ވިޔަފާރި އާއި ނުލައި ނޫޅެވޭ ސިޔާސީ ލީޑަރުން ތިބިއިރު، އެ މީހުންގެ ކަރުމަޅި އޮތީ އަވައްޓެރި އިންޑިއާގެ ބޭނުންކުތަކުގައިކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި އިއްވި ފަސް އަހަރުގެ ހުކުމުން ސުޕްރީން ކޯޓުން މިނިވަންވުމަށް ފަހު ހުއްޓުމެއް ނެތި ”އިންޑިއާ އައުޓް“ ގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަމުންދާ ރައީސް ޔާމީން މިވަގުތު ހުންނެވީ އދ. އަތޮޅުގަ އެވެ. އަދި އަމަލީ ގޮތުން ސީދާ ހަރަކާތުގައި ބައިވެރިވެ ރައީސް ޔާމީން ވިދާޅުވީ އިންޑިއާއިން އެހެން ގައުމުތައް އަޅުވެތި ކުރުމަށް ކުރި މަސައްކަތިގެ ވާހަކަތައް ދިވެހި ދައުލަތުން ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށެވެ.
މިއަދު ވެރިކަމުގެ އެއްވެސް ބާރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތުގައި ނެތްއިރު، ނެރޭ ކުރު ކުރު ބަޔާންތަކަކީ ވެސް އިންޑިއާގެ ހުއްދައާއި އެކު ނެރޭ ބަޔާންތަކެއްގެ ގޮތުގައި ރައީސް ޔާމީން ވިދާޅުވި އެވެ. ރައީސް އޮފީހާއި އިންޑިއާ ކޮމިޝަނުގެ އޮފީހާއި މާ ބޮޑު ދުރުމިނެއް ނެތްއިރު ސަރުކާރު ހިންގަން ވީ ގޮތާއި، ބުނަންވީ ބަސްތަކުގެ އިރުޝާދު ދެނީ އިންޑިއާ ސަފީރުކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ހާއްސަކޮށް އދ. ގެ އާއްމު މަޖިލީހުގެ ރައީސަކަށް ހުންނެވި އަބްދުﷲ ޝާހިދަށް ވެސް އިންޑިއާއިން އަންގާ އެންގުންތަކަށް އަމަލު ކުރުން މަޖުބޫރުވެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ މި ގައުމުން އިންޑިިއާގެ ސިޔާސީ ވިސްނުމާއި އުސޫލުތައް ވެސް ނެތި ދާން ޖެހޭ ކަމަށެވެ. އަދި ދިވެހި ހާރިޖިއްޔާއަށާއި، ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަސް ބުނުން ހުއްޓާލަން އެމަނިކުފާނު ގޮވާލި އެވެ.
ވެރިކަމުގައި ހުންނެވި ދުވަސްވަރު، އޭރު އުފެދިފައި އޮތް ކޯލިޝަނުން ސަރުކާރާއި ދެކޮޅަށް ކުރި އެކި މުޒާހަރާތަކާއި އިހުތިޖާޖުތަކަށް ރައީސް ޔާމީން އަލިއަޅުވާލެއްވި އެވެ. ހާއްސަކޮށް ފެބްރުއަރީ އެކެއްގެ އަމުރު އެއީ އިންޑިއާގެ ނުފޫޒެއްގެ ގޮތުގައި ސިފަކޮށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ ދުވަހު ގައުމަށް ޣައްދާރުވި ކަމަށެވެ.
މީގެއިތުރުން ވަކި މީހެއްގެ ނަން ވިދާޅުނުވެ، ރައީސް ޔާމީން ވަނީ ރާއްޖޭގައި ވިޔަފާރިއާއި ނުލައި ނޫޅެވެނެ ސިޔާސީ ލީޑަރުން އެބަތިބިކަން ފާހަގަ ކުރައްވާފަ އެވެ. އެމަނިކުގެ ކަރުމަޅި އޮތީ އިންޑިއާގެ ބޭންކުތަކުގައިކަމަށް އޭގެ ސަބަބަކީ އެ މީހުންގެ އެކައުންޓުތައް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހުޅުވާފައި ހުރުންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ބެލެވޭ ގޮތުގައި ރައީސް ޔާމީން މިހެން ވިދާޅުވީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އަމާޒު ކުރައްވަ އެވެ. އެމަނިކުފާނު ވަނީ މީގެ ކުރިން ބޭއްވި ބައްދަލުވުންތަކާއި އެއްވުންތަކުގައި ވެސް ގާސިމަށް ފާޑުވިދާޅުވެފަ އެވެ.
އެހެންކަމުން މިނިވަންކަމާއެކު ނިކުމެ ސިޔާސީ ހަރަކާތުގައި ހަރަކާތްތެރިވުމަށް ވިޔަފާރިވެރިންނަށް ދަތިވާކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ރައީސްކަން ކޮށްފައިތިބި މީހުންނަކީ ލިޔަންކިޔަން އެކަނި އިނގޭ މީހުން ކަމުގައި ވުމުން ނުފުދޭ ކަމުގައި ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަކީ ވެރިކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އިންޑިއާ އައުޓް ހަރަކާތުގައި ޕީޕީއެމް މީހުން ބައިވެރި ނުވުމަށް ގޮވާލުމަކީ ހަނދާން ބަލިވުން ކަމަށާއި އެމަނިކުފާނު ވިދާޅުވާ ގޮތެއް ޕީޕީއެމް މީހުން ހަދާނެކަމުގައި ދެކުމަކީ ހަނދާން ބަލިވުން ނުވަތަ ތަސައްރަފު ނުފުދުންކަން ދޭހަކޮށްދޭ ކަމެއް ކަމުގައެވެ.

