ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަޝިޔާ އާއި ބެލަރުސްގައި ތިބި ދަރިވަރުންގެ ހާލު އަންނަނީ ބަލަމުން: ފޮރިން މިނިސްޓްރީ

ފޮމިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހައްމަދު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިއާއިން، ޔުކްރެއިނަށް ހަމަލާތައް ދެމުން ދާއިރު އެ ދެ ގައުމު ކައިރި އެހެން ސަރަހައްދުތަކުގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ރަނގަޅު ކަމުގައި ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ފޮރިން މިނިސްޓްރީގެ ފަރާތުން މީޑިއާ ތަކަށް މައުލޫމާތު ދިނުމަށް މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ ރަޝިޔާގެ ކައިރި ހިމެނޭ ސަރަހައްދު ތަކުގެ ކިޔަވާ ކުދިންގެ ހާލަތު ބަލަމުންދާ ކަމަށާއި އެކުދިންގެ ހާލު ރަނގަޅުކަމަށެވެ.

މިއުވާން އިތުރަށް ހާމަކުރެއްވި ގޮތުގައި ރަޝިޔާގައި މިވަގުތު ތިބީ ދިވެހި 88 ކިޔަވާކުދިން ކަމަށާއި ބެލަރުސް ގައި ތިބީ 137 ދިވެހި ކިޔަވާ ދަރިވަރުން ކަމުގައެވެ. އެއަދަދު ތަކަކީ ފޮރިން މިނިސްޓްރީގައި ރަޖިސްޓްރީވެ މައުލޫމާތު ހިއްސާ ކުރުމަށް އެންގި މުއްދަތުން ފެށިގެން މިހާތަނަށް މިނިސްޓްރީގައި ރަޖިސްޓްރީ ވެފައިވާ ދަރިވަރުންކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެއްވެސް ދަރިވަރަކު އެހީތެރިކަމަށް ބޭނުންވާ ނަމަ ޖަރުމަނުވިލާތުގެ ބާލިން ގައި ހުންނަ ދިވެހި ހައިކޮމިޝަން އާއި ފޮރިން މިނިސްޓްރީ އަށް މައުލޫމާތު ހިއްސާކުރުމަށް މިއުވާން އެދިލެއްވިއެވެ.

މީގެ އިތުރުން ދެގައުމުގެ ކުދިންނަށް މިވަގުތު އެންމެ ދަތިވެފައިވަނީ ރަޝިޔާގެ އޭޓީއެމް ތަކުން ފައިސާ ނެގުމުގެ ތާށިކަން ކަމުގައި ފާހަގަކުރައްވައި މިއުވާން ވިދާޅުވީ އެކަން ހައްލު ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އާއެކު މަސައްކަތް ކުރަމުން އަންނަ ކަމުގައެވެ.

އެގޮތުން ގިނަ ކުދިންގެ ޕްރައިމަރީ އެކައުންޓް ވަނީ ޑޮލަރުންކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ ޑޮލަރު އެކައުންޓްތައް ރުފިޔާ އެކައުންޓަށް ބަދަލުކޮށް ފަސޭހަ ކަމާއެކު ރުބެލްސް ނެގޭނެ އިންތިޒާމް ރަޝިޔާގައި ތިބި ދިވެހި ކުދިންނަށް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މީގެ އިތުރުން ބޭރުފައިސާ ނެގޭ ލިމިޓް ބޭންކް އޮފް މޯލްޑިވްސް އާ ގުޅިގެން ރަޝިޔާގައި ތިބި ކުދިންނަށް އިތުރުކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމުގައި މިއުވާން ވިދާޅުވިއެވެ.

މިވަގުތު ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބެލަރުސްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް އަދި ނުރައްކަލެއް ނެތެވެ.

ބޯޑަރުކައިރި ހުރި ގްރޮޑްނޯ ޔުނިވަސިޓީގައި ކިޔަވާ ދަރިވަރުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އެސަރަހައްދުގައިވެސް މާބޮޑު ގޯހެއް ނޫޅޭ ކަމުގައި ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ދަރިވަރުން ދަތުރު ކުރަން ބޭނުން ނަމަ ދަތުރުކުރެވޭނެ ކަމަށާއި ރަޝިޔާގެ ބޯޑަރު އޮތީ ހުޅުވިފައިކަމަށާއި ފްލައިޓްތައް ދަތުރުކުރާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ. ނަމަވެސް ދަތުރު ކުރުމަކީ ފަސޭހަކަމަކަށް ނުވޭނެކަން ވެސް މިއުވާން ފާހަގަކުރެއްވިއެވެ.

ބެލަރުސް އިން ދަރިވަރުން ގެނައުމަށް ފޮރިން މިނިސްޓްރީން ބޭނުން ވިކަމުގައި ވިޔަސް އެކަމަކީ އެހޭ ފަސޭހަ ކަމެއް ނޫން ކަމަށާއި   ސަބަބަކީ ބެލަރުސްގެ ޔުނިވަރސިޓީ އިން ދަރިވަރަށް ރިލީސް ދޭން ފަސޭހަ ނުވާނެތީ ކަމުގައި މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން ޔުނިވަސިޓީގައި ކިޔަވަމުންދަނީ ކުދިން ކްލާސްތަކަށް ހާޝިރުވެގެން ކިޔަވަމުންދާ ކަމުގައިވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

ވިޓަބްސް ސްޓޭޓް އަކީ ހަމަލާ ދޭ ސަރަހައްދާ ދުރުގައި އޮތް ސަރަހައްދެއްކަންވެސް ފާހަގަކޮށް ޔުނިވަސިޓީ ތަކުންވެސް އެތަންތަނަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނާތީ އެސަރަހައްދުތަކުގެ ޔުނިވަސިޓީ ތަކުގައި ކިޔަވައިދިނުން މެދުނުކެނޑި ކުރިއަށް ދާކަމުގައިވެސް މިއުވާން ހާމަކުރެއްވިއެވެ. މީގެ އިތުރުން ބެލަރުސް ގައި ތިބި ދަރިވަރުން ގައުމު ދޫކޮށްދާ ނަމަ އެކްސިޓް ވިސާއެއް ނަގަންޖެހޭ ކަމަށާއި  ދަރިވަރުންގެ ކިޔެވުން ޔުނިވަސިޓީގައި ކުރިއަށް ދާ ހިނދު އެވިސާ ދޫނުކުރާނެ ކަމުގައިވެސް  ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޔުނިވަސިޓީ ދޫކޮށްލާފައި ދަރިވަރުން އަންނަން ބޭނުން ނުވާ ސަބަބަކީ ގިނަ ދަރިވަރުން ކިޔަވަމުން ދަނީ މެޑިސިން ކަމަށް ވެފައި އެއީ އަގުބޮޑު އެތައް އަހަރަކުން އެތަކެއް ފައިސާއެއް ހަރަދުކޮށްގެން ކިޔަވާ އެއްޗެއް ކަމުގައިވީމަ ކަމަށްވެސް  އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ވަގުތާއި ހާލަތާއި ގުޅިގެން ފޮރިން މިނިސްޓްރީން އަޅަންޖެހޭ ފިޔަވަޅު އަޅަމުން ގެންދާނެ ކަމުގައިވެސް މިއުވާން ވިދާޅުވިއެވެ. އެގޮތުން ޔޫކްރޭންގައި ކިޔަވަންތިބި ދިވެހި ދަރިވަރުންގެ ކިޔެވުން އޮންލައިން ކްލާސްތަކަށް ބަދަލުކުރުމަށް ފޮރިން މިނިސްޓްރީން ހުށައަޅަންޖެހޭ ލިއުން ހުށައެޅުމުގެ ސަބަބުން އެކުދިންގެ ކިޔެވުން އޮންލައިންކޮށް ބަދަލު ކުރެވިގެން ދިޔަކަން އޭނާ ފާހަގަކުރައްވައި ވިދާޅުވީ  ދަރިވަރުން ރާއްޖެ އައުމަށް ޓިކެޓް ނަގާފައި ވަނިކޮށް ބޯޑަރު ބަންދުވީ ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: