ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ހާލަތުގެ ވާހަކަ؛ އިންތިހާބަށް ތާއީދު ހޯދާ އުކުޅަކަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރުގެ ތެރޭގައި އަބަދުވެސް ދެއްކި ވާހަކައަކީ ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ގޯސްވެފައިކަމުގެ ވާހަކައެވެ. 2023 ވަނަ އަހަރުގެ މެދު ތެރެއިން ރާއްޖެ ބަނގުރޫޓުވެ، އަވަށްޓެރި ސްރީ ލަންކާއަށް ޖެހުނު ހާލު ރާއްޖެއަށްވެސް ޖެހޭނެކަމަށް ބުނެ އެތައް ގޮތަކުން ވާހަކަތައް ދެކެވުނެވެ.

ނަމަވެސް އޭރުވެސް ސަރުކާރުން ބުނަމުން ދިޔައީ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކަމަށެވެ. ދަރަނިވެސް ދެއްކޭނެކަމަށެވެ. ދަރަނި ނެގީ، ލިބޭ އާމްދަނީ އިތުރުކޮށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށްކަމަށް ބުންޏެވެ. އަދި ދައުލަތުގެ ހަރަދު އިތުރުވީވެސް ހަމަ އެ ސަބަބަށްޓަކައިކަމަށް ބުންޏެވެ.

އޭރުވެސް ބަހާ، އަމަލާ، ދިމާވާ ތަނެއް ނުފެނެއެވެ. ރަނގަޅުކަމަށް ބުނި އިގްތިސާދު މެނޭޖުކޮށްގެން ނޫނީ ކުރިއަށް ދެވޭނެ ގޮތް ބަންދުވިއެވެ. އިގްތިސާދީ ހާލަތު ތަން ނުދޭކަމަށް ބުނެ ފިޔަވަޅުތަކެއް އަޅާ، އޭރު އޮތް ސަރުކާރުން ހުރިހާ މިނިސްޓްރީތަކަށާއި، ސަރުކާރު ކުންފުނިތަކަށް އެންގީ 5،000 ރުފިޔާއަށްވުރެ މަތިވާ ހަރަދެއް ކުރަނީނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށެވެ.

އިދިކޮޅުގައި އޮވެ ޕީޕީއެމް/ޕީއެންސީއިން އޭރު ދެއްކި ވާހަކައަކީ ސަރުކާރުން މިކަންކަން ސީރިއަސްކޮށް ނުނަގާކަމުގެ ވާހަކައެވެ. ފިޔަވަޅުތައް އެޅި ނަމަވެސް، އެ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލު ނުކޮށް، ތަނެއް ދޮޮރެއް ނުބަލާ ހަރަދު ކުރަމުންދާކަމުގެ ފާޑުކިޔުން އަމާޒުކުރިއެވެ.

ރާއްޖޭން ބޭރަށާއި، އެތެރޭގެ ދަތުރުތަކަށް ކުރަމުން އައި ހަރަދު ކުޑަނުވާކަމާއި، އިތުރު އެހެން ހަރަދުތައް ކުރުމުގައިވެސް ދެކޮޅު ނުބަލާކަމަށް ބުނެ ވާހަކަތައް ދެކެވުނެވެ. އެގޮތުން އަގު ބޮޑު ކާރުތައް ގަތްކަމުގެ ތުހުމަތާއިއެކު، އާމްދަނީ އިތުރުކުރަން އިންވެސްޓް ކުރަން ލިބުން އެހީތައްވެސް ބޭނުން ކުރީ އަމިއްލަ މަންފާއާއި، ސިޔާސީ އެދުން ހާސިލް ކުރުމަށްކަމަށް ބުނަމުން ގެންދިޔައެވެ. ގެއްލުމުގެ ބަދަލުގެ ނަމުގައި، ދައުލަތުން އެތައް ފައިސާއެއް އެކި މީހުންނަށް ބަހަމުން ގެންދިޔަކަމަށްވެސް ތުހުމަތު ކުރިއެވެ. ފައިސާ ޗާޕް ކުރުމަކީ އޮތް ހަމައެކަނި ހައްލުކަމަށް ސަރުކާރުން ދެކޭކަމަށް ފާހަގަކޮށްވެސް އެތައް ފާޑުކިޔުމެއް އަމާޒުކުރިއެވެ.

މިހެން އަމާޒުކުރި އެތައް ފާޑުކިޔުންތަކަކާއި، ކުރި ތުހުމަތުތަކާއިއެކު، ވެރިކަން ހޯދަން ކުރި މަސައްކަތުގައިވެސް ޕީޕީއެމް/ޕީއެންސީއިން އެންމެ އަޑު ހަރުކޮށް ދެއްކެވި ވާހަކައަކީ، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ވެރިކަން ލިބިއްޖެ ހާލަތެއްގައި ގައުމުގެ އިގްތިސާދު މެނޭޖުކޮށް، ކޮޅަށް ނަގާ އާރާސްތު ކުރާނެ ވާހަކައެވެ. ހަރަދު ކުޑަކޮށް، ފޫބައްދާނެކަމުގެ ވާހަކައާއި، ކޮންމެހެން ކުރަން ޖެހިއްޖެ ހަރަދެއް ނޫނީ ނުކުރާނެކަމުގެ ވާހަކައެވެ. ސަބަބަކީ އެމްޑީޕީގެ ވެރިކަމުގައި ގައުމު ދަރުވާލާފައިވުންކަމަށާއި، ދައުލަތުގެ ބައިތުލް މާލުން އަމިއްލަ ޖީބުތައް ފުރުންކަމަށް ވިދާޅުވަމުން ގެންދެވިއެވެ. ނަމަވެސް އެބޭފުޅުންގެ ވެރިކަމެއްގެ އަމާޒު ހުންނާނީ އެއާއި ދިމާ އިދިކޮޅަށް، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައިކަމަށް ވިދާޅުވިއެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ތަފާސް ހިސާބުތަކާއިއެކު، ގައުމުގެ އިގްތިސާދީ ހާލަތު އޮތް ނާޒުކު ފައްތަރު ރައްޔިތުންނަށް ތިލަކޮށްދެއްވަމުން ގެންދަވާއިރު، ވިދާޅުވަމުން ގެންދާ ގޮތުގައި މި ދަރަނިތައް ދައްކާ، ދެކޮޅު ޖެއްސުމަކީ ވަރަށް ބޮޑު ޗެލެންޖަކަށްވާނެއެވެ. އަދި ހަރަދު ކުޑަ ކުރުމުގެ މުހިންމުކަމުގެ ވާހަކަތައް ދައްކަވާއިރު، އެތައް ގުނައަކުން ހަރަދު ކުޑަކޮށްގެން ނޫނީ މި އިގްތިސާދީ އަނދަވަޅުން އަރައި ނުގަނެވޭނެކަމަށްވެސް ވިދާޅުވިއެވެ. މި ސަރުކާރުންވެސް ސަރުކާރުގެ ދަށުން ހިންގާ ތަންތަނަށް ސަރކިއުލާއެއް ފޮނުވާ ހަރަދު ކުޑަ ކުރުުމުގެ ފިޔަވަޅުތަކެއް އެޅުމަށް އެންގިއެވެ.

ގައުމުގެ އިގްތިސާދީ ހާލަތުގެ ގޯސް ވާހަކައާއި، ދަރަނި އެތައް ބިލިއަނަކުން އަރަމުންދާކަމުގެ ވާހަކަތައް ކިތައްމެ ސީރިއަސް ކަމާއިއެކު، ޕޯޑިއަމްތަކުގައި ދެއްކެވި ނަމަވެސް އަޅާނެކަމަށް އެ ވިދާޅުވާ ފިޔަވަޅުތައް އެޅުމުގައި އެ ސީރިއަސްކަމެއް ނެތެވެ. ދައްކަވާ ވާހަކަތަކުން ގައުމު ދެންމެ ދެންމެ ކައްސާލަނީހެން ހީވި ނަމަވެސް، އެއް އިރެއްގައިވެސް ހަރަދު ކުޑަ ކުރުމަށް އެކަށޭނެ މަސައްކަތްތަކެއް ކޮށްފައެއް ނެތެވެ. އަމިއްލަ މަސައްކަތްތަކުން އާމްދަނީ ހޯދޭނެ މަގު ތަނަވަސް ކޮށްގެން ނޫނީ، ދަރަންޏަށް ބަރޯސާވާ ބަރޯސާވުން ނިމުމަކަށް ގެނެވެން ނެތްއިރު، ސީރިއަސް ސިފައެއްގައި އެ މަސައްކަތް ކުރެވޭ މަންޒަރެއް ނުފެނެއެވެ.

އިގްތިސާދާއި ގުޅިގެން ދެ ފަހަރު އެއް ވާހަކައެއް ނުދައްކަވާއިރު، ރައްޔިތުންނަށް ފެންނަން އޮތީ އަދި ދައްކަނީ ހަގީގީ މަންޒަރުކަމާއިމެދުވެސް ޝައްކެވެ. އަބަދުވެސް އިންތިހާބަކާއި ދިމާކޮށް ތާއީދު ހޯދުމަށް ގެންގުޅޭ އުކުޅަކަށް ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްދަވާއިރު، މެނޭޖުކުރެވޭނީ ކޮން އިގްތިސާދެއްތޯއެވެ. ނުކުރާނެކަމަށް ވިދާޅުވީ ދަތުރުތަކާއި، ހަރަދުތައްވެސް ކޮށްފައި ރައްޔިތުންނަށްޓަކައިކަމަށް ބުނެ ނިންމާލަނީއެވެ.

ވަކި ވެރިޔެއް، ވަކި ޕާޓީއެއް ނެތި ޒިންމާ ނަގަން ޖެހޭ ގައުމުގެ ދަރަންޏާއި އިގްތިސާދީ ހާލަތަކީ ކޮންމެސް ދުވަހަކުން ރިހޭ ފައި މައްޗަށް ވެއްޓޭނެ ފޮޔަކަށް ވާއިރު، މިކަމުގެ އަސަރު ކުރާނީ ހަމައެކަނި އޭރެއްގައި ވެރިކަމުގައި ތިބޭ ބަޔަކަށް ނޫނެވެ. އެހެންކަމުން އެންމެންގެ މަސްލަހަތު އޮތް މި މައްސަލައަށް ހައްލު ހޯދުމަށް ކުރާ މަސައްކަތުގެ ނަތީޖާ ރައްޔިތުންނަށް ފެންނަން ޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: