ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ލޯބި ވެވޭނީ ކޮންމެވެސް ތަޖުރިބާތަކެއް ކުރެވިގެން”

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯބިވެވެނީ ކޮންމެވެސް މިންވަރެއްގެ ތަޖުރިބާތަކެއް ކުރެވިގެންނެވެ. މިއީ އެއްވެސް ފަރާތަކަށް ދެކޮޅު ނުހެދޭނެ ހަގީގަތެކެވެ. ގައުމެއްގެ ރައްޔިތުން އެ ގައުމެއް ދެކެ ވާ ލޮތްބަކީވެސް ހަމަ މި ދެންނެވި ފަދައިން ވެވޭ އެއްޗެކެވެ. ދިވެއްސެއް ނަމަވެސް ހަޔާތް އެއްކޮށް ބޭރު ކޮންމެވެސް ގައުމެއްގައި ހޭދަކުރާ ނަމަ، އަދި ރާއްޖެ ތަޖުރިބާ ކުރެވިފައިނުވާނަމަ، ގައުމީ ވިސްނުމެއް ނުގެންގުޅުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ދިވެހިރާއްޖެ އެކުލެވިފައިވަނީ ހާހަށްވުރެ ގިނަ ކުދި ރަށްތަކަކުންނެވެ. މި ރަށްތަކުގެ ތެރޭގައި މީހުން ދިރިއުޅެމުންދަނީ މަދު ރަށްތަކެއްގައެވެ. ބައެއް ރަށްތަކުގައި ރިސޯޓުތައް ތަރައްގީކޮށްފައިވާއިރު އަނެއް ރަށްތަކަށް މި ކިޔަނީ ފަޅުރަށެވެ. ދިވެހިރާއްޖޭގައި ފަޅުކޮށް އެތައް ސަތޭކަ ރަށެއްވެއެވެ. ގިނަ ދިވެހިންނަށް މި ދެންނެވި ރަށްތަކުގެ ތެރޭގައި ނުދެވޭ އެތައް ރަށެއް ވާނެއެވެ. މައްސަލަތައް އުފެދިގެން އަންނަނީ މި ސަބަބާއި ގުޅިގެންނެވެ.

މިއަދު ރަށް ގިރުން ފަދަ މައްސަލަތަކަށް ހައްލުތައް ހޯދުމުގެ ވާހަކަތައް ދެކެވެމުންދާއިރު، ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ވާޙަކަތައް ވެސް އިންތިހާއަށް ދެކެވެއެވެ. އެހެންނަމަވެސް ހައްލުތަކެއް ލިބުމުގެ ކޮޅުމަތިވެސް ފެންނަން ނެތެވެ. ރާއްޖޭގައިވެސް މި މަސައްކަތްތައް ޖުމުލަގޮތެއްގައި ކުރެވިގެންދަނީ އެހެނިހެން ގައުމުތަކުގައިވެސް އެ ކަން ކުރަމުންދާ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ކުދި ބަދަލުތައް ގެނެސްގެނެވެ. އެހެންނަމަވެސް ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ވަރަށްވެސް ނާކާމިޔާބެވެ.

ބައެއް ހާލަތްތަކުގައި އެ ވަގުތެއްގައި އޮތް ސަރުކާރަކުން ގެންގުޅެމުންދާ ސިޔާސަތުތަކުގެ ސަބަބުންވެސް މައްސަލަތައް ދިމާވެއެވެ. ރާއްޖޭގެ ކުނި މެނޭޖު ކުރުމުގައި ބޮޑެތި މައްސަލަތައް ކުރިމަތިވެ، ވެރިކަން ކުރާ ރަށް، މާލޭގެ އެކި ސަރަހައްދުތަކުގައި ފުނި ފުންޏަށް ކުނި ޖަމާކޮށްފައިވާކަމުގެ ވާހަކަތައް ސޯޝަލްމީޑިއާގައި އެކި ފަރާތްތަކުން ކުރަމުންދާއިރު، ގާނޫނީ ގޮތުން ރާއްޖެއަށް ކުނި އެތެރެ ކުރެވޭނެ މަގެއް ފަހިވެގެންދިއުމަކީ ސަރުކާރުގެ ވިސްނުންތެރިކަމުގެ މައްސަލައެއްގެ މިސާލެކެވެ.

ދިވެހި ސަރުކާރުން މި މަސައްކަތްތައް ކުރުމަށްޓަކައި ގެންގުޅެމުންދާ އުސޫލުތަކުގެ ތެރޭގައި މި ދެންނެވި ފަދަ މައްސަލަތައް ނޫނަސް ބޮޑެތި މައްސަލަތައް އެބަ ހުއްޓެވެ. އާންމުން ނުވަތަ ދިވެހި ރައްޔިތުންގެ އެއްބާރުލުން ތިމާވެށީގެ މަސައްކަތްތަކަށް ލިބިގެންދަނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް ބުނެވިދާނެއެވެ. ރާއްޖޭގެ ގިނަ މީހުންނަކީ ކޮތަޅެއް ނުވަތަ ޕްލާސްޓިކު ކުނިގަނޑެއް މޫދަށް ނުވަތަ ވަށައިގެންވާ ވެއްޓަށް ދޫކޮށްލުމާއިމެދު ކުޑަކޮށްވެސް ވިސްނާ ނުލާ އެކަމެއް ކުރާނެ މީހުންނެވެ. ހިތާމެވެރި އަދި ހިތިނަމަވެސް މިއީ ކަން ހިނގަމުންދާ ގޮތެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ތިމާވެއްޓަށް އޮންނަ ގަދަރު ކުޑަވެގެންދާ ސަބަބުތައް އެބަ ހުއްޓެވެ. ރާއްޖޭގެ ކޮންމެ ރަށަކީވެސް ދިވެހި ކޮންމެ ރައްޔިތެއްގެވެސް ބާރު ހިނގަންޖެހޭ އަދި ހައްގު އޮތް ތަނެކެވެ. އެހެންނަމަވެސް އެކަން އިހުސާސް ނުކުރެވޭކަމަށް ބުނުމަކީ ދޮގަކަށް ނުވާނެވެ.

ރާއްޖޭގެ ފަޅުރަށްތަކާއި މީހުން ދިރިއުޅޭ ރަށްތަކުގައިވެސް ވެށި ހިމާޔަތްކުރުމާއި ބެލެހެއްޓުމުގެ މަސައްކަތްތައްވެސް ކުރަނީ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިންނެވެ. އެހެންނަމަވެސް ޓެކްސްފައިސާއިން ކުރަމުންދާ ތިމާވެށި ރައްކައުތެރި ކުރުމުގެ މަސައްކަތްތައް އޮތް ގޮތް ތަޖުރިބާ ކުރުމުގައި ބޮޑެތި ދަތިތައް ހުރެއެވެ. ރަށެއް ކޮންމެވެސް ބައެއްގެ ބެލުމުގެ ދަށުގައި އޮތުން، ސަރުކާރުގެ ހުއްދެއެއް ނެތި އެރުން މަނާވުން، މިފަދަ ކޮންމެވެސް ކަމެއް އާންމު ހާލަތުގައި ދިމާވެއެވެ.

ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރަމުންދަނީ ކޮން ތަނެއްގައި ތިބި ކޮން ތަކެއްޗެއްކަންވެސް ގިނަ މީހުންނަށް ނޭނގެއެވެ. އެހެންކަމުން އެ މަސައްކަތްތަކަށް ގިނަ މީހުންގެ ޝައުގުވެރިކަމެއް ނުހުރެއެވެ. ކުރިންވެސް ދެންނެވި ފަދަައިން ލޯބި ވެވޭނީ ކޮންމެވެސް ތަޖުރިބާތަކެއް ކުރެވުމުންކަމަށްވުމުން، ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖެ ތަޖުރިބާ ކުރުމުގެ ފުރުސަތު ފުޅާކޮށް އޮންނަން ޖެހެއެވެ. މުޅި ރާއްޖޭގެ ފުރިހަމަ ބޭނުން ހިފޭނީ މުޅި ރާއްޖެ ދެނެގަނެވިގެންނެވެ. އަދި ރާއްޖޭގައި ހިމާޔަތްކުރަންޖެހޭ ތަކެއްތި އާންމު ފަރުދުންނަށް އެނގި އެ މަސައްކަތްތަކަށް ޝައުގު ޖެހޭނީވެސް އެ މަގު ފުޅާކުރެވިފައި އޮވެގެންނެވެ.

ބޭރު ގައުމުތަކުގެ މޮޑެލްތަކަށް ބަލައިން މަސައްކަތްތައް ފައްޓާއިރު، އެ ގައުމުތަކުގައި އެ މަސައްކަތްތައް ކުރިއެރުވުމަށްޓަކައި ކުރެވެމުންދާ ކަންކަން ނުވަތަ ރައްޔިތުންނަށް ފަހިކޮށްދީފައިވާ މިނިވަންކަންވެސް ރާއްޖެއަށް ގެނައުން އެހާމެ މުހިންމެވެ.

ތިމާވެށި ހަލާކު ކުރުމާއި ހިމާޔަތްކުރުމުގައިވެސް އެންމެ އިސް ގައުމުތަކަށް ބަލައިފި ނަމަ، އެ ގައުމެއްގެ ރައްޔިތަކަށް އެއްވެސް ފަރާތަކުން ބޭނުން ނުކުރާ ހުސް ސަރަހައްދެއްގައި ވެއްޓަށް ގެއްލުމެއް ނުދީ ދިރިއުޅުމުގެ ފުރުސަތުވެސް ފަހިވެފައިވާކަން ފެނިގެންދާނެއެވެ. އާހިރުގައި އެތަނެއް ދެމި އޮންނަނީ ރައްޔިތު މީހާގެ ފައިސާގެ ބާރުގައިކަމަށްވުމުން، އެ ބަޔަކަށް އެތަނަށް ޒިޔާރަތް ނުކުރެވެންވީ ސަބަބެއް ނޯންނާނެއެވެ.

.އެ މަސައްކަތްތަކުގައި މީހުން ޝާމިލުވާ މިންވަރު އެ ގައުމުތަކުގައި އިތުރުވަމުންދަނީ އިމެއްގެ ތެރެއިން ނަމަވެސް އެ ތަންތަން ތަޖުރިބާކޮށް ހިތްޖެހުމަށް ފުރުސަތުތަކެއް ލިބިގެންދާތީއެވެ. ދިވެހިރާއްޖޭގެ ތިމާވެށި ހަލާކުވެ، ރަށްތައް ގިރައިގެންދާ ވާހަކަތައް އިންތިހާއަށް ދެކެވެމުންދާއިރު، އެ މަސައްކަތްތައް ކުރުމަށްޓަކައި މުޅި ގައުމުގެ އެހީ ބޭނުންވާކަން ސާފެވެ.

އެހެންނަމަވެސް ޓެކްސްފަައިސާއިން ބޮޑެތި ހަރަދުތައް ކޮށްގެން ހިމާޔަތްކުރާ ރަށްތަކަކީ ދިވެހި ރައްޔިތަކަށް ދިރިއުޅެވޭނެ ތަންތަނަށް ނުވާނެ ނަމަ، އެތަންތަން ހިމާޔަތްކުރުމުގެ މުހިންމުކަމާއިމެދުވެސް ސުވާޅު އުފެއްދުމަށް ޖާގަ އޮވެއެވެ. އެއްވެސް ބަޔަކަށް ދިރިއުޅުމުގެ ފުރުސަތު ލިބެން ނެތް ތަންތަން ހިމާޔަތްކުރުމަށް ރައްޔިތުން ހަނާ ވާންވީ ކޮން ބޭނުމެއްގައިތޯ މިއީ ދިވެހި ރައްޔިތުންގެ ތެރޭގައި ކުރެވޭ ސުވާލެކެވެ.

ސިންގަލް ޔޫޒް ޕްލާސްޓިކު މަދުކުރެވޭނީ އެ ތަކެތި ބޭނުންކުރަމުންދާ ފަރާތްތައް ހޭލުންތެރިވެގެންކަން ސަރުކާރުގެ އިސްވެރިންވެސް ދަންނާނެއެވެ. ހޭލުންތެރި ކުރެވޭނީ ކަންކަން ތަޖުރިބާ ކުރެވިގެންނެވެ. މާލޭގައި ހުރެ މޫދަށް އުކާލާ ކޮތަޅު އޮޔާ ގޮސް ލިބިގެންދާ ގެއްލުންތައް ފެނިގެންނެވެ. އެހެންކަމުން ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ފަސްގަނޑުގައި ހުދޫދެއްގެ ތެރޭގައި މިނިވަންކަމާއިއެކު އައިސް ގޮސް ހެދޭނެ މަގު ފަހިކޮށް ފުޅާ ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ.

ރާއްޖެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައިވެސް މުޅި ރާއްޖޭގައި ދިވެހި ރައްޔިތުންނަށް ވަޒަންވެރިވެ ދިރިއުޅޭވޭނެ ގޮތް ފަހިކޮށްދިނުން މުހިންމެވެ. މިއަދު އެތައް ބިމެއް ހިއްކަމުންދަނީ ގުދުރަތީގޮތުން ލިބިފައިވާ އެތައް ބިމެއް ހުސްކޮށް އޮއްވާއެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: