ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސައިކަލް ކުރުން: އިގްތިސާދު ފުޅާކުރުމަށް އެޅުން މުހިންމު ފިޔަވަޅެއް!

ބ. އަތޮޅުގެ ރަށްތަކުން ބޭރަށް ފޮނުވުމަށް އެއްކޮށްފައިވާ ކުނިތައް/ ފޮޓޯ: ސޮނެވާ ނަމޫނާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިގްތިސާދުގެ ވާހަކަތައް ދައްކަވާއިރު، ދިވެހިރާއްޖޭގެ ސަރުކާރުގެ އިސްވެރިން ހިތާމައާއިއެކު ދަންނަވާ އެއް ވާހަކައަކީ ރާއްޖޭގެ އުފެއްދުންތެރިކަން ދަށް ވާހަކައެވެ. އުފެއްދުންތެރިކަން ދަށީ ތަކެތި ބިނާ ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ގުދުރަތީ މައުދަނުތައް ނެތުމުންކަމަށްވެސް ބައެއް ފަރާތްތަކުން ވިދާޅުވެއެވެ. ވަކި ސަރުކާރެއްވެސް ނޫނެވެ. ވޭތުވެދިޔަ ސަރުކާރުތަކުން ދިވެހިރާއްޖޭގެ އިގްތިސާދީ ސިނާއަތު ފުޅާ ކުރުމާއިމެދު މާ ފުން ވިސްނުންތަކެއް ވިސްނާފައިނުވެއެވެ. އެއަރޕޯޓު ބިނާ ނުކުރާ ވާހަކައެއް ނޫނެވެ. އެހެންނަމަވެސް ކުރެވެން އޮތް މުހިންމު އެތައް ކަމެއް ނުކުރުމުގެ ސަބަބުން ތައުލީމީ ގޮތުން ދުނިޔޭގެ އެންމެ މަތީ ހަރުފަތްތަކުގައި ފިޔަޖަހަމުންދާ ދިވެހި ޖީލުތަކަށް އެ ވިސްނުންތެރިކަމުގެ ފުރިހަމަ ބޭނުން ހިފައި ރާއްޖެ މުޅިން އާ ޒަމާނަކަށް ގެންދިއުމަށް ފުރުސަތު ފަހިކޮށްދީފައިނުވެއެވެ.

ބޭރު ގައުމުތަކުގައި ތަކެތި އުފައްދަމުންދަނީ އެ ގައުމުތަކުގައި އެކި ތަކެތި އުފެއްދުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް ހުރުމުންކަމަށް އިގްތިސާދީ ސިނާއަތުގެ ތެރޭގައި އެކި ހައިސިއްޔަތުތަކުން ފިޔަޖައްސަވަމުންދާ ބައެއް ފަރާތްތަކުން ވިދާޅުވެއެވެ. ވިދާޅުވަނީ ކާރެއްގެ ވާހަކަދައްކާނަމަ، އެއީ ފަރުމާ ކުރުމަށް ބޭނުންވާ ދަގަނޑު ނެތުން ފަދަ ކަމެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ސިނާއީ މަސައްކަތްތައް ކުރެވޭ މިންވަރު ދަށީ އެފަދަ ވަސީލަތްތައް ނެތުމުގެ ސަބަބުން ކަމަށް ސިފަކުރެއެވެ. ވިސްނުން ތަފަތީ ނުވަތަ ކޮށީ ކަމެއް ސާފެއް ނޫނެވެ. ދުނިޔޭގެ އެންމެ އުފެއްދުންތެރި ގައުމުތަކުންވެސް ހަމަ ބައެއް ތަކެތި އިމްޕޯޓު ކުރަން ނުޖެހި ނުދެއެވެ. އެހެންކަމުން ރާއްޖޭގައި ސިނާއީ މަސައްކަތްތައް ކުރެވެމުންދާ މިންވަރާއި ރާއްޖޭގެ އަމިއްލަ އުފެއްދުންތަކުގެ އަދަދުތައް ދަށީ އެ ވިސްނުމުގެ ސަބަބުންކަމަށްވެސް ބުނެވިދާނެއެވެ.

އުފެއްދުންތެރި ގައުމުތަކުގެ ސިއްރަކީ އެ ގައުމެއްގައި ގިނަ އަދަދެއް ވަސީލަތްތައް ހުރުމެއް ނޫނެވެ. ސިއްރަކީ ހުރި ވަސީލަތްތަކުގެ ފުރިހަމަ ބޭނުން ހިފަން އެނގުމެވެ. އަދި މަސައްކަތްތައް ކުރުމަށް އެދެމުންދާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދީފައި އޮތުމެވެ. އާންމު ރައްޔިތު މީހާ ގަރާޖެއްގައި ފަށާ ކުޑަ މަސައްކަތެއް ގައުމީ ފެންވަރަށް ކުރެވޭނީ އެ ގައުމެއްގެ ސަރުކާރުންވެސް އެ މަސައްކަތްތައް ކުރުމަށާއި އެ ފަހުރު އެ ގައުމަކަށް ހޯދައިދިނުމަށްޓަކައި ވިސްނުންތަކެއް ގެންގުޅެގެންނެވެ. ރާއްޖޭގެ އިގްތިސާދާއި ހަވާލުވެ ތިއްބެވި ފަރާތްތަކަށް އެފަދަ ވިސްނުމެއް ނުގެންގުޅުއްވާފަދައެވެ. ދައްކަވާ ވާހަކަތަކުގެ ސަބަބުން، ރާއްޖޭގައި ހަގީގަތުގައި ތިބި ވަސީލަތްތައްވެސް އެ ވާހަކަތައް ދައްކަވަމުންދާ ފަރާތްތަކަށް ސާފުވެވަޑައިގަންނަވާކަމަށް ގަބޫލުކުރަން ދައްޗެވެ. ހަމަ ނަޒަރަކުން ބަލާ ކޮންމެ ފަރާތަކަށްވެސް ރާއްޖޭގައިވެސް ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައް ހުރިކަން ސާފުވާނެއެވެ. ކުރަންޖެހެނީ ވަރަށްވެސް އާދައިގެ މަސައްކަތެކެވެ.

ސަރުކާރުންވީ އިގްތިސާދީ ސިނާއަތުގެ ތެރެއަށް ރިސައިކަލް ކުރުމުގެ އުސޫލެއް އަށަގަންނުވަންށެވެ. މިހާރުވެސް ގެންގުޅޭ ކަމަށްވާއިރު، އެ ސިޔާސަތުގެ އެންމެ ފުރިހަމަ މަންފާއެއް ހާސިލު ނުކުރެވޭކަން އިގްތިސާދީ ހާލަތުން ސާފެވެ. ދަނގަނޑު ނެތްކަމަށް ބުނާ އިރު، ހުދު ސަރުކާރުގެ އެކި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްފަހު އުކާލާ ބާދަގަނޑު ކޮބައިތޯއެވެ. ރާއްޖޭގައި އެންމެ ބޮޑުވެގެން އުޅޭ އެއް މައްސަލަކަމަށްވާ ޕްލާސްޓިކް ޕޮލިއުޝަންގެ މިނގަނޑުތަކުން ޕްލާސްޓިކު ލިބުމުގައި ރާއްޖެއަށް އެއްވެސް ދައްޗެއް ނެތްކަންވެސް ސާފެވެ. ކަނޑުގެ އެކި ފުންމިންތަކުން ވެލި ނަގައިގެން ކުދި ރަށްތައް ހިއްކަމުންދާއިރު، އެ ވެސް ވަސީލަތެކެވެ. ތެޔޮ ވަޅެއްގައި އަޅައިގަނެ ވެއްޓުނަސް އެއީ ތެޔޮ ވަޅެއްކަން ނޭނގިދާނެ ފަރާތްތައްވެސް އުޅޭނެކަން ގަބޫލުކުރަންޖެހެއެވެ.

ރާއްޖެއަކީ ގާތްގަނޑަކަށް އެންމެހާ ތަކެތި އިމްޕޯޓު ކުރާ ގައުމެއް ކަމަށްވުމުން، ސަރުކާރުގެ އިސްނެގުމުގެ މަތިން ކުރަންޖެހޭ ގޮތަށް އެކަށީގެންވާ މިންގަނޑަކަށް “ރިސައިކަލް” ކުރަން ފަށައިފިނަމަ، ރާއްޖޭގައިވެސް ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ގިނަ ތަކެތި ލިބެން ހުންނާނެކަން ވަރަށްވެސް ރަނގަޅަށް ފެނިގެންދާނެއެވެ. ދިވެހިންގެ ތެރޭގައި އެފަދަ މަސައްކަތްތަކަށް ޝައުގުވެރިވާނެ އެތައް ބަޔަކު ތިބޭނެކަން ޔަގީންވާއިރު، އެފަދަ ބަޔަކު ނެތް ނަަމަ، ސިނާއީ މަސައްކަތްތައް ކުރަމުންދާ ބޭރުގެ ގައުމުތަކަށް އެ ތަކެތި ވިއްކުމަކީވެސް ދިވެހިރާއްޖޭގެ އިގްތިސާދީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

ސަރުކާރުގެ ކުނި މެނޭޖު ކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުންދާ މަސައްކަތްތަކަށް ކުދި ބަދަލުތަކެއް ގެނެސްގެންވެސް މިކަން ކުރެވިދާނެއެވެ. އަދި އިންތިހާއަށް ފައިދާވެސް ނެގެން އެބަ އޮތެވެ. އެހެންކަމުން މި ކަމާއިމެދު މަސައްކަތްތަކާއި ހަވާލުވެ ތިއްބެވި އިސްވެރިންނަށް ވިސްނިފައިނުވާކަމަށް ގަބޫލުކުރަން ވަރަށްވެސް ދައްޗެވެ. ވިސްނިފައިނުވާނަަމަ، އިގްތިސާދީ ސިނާއަތުގެ އިސްވެރިންގެ މަގާމުތަކުގައި ތިއްބެވުމަށް އެކަށީގެން ނުވާކަން ކަށަވަރެވެ. ވިސްނިފައިވާނަމަ، ދިވެހި ރައްޔިތުންނަށް މީގެ އެތައް އަހަރެއް ކުރީއްސުރެ ނެގެން އޮތް ފައިދާއެއް ނުނަގާ އޮތުމަކީ އަދާ ކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާ ނުކުރުމެވެ. އެއީ ރައްޔިތުންނަށް އިހުމާލުވުމެވެ.

މިވާހަކަތައް މިިއަދު ދައްކަން މިޖެހެނީ ދިވެހި އިގްތިސާދީ ހާލަތު ގޯސްވެ، މާލީ ނުތަނަވަސްކަމުގެ އަސަރުތައް ރައްޔިތުންގެ އާންމު ދިރިއުޅުން ފެނިގެންދާތީއެވެ. ދިވެހިރާއްޖޭގައި މިއަދު ކުށްތަކަށް އަރައިގަތުން އިންތިހާއަށް ގިނަވެފައިވާއިރު، ދުވަހު ދިރިއުޅުމަށާއި ކެއިންބުއިމަށްވެސް ކުދި ވައްކަންތައް ކުރަމުންދާ މިނގަޑުތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އެއީ އިގްތިސާދީ ހީނަރުކަމާއިއެކު އަންނަ އިޖްތިމާއީ ނުތަނަވަސްކަމުގެ ނޭދެވޭ އަސަރުތަކުގެ ނަތީޖާކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އަނގަޔާ އަތާ ދިމާވެ ފުދިގެން އުޅޭ އެއްވެސް ފަރާތެއް ރިހާކުރު ފުޅިއެއް ވަގަށް ނެގުން ފަދަ ޖަލަށް ދާންޖެހިދާނެ އަމަލެއް ހިންގުމުގެ ބޭނުމެއް ނޯންނާނެއެވެ.

އެހެންކަމުން މިއަދު އިގްތިސާދީ ސިނާއަތުގެ ތެރޭގައި ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ ސިނާއަތު ފުޅާ ކުރުމަށްޓަކައި ދިވެހިރާއްޖޭގައި ހުރި ބޭނުންކުރެވޭ ވަސީލަތްތައް ދެނެގަތުންކަން ވަރަށްވެސް ސާފެވެ. މިހާރު އޮތް ފުންވަޅުގަނޑުން އަރައިގަތުމަށް އެކި ދާއިރާތަކަށް ނިސްބަތްވާ އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓަށް ނެރެވޭނެ މަގެއް ފަހިކުރުން ވަރަށްވެސް މުހިންމެވެ. ފުޅާ ކުރުމަށްޓަކައި އާ ވިސްނުންތަކަށް ޖާގަ ދިނުންވެސް އެހާމެ މުހިންމެވެ. އަދި މިކަމުގެ ސަބަބުން ތިމާވެށި ރައްކައުތެރިކުރުމުގެ މަސައްކަތަށް ބޮޑު ލުއިތަކެއް އަދި ކުރިއެރުންތަކެއްވެސް ލިބިގެންދިއުމުގެ ފުރުސަތު އޮތްކަމަށްވުމުން ޒިންމާދާރުކަމާއިއެކު މި މަސައްކަތްތައް ކުރުން ވަރަށްވެސް މުހިންމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: