަ ގަވައިދާއި ހިލާފަށް ހިންގި އަމަލެއްގެ ސަބަބުން ޖަނަވާރުތަކަށް އަނިޔާ ދޭން ނުޖެހޭ ކަމަށެވެ.

މިއީ ތިމާވެށި ހިމާޔާތްކޮށް، ދިރޭތަކެތީގެ ހިމާޔަތުގައި މަސައްކަތް ކުރާ ސަރުކާރަކަށްވާއިރު ދޫނިތަކަށް އިންޖެކްޝަން ޖަހައި މަރާލި މައްސަލަ ބަލަން މެމްބަރުން ގޮވާލި އެވެ. ގަވައިދާއި ހިލާފަށް ރާއްޖެއަށް ދިރޭތަކެތި އެތެރެ ކުރާ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ގޮތެއް ގަވައިދުގައި ބަޔާންކޮށްފައި ވެއެވެ. ދިރޭ ޖަނަވާރު އެތެރެކުރުމުގެ ގަވާއިދުގައި ވާ ގޮތުން މަނާއެއްޗެއް އެތެރެކޮށްފި ހާލަތެއްގައި ޖެހޭނީ އެ އެއްޗެއް ގެނައި ގައުމަކަށް އަނބުރާ ފޮނުވާލަން ނުވަަތަ ނައްތާލާށެވެ. ނުވަތަ އެ ޝިޕްމެންޓެއް އެތެރެ ކުރާ މީހެއް 50،000 ރުފިޔާ އިން ބޮޑު ނޫން އަދަދަކުން ޖުރިމަނާ ކުރުމުގެ ބާރު ވެސް ދީފައި ވެއެވެ.

ރާއީ ވަނީ ބިލު ހުށަހަޅުއްވަމުން، ދޫނިތައް މަރާލާފައިވާ ހާދިސާއެއް ދިމާވެފައި ވަނިކޮށް މަޖިލީހަށް ބިލު ހުށަހަޅާ ތާރީހާ ދިމާވުން މިއީ އިއްތިފާގެއް ކަމަށެވެ. ރާއީ ބިިލު ހުށަހަޅުއްވައި ނިމުމުން މަޖިލީހުގެ ރިޔާސަތުގައި ހުންނަވައި ރައީސް ނަޝީދު ވަނީ ގަވަދާއި ހަވާލާދީ، އެކަން ކުރި ބަޔަކު ކުރީ އޭގެ ދަށުންކަމަށް ބެލެވޭކަމަށް ވިދާޅުވެފަ އެވެ. މައްސަލައިގައި އަމަލު ކުރެވިދާނެ ބައިތަކުގެ ތެރޭގައި “ނައްތާލުން” ހިމަނާފައި އޮތަސް އެކަމާއި މެދު އާއްމު ރައްޔިތު މީހާ ވަރަށް ބޮޑަށް ވިސްނާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ދޫނިތައް ނައްތާލުމަށް ނިންމި ނިންމުމުގެ ފަހަތުގައި ކޮންމެވެސް ސަބަބުތަކެއް ވާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިއީ 2008 ގެ ގަވައިދެއްކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ އޭގައި ވަނީ “އެތެރެ ކުރި ތަކެތި ނައްތާލުން” ކަމަށެވެ. އެހެން ކަމުން ދިރޭ އެއްޗަކާއި ހަމައިން ކަންބޮޑުވުން އަންނާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މިއަދުގެ ބަހުސްގައި އިދިކޮޅު މެމްބަރުން ވަނީ ދޫނިތައް މަރާލި މައްސަލައިގައި ސަރުކާރަށް ވެސް ފާޑުވިދާޅުވެފަ އެވެ. އެބޭފުޅުން ގޮވާލީ ގަވައިދާއި ގާނޫނުގައި ގޯހެއް ވާނަމަ އެކަންކަން އިސްލާހު ކުރުމަށެވެ. މީގެ ކުރިން މިފަދަ ވާހަކަތެއް ހުއްޓަސް، މިއަދު ދިވެހިންނަކީ ކަންކަމާއި މެދު ހޭލުންތެރިވެ، ތިމާވެއްޓަށް ލޯބި ކުރާ އަދި ހާއްސަކޮށް ޒުވާނުންނަކީ ތާފަތު އެކި އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރާއި، ދޫނިތަކަށް ލޯބި ހުންނަ ބައެއްކަން ފާހަގަ ކުރި އެވެ. މައްސަލަ ސީރިއަސް ވަނީ އެ ސަބަބާއި ހުރެކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އާދަމް ޝަރީފްގެ ވާހަކައަށް ތާއީދު ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އެވެ. އީވާ ވެސް ވަނީ ދޫނި މަރާލުމަކީ އެއީ ހައްލެއް ނޫންކަން ފާހަގަކޮށް، އެ މަރާލަން ޖެހޭ ސަބަބެއް ނުވިސްނޭކަމަށް ވިދާޅުވެފަ އެވެ.

އީވާ ވިދާޅުވީ އިންސާނަކު ގަވައިދާ ހިލާފުވުމުން، އަދަބު ލިބެން ޖެހޭނީ ދޫނިތަކަށް ނޫން ކަމަށެވެ. ދޫނިތަކާއި މެދު އަމަލު ކުރެވިދާނެ ގޮތެއްގެ ލަފާ ހޯދަން ފިޝަރީސް މިނިސްޓްރީން އެޓާނީ ޖެނެރަލްގެ ލަފާ ހޯދާފައިވާތީ އީވާ ވަނީ އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ. ޖަނަވާރުންގެ ހިމާޔަތާއި ރައްކާތެރިކަމަށް އެއްދުވަހު ވައްކާލާތުކޮށް، އޭގެ ފަހަތުން އެއަށް އަނިޔާ ދިނުން އެއީ ދެ އަނގައިން ވާހަކަ ދެއްކުންގެ ގޮތުގައި އީވާ ސިފަ ކުރެއްވި އެވެ.

މިއަދުގެ ޖަލްސާގައި ދޫނިތައް މަރާލުން ދިފާއުކޮށް ވާހަކަ ދެއްކެވީ، ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. އޭނާ ވަނީ އެ ދޫނިތަކުން ބަލިތައް ވެސް ފެތުރުމުގެ ފުރުސަތު އޮތީސްކަމަށް ވެސް ވިދާޅުވެފަ އެވެ. ޝަރީފް ސިފަ ކުރީ ދޫނިތައް އެއީ “އެޓަމް ބޮމެއް” ގެ ގޮތުގަ އެވެ. އެގޮތަށް އޭނާ ސިފަ ކުރި ސަބަބަކީ ދޫނިތަކަކީ ވެކްސިނާއި، ދޭން ޖެހޭ ފަރުވާ ދީ ގެންގުޅެން ޖެހޭ އެއްޗެއްކަމަށް ބުނެ، އެގޮތަށް އެވެސް ޓެސްޓެއް ކުރުމެއް ނެތި އެތެރެ ކުރާ އެއްޗަކުން ވާނެ ގެއްލުން ސައިންޓިސްޓުންނަށް އެނގޭނެ ކަމަށް ވިދާޅުވި އެވެ.

ދޫނިތައް މަރާލުމުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ތަފްސީލީ ރިޕޯޓެއް ހުށައެޅުމަށް ރައީސުލް ޖުމްހޫރިއްޔާ ފިޝަރީޒް މިނިސްޓްރީއަށް ވެސް ވަނީ އަންގާފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ ގަވާއިދާއި ހިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުގެ މައްސަލައިގައި ކަން ހިނގާދިޔަ ގޮތުގެ ތަފްސީލީ ރިޕޯޓެއް ހުށައެޅުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރަށް ރައީސުލް ޖުމްހޫރިއްޔާ އަންގަވާފައިވާ ކަމުގައެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކުރި ގޮތުގައި ނައްތާލެވިފައިވާ ދޫނިތަކަކީ މީގެ ދެތިން މަސް ކުރިން ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެ ކުރުމުން ހިފަހައްޓާފައިވާ ދޫނިތަކެއް ކަމަށާއި އެތަކެތި ނައްތާލީ އެކަމަށް ކަނޑައަޅާފައި އޮންނަ އުސޫލުގެ ތެރެއިން އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަށް ފަހު ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށެވެ.

އެކަމާއި ގުޅިގެން އެޓާނީ ޖެނެރަލް އާންމުކުރި ބަޔާނެއްގައިވާ ގޮތުގައި ދޫނިތައް މެރުމަށް ގާނޫނީ ލަފައެއް ދީފައި ނުވާނެ ކަމަށާއި ދޫނިތައް މަރާލުމުގެ ބަދަލުގައި އެތެރެކުރި ގައުމަށް އަނބުރާ ފޮނުވާލުމަކީ ގާނޫނީ ގޮތުން އެޅިދާނެ ފިޔަވަޅެއް ކަމުގައިވެސް އެޓާރނީ ޖެނެރަލްގެ އޮފީހުން އާންމު ކޮށްފައިވާ ބަޔާނުގައި އިތުރަށް ހާމަކޮށްފައިވެއެވެ.

ދޫނިތައް ނައްތާލި މައްސަލައިގައި އާންމުންގެ ތެރެއިން ގިނަ ބައެއްގެ ފާޑު ކިޔުމާއި ނުރުހުން ސަރުކާރަށް އަމާޒުވެފައިވާއިރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ހުށައެޅުއްވި ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރިއާއި ގުޅޭ ބިލަށް ބަހުސް ކުރައްވަމުން މަޖިލިސް މެމްބަރުން ވަނީ ދޫނިތައް ނައްތާލިކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި ދޫނިތަކުގެ މަރާއި ގުޅިގެން ޒުވާނުން އިސްނަގައިގެން މިއަދު ހަވީރު އާޓިފިޝަލް ބީޗް ސަރަހައްދުގައި މުޒާހަރާއެއް ބޭއްވުމަށްވެސް ނިންމާފައިވާކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: