އިންޑިއާ އައުޓް ކެމްޕޭނަކީ ދިވެހި ރައްޔިތުންގެ ރޫހެއް ނޫން ކަމުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިންޑިއާ އައުޓްގެ ހަރަކާތަށް ފާޑުކިއުން އަމާޒުކޮށް އީވާ ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތަކީ ސިޔާސީ ބޮޑު ފިތުނައެއް ކަމަށާއި އެއީ ދިވެހިރައްޔިތުންގެ ރޫހެއް އޮތް ކަމެއްނޫން ކަމަށެވެ.
އިންޑިއާ އަކީ ކޮންބައެއް ކަން ދިވެހިންނަށް އޮޅިފައިނުވާނެ ކަމަށާއި ދިވެހިން ހާލުގައި ޖެހުނު ކޮންމެ ފަހަރަކު އެހީތެރިވާން އެންމެ ފުރަތަމަ އެހީތެރިކަމެއް ފޯރުކޮށްދޭން އޮންނަނީ އިންޑިއާ ކަމަށް އީވާ ވިދާޅުވިއެވެ.
ފެށުނީއްސުރެން ދިވެހިރާއްޖޭގެ ތައުލީމާއި ބޭސްފަރުވާއަށް އިންޑިއާ އިން އަންނަނީ އެހީ ވަމުން ކަމަށާއި އެކަން 1988 ކަށް ބަލާލިއަސް އެނގޭނެ ކަމުގައި އީވާ ވިދާޅުވިއެވެ. އަދި ކޮވިޑްގެ ޕެންޑަމިކަށް ބަލާލި ކަމުގައި ވިޔަސް އިންޑިއާ އިން ރާއްޖެއަށް އެހީވާ މިންވަރު އެނގިގެންދާ ކަމުގައި އީވާ ވިދާޅުވިއެވެ.
އިންޑިއާ ކަނޑުގައި ރާއްޖެ އޮވެ ޒާތީ މަގްސަދެއް ހާސިލް ކުރުމަށް ދޭދޭ ގައުމުތަކުގެ އަމިއްލަ އެތެރޭގެ ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ދެގައުމުގެ ދޭތެރޭގައި ފިތުނަ އުފެއްދުމަށް ވަކިން ހާއްސަ ކޮށް އިންޑިއާ އާއި ފިތުނަ އުފެއްދުމުން އެކަމުގެ ގެއްލުންވާނީ ދިވެހި ރައްޔިތުންނަށްށާއި ދިވެހި ރާއްޖެއަށް ކަމުގައި ބުއްދިއެއް ހުރިކޮންމެ މީހަކުވެސް ގަބޫލުކުރާނެ ކަމުގައި އީވާ ވިދާޅުވިއެވެ.
އިންޑިއާ އައުޓް ކެމްޕޭނަކީ ގައުމީ ނުރައްކަލެއް ކަމުގައި ޑިފެންސް މިނިސްޓީގެ ބޭފުޅުންނާއި ޕޮލިސް ކޮމިޝަނަރުވެސް ވަނީ ވިދާޅުވެފައި ކަމަށާއި އެކަން ސަރުކާރަށް ހުއްޓުވެންވާނެ ކަމުގައި އީވާ ވިދާޅުވިއެވެ.
އިންޑިއާ އާއި ދިމާލަށް ދިވެހިރާއްޖޭގައި ކިޔަކިޔާ ތިއްބާ އިންޑިއާ މީހުން މޯލްޑިވްސް އައުޓޭ ބުނެފިނަމަ ހަދާނީ ކިހިނެތްތޯ އީވާ ވިދާޅުވިއެވެ.

