ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ނުފޫޒު ފޯރުވޭނެ ކިތަންމެ ގޮތްތަކެއް އެބަހުރިކަމަށާއި ފާއިތުވި 14 ވަރަަކަށް އަހަރުގެ ތެރޭގައި މިކަންކަން ފެނިފައިވާކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތޯރިގް ވަނީ އަނެއްކާވެސް ޖޭއެސްސީ އިސްލާހުކުރުމުގެ ބިލު ހުށައަޅުއްވާފައެވެ. ބިލު ހުށައަޅުއްވައި ތޯރިގް ވަނީ ބިލުގައި ހިމަނާފައި ހުރި ކަންކަަމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ބިލު ބަލައިގަތުމަށް އެމްޑީޕީ މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވާ ކޮމެޓީ މަރުހަލާގައި ސަރުކާރުން ފާސްކުރާ ބިލަކަށް ހެދުމުގައިވެސް މައްސަލައެއް ނެތްކަމަށް ތޯރިގް ވިދާޅުވިއެވެ.
ތޯރިގް ވަނީ ޖޭއެސްސީ އިސްލާހުކުރުމަށް ގަބޫލުކުރައްވާކަމަށް ބުނެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ދައްކަވާފައިވާ ވާހަކަތައް ފާހަގަކުރައްވާފައެވެ. އެގޮތުން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރާނެކަމަށް ސަރުކާރުން ބުނެފައިވާ ކަމަށާއި ޖޭއެސްސީގެ އޮނިގަނޑު ބަދަލުކުރަންޖެހޭ ކަމަށް ސަރުކާރު މެމްބަރުންވެސް ގަބޫލުކުރައްވާކަން ތޯރިގް ފާހަގަކުރެއްވިއެވެ. އެހެންކަމުން މިއީ ޕީޕީއެމްއިން ހުށައެޅި އިސްލާހަކަށް ވީނަމަވެސް ބިލުގައި ހުރި ކަންކަމަށް ވިސްނައި ބިލު ފާސްކޮށްދިނުމަށް ތޯރިގް ވަނީ އެދިވަޑައިގެންފައެވެ.
ތޯރިގް ވަނީ އިސްލާހު ހުށައެޅުއްވިއިރު މީގެ ކުރިން ޖޭއެސްސީގައި ތިއްބެވި ބޭފުޅުންނާއި ސުޕްރީމް ކޯޓުގައި ކުރިން ތިއްބެވި ފަނޑިޔާރުންނާއި ވަކީލުންނާއި މަޝްވަރާކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެކި ފަހަރު ޖޭއެސްސީއަށް ނުފޫޒު އަންނަނީ އެކިގޮތަށްކަން ހާމަވެފައިވާކަން ފާހަގަކުރައްވާ ތޯރިގް ވަނީ މިސާލުޖައްސަވާފައެވެ.
އެގޮތުން ޖޭއެސްސީގައި ބަންޑާރަނައިބު އިންނަވާނަމަ ރައީސް އަައްޔަންކުރައްވާ މެމްބަރަށްވުރެ ބަންޑާރަނައިބުގެ ބާރު ޖޭއެސްސީގައި ގަދަވެގެންދާކަން ފާހަގަކުރެއްވިއެވެ. އަދި މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނެވުމަކީވެސް ޖޭއެސްސީއަށް ނުފޫޒު އަންނާނެކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިވަގުތު ރައީސަކީ މީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅެއްކަމަށާއި އެއީ ސިޔާސީ ޕާޓީއެއްގެ ލީޑަރުކަމަށް ތޯރިގް ވިދާޅުވިއެވެ. އަދި ޖޭއެސްސީގައި މިވަގުތު ތިއްބެވީ ކުރިން ރައީސް ނަޝީދުގެ ވަކީލުންގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅުންނާއި ރައީސް ނަޝީދުގެ ވެރިކަމުގައި ވަޒީފާ ދީގެން ގެންގުޅުނު ކުދިންކޮޅެއްކަމަށްވެސް ވިދާޅުވިއެވެ.
”މިސަރުކާރުން ވެރިކަމަށް އައުމަށްފަހު ތަންކޮޅެއް ރީތިކަން މިކަން ކުރައްވާނެކަމަށް އުންމީދުކުރިން. އެކަމަކު ކްރިމިނަލް ކޯޓުގެ ހުކުމް އިއްވަން ތިން ގަޑިއިރަށް ވެފައިވަނިކޮށް އޭރު ކޯޓުގެ އިސް ގާޒީ ހައިލަމް މަގާމުންވެސް ވަކިކުރީ.“ ތޯރިގް
މީގެ ކުރިއަށް ބަލައިލާއިރު މަޖިލީހުގެ ރައީސްކަމުގައި ގާސިމް އިބްރާހިމް އިންނެވިއިރު، އެއީވެސް ސިޔާސީ ޕާޓީއެއްގެ ލީޑަރު ކަމަށާއ އެއީ ބޮޑު ވިޔަފާރިވެރިއެއްކަންވެސް ތޯރިގް ފާހަގަކުރެއްވިއެވެ. އެހެންވުމާއެކު ޖޭއެސްސީއަށް ނުފޫޒު ނުފޯރުވާނެކަމަށް ބެލެވެން ނެތްކަމަށްވެސް ތޯރިގް ވިދާޅުވިއެވެ.
ޖޭއެސްސީގެ ކޮމްޕޮޒިޝަން އިސްލާހުކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެހެންނަމަވެސް ވެރިކަމަށް ތިން އަހަރުވެގެންދިޔައިރުވެސް އެވައުދު ފުއްދުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވެއެވެ. ސަރުކާރު މެމްބަރުންވެސް ވަނީ ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ލަސްވެއްޖެކަން ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.

