ސިޔާސީ ކޮންމެ މީހަކީ ސިޔާސީ އަނގަތަޅާ މީހެއް ނޫންކަމަށާއި ޖުޑިޝަލް ސާވިސް ކޮމިޝަން މިހާރު އެކުލަވާލާފައި އޮތް ގޮތް ރަނގަޅުކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ޖޭއެސްސީއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ތަނަކަށް ހަދަންޖެހޭކަމަށް ރިޔާސީ ކެމްޕެއިންގައި ފާހަގަކުރެއްވުމަށްފަހު އެވާހަކަތަކާއި އެއްގޮތަށް މިސަރުކާރުން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމުގެ ވައުދު ފުއްދުމަށް އަދި މަސައްކަތް ފަށާފައިނުވެއެވެ. އިދިކޮޅު ކޯލިޝަންގެ ފަރާތުން އެކިފަހަރުމަތިން މަޖިލީހަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ހުށައެޅިނަމަވެސް ކޮންމެ ފަހަރަކުވެސް އެމްޑީޕީގެ ސުޕް މެޖޯރިޓީއާއެކު އެއިސްލާހު މަޖިލީހުގެ ތަލުމުން ބޭރުކޮށްލައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވަނީ ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ކޮންމެވެސް މިންވަރަކަށް ފޯރަންޖެހޭކަމަށާއި މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އިނުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވެފައެވެ. އެއީ ރައްޔިތުންގެ އިހްސާސްތައް އަދިވެސް އެންމެ ރަނގަޅަށް ދަންނަ ބަޔަކީ މަޖިލީހުގެ މެމްބަރުންނަށް ވާތީކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ސިޔާސީ ނުފޫޒުން ޖޭއެސްސީ އެއްކިބާކުރަންޖެހޭކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވާ ބޮންޑޭ ވިދާޅުވީ މަޖިލީހުގައި ތިއްބަވަނީ ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބޭ ބައެއްކަމަށާއި މަޖިލިސް މެމްބަރުންނަކީ މަގާމަކަށް އިންތިހާބުވެފައިވާ ބައެއްކަމަށް ބޮންޑޭ ވިދާޅުވިއެވެ. އަދި ވަކި މީހަކު ސިޔާސީ މީހަކަށް ހަދަނީ ރައްޔިތުންކަމަށާއި ސިޔާސީ ކޮންމެ މީހަކީ ސިޔާސީ އަނގަތަޅާ މީހެއް ނޫންކަމަށް ބޮންޑޭ ވިދާޅުވިއެވެ.
”މަގުމަތީގައި، ސޯޝަލް މީޑިޔާގައި ފާޑުކިޔާ މީހާ އެއީ ސިޔާސީ މީހެއް ނޫން! އެއީ ސިޔާސީ އަނގަ ތަޅާ މީހާ!“ ބޮންޑޭ
ބޮންޑޭ ވަނީ ދިވެހި ރަދީފުގައި ސިޔާސީ މީހާގެ މާނަ ނެތުމުން އެކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރާއްޖޭގައި ހުރި އެންމެ ބޮޑު ސިޔާސީ މީހަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި މިއިސްލާހު މަޖިލީހަށް ހުށައެޅުއްވީވެސް ސިޔާސީ މީހެއްކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ޖޭއެސްސީގައި ސިޔާސީ މީހަކު ނެތްތަމަ އެކޮމިޝަނަށްވެސް ވާނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވީގޮތް ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އޭރުން ކޮމިޝަނުން މައްސަލަތައް ބަލަނީ ބޭނުން ގޮތަކަށް ކަމަށާއި ބޭނުން ގޮތަކަށް މޮޑެލެވޭ ފުށްގަނޑަކަށް ކޮމިޝަން ވާނެކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ މިވަގުތު ޖޭއެސްސީގެ ކޮމްޕޮޒިޝަން އޮތް ގޮތް ރަނގަޅު ކަމަށާއި އިތުރުކަމެއް ކުރާނަމަ މުސްކުޅި ފަނޑިޔާރުންގެ ތެރެއިން މިވަގުތު ކޯޓުތަކުގައި މަސައްކަތް ނުކުރައްވާ ފަނޑިޔާރުން ޖޭއެސްސީއަށް އައްޔަންކުރުމުން ކޮމިޝަންގެ ކޮމްޕޮޒިޝަން ފުރިހަމަވާނެކަމަށް ބޮންޑޭ ވިދާޅުވިއެވެ.

