ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ނުވާހާ ހިނދަކު މި މަސައްކަތް ހުއްޓާ ނުލާނަން: ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ސިފައިން ރާއްޖޭގެ ފަސްގަނޑުން ނުފައިބާހާ ހިނދަކު ހަރަކާތްތައް ހުއްޓާ ނުލާ ކުރިޔަށް ގެންދާނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނާފައިރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” މާލޭގެ ހަރަކާތަށް ޖާގަ ނުދޭނެކަމަށް ބުނެ ކަމާއި ބެހޭ އިދާރާތްތަކުން ބަޔާން ނެރެ އެއްވުން ހުއްޓުވާފައިވާތީ އެކަމަށް ފާޑުކިޔައި ބޭއްވި ޖަލްސާގައި ޝިޔާމް ވަނީ ސުލްހަވެރި އެއްވުންތަކަށް ޖާގަ ނުދޭދީ ފާޑުވިދާޅުވެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި ކުރިޔަށް ގެންދާ މި ހަރަކާތްތައް ރާއްޖޭގެ ރަށްތަކުގައި ވެސް ކުރިޔަށް ގެންދާއިރު، މާލޭގައި އެއްވުމެއް ބާއްވަން ނިންމިކަން އިއުލާނު ކުރުމުން އެ ފުރުސަތު ނުދޭނެކަމަށް ބުނެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވާހަކަ ދެއްކެވި އެވެ. އޭގެ ފަހުން އެއްވުން ކުރިޔަށް ގެންދިއުމުގެ ހުއްދަ ދެވެން ނެތްކަމަށް ބުނެ ފުލުހުން އާއްމު ކުރި ބަޔާނުގައި ވަނީ، މާލޭގައި ކުށް ކުރާ ގްރޫޕުތައް ނުވަތަ ގޭންގުތަކުގެ އެހީގައި ހަމަޖެހުން ނަގާލައި، މަސްލަހަތު ގެއްލުވާލަން މަސައްކަތް ކުރަން އުޅޭކަމުގެ ތުހުމަތުކޮށްފަ އެވެ. އެހެންވެ ކަނޑުމަތީ އާއި ހަރަކާތުގައި ބައިވެރިވާ އުޅަނދުތައް ބަލައި ފާސް ކުރުމުގެ އިންޒާރު ދީ ފުލުހުން ވަނީ ގާނޫނާއި ގަވައިދާއި ހިލާފު އަމަލުތައް ހިންގާނަމަ އެ ބަޔަކާއި މެދު ހަރުކަށި ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފަ އެވެ.

ސީދާ ވަކި ހަރަކާތެއްގެ ނަން ނުހިމަނަައި އިދިކޮޅަށް އަމާޒުކޮށް އިލެކްޝަންސް ކޮމިޝަނުން ނެރުނު ބަޔާނުގައި ހާރިޖީ ގުޅުންތަކަށް ގެއްލުން ނުވާނެހެން ސިޔާސީ ޕާޓީތަކުން އަމަލުތައް ބެހެއްޓުމަށް ގޮވާލި އެވެ. އަދި ހަރަކާތްތައް ރޭވުމުގައި ހަމަނެޖުހުން އުފެދޭނެހެން އަމަލުތައް ނުބެހެއްޓުމަށް ވެސް ގޮވާލި އެވެ.

ޝިޔާމް ވަނީ މި އެންގުންތަކަށް ވެސް ފާޑުވިދާޅުވެ، ސަރުކާރުގެ ތެރެއަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް ވަދެފައިވާކަމަށް ވިދާޅުވެފަ އެވެ. އިންޑިއާއިން ރާއްޖޭގެ މައްޗަށް އަތް ގަދަ ކުރަން ކުރާ މަސައްކަތް މިއަދު ދިވެހިންގެ ތެރެއިން އެތައް ބަޔަކަށް އެނގޭކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ އިދިކޮޅުން ކުރިޔަށް ގެންދާ ހަރަކާތުގައި މިހާރު ބައިވެރިވަނީ ހަމައެކަނި ޕީޕީއެމް ޕީއެންސީގެ މެމްބަރުންނެއް ނޫން ކަމަށެވެ. ރާއްޖޭގައި އެހެން ދާއިރާތަކުގައި މަސައްކަތް ކުރާ، ގައުމާއި ދީން ދެކެ ލޯބިވާ އެތައް ބަޔަކު އިންޑިއާ ދެކޮޅަށް އަޑުއުފުލަމުން ދާކަމަށް ޝިޔާމް ވިދާޅުވި އެވެ.

އިންޑިއާއިން ސަރުކާރުގެ މައްޗަށް އަމުރުތައް ހިންގާކަމުގެ ތުހުމަތު ކުރައްވައި ޝިޔާމް ވިދާޅުވީ، ފުލުހުންނާއި ކަރެކްޝަންސްގެ މައްޗަށް ވެސް އެ މީހުން ބާރުފޯރުވަން ފަށާފައިވާކަމަށެވެ. އިދިކޮޅުގެ އެކި ހަރަކާތްތަކާއި މެދު އަމަލު ކުރަން ވީ ގޮތާއި، ބައިވެރިން ހައްޔަރު ކުރަންވީ ގޮތް ނުވަތަ މުޒާހަރާ ހުއްޓުވަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއްގެ އިރުޝާދު ދިނީ އިންޑިއާގެ އެމްބަސީންކަމަށް ޝިޔާމް ވިދާޅުވި އެވެ. އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ޝިޔާމް ފާހަގަ ކުރެއްވީ މަޖިލީހުގެ މެމްބަރުންތަކެއް ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރިއިރު އެބޭފުޅުން ބިޑި އަޅުވާފައި ބެހެއްޓުމެވެ. މިއީ ގިނަ ފަހަރަށް ބޮޑެތި ކުށްވެރިންނާއި މެދު ވެސް ކަންތައް ކުރާ ގޮތެއް ނޫންކަމަށް ޝިޔާމް ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެމްބަރު އަދި މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި މުހައްމަދު ސައީދާއި، ޑރ. ޖިހާދު މެން ފަދަ ބޭފުޅުންނަކީ މުޖްތަމައުގައި ގަދަރު ލިބިގެންވާ ބޭފުޅުން ނަމަވެސް ކުށްވެރިންނާއި މެދު އަމަލު ކުރާ އުސޫލުން ބިޑި އެޅުވި ސަބަބާއި މެދު ޝިޔާމް ސުވާލު އުފެއްދެވި އެވެ. ޝިޔާމް ވިދާޅުވީ އެއީ ގައުމު ސަލާމަތް ކުރަން ނިކުންނެވި ބޭފުޅުންކަމަށާއި، އެ ބޭފުޅުން ހައްޔަރު ކުރީ ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ވެސް ހިލާފަށް ކަމަށެވެ.

“ޖަލަށް ހެދިފަހުރި ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ދިވެހި ޖުމްހުރިއްޔާގެ ގާނޫނު އަސާސީ އާއި ހިލާފަށް ރޭގަ ރޭ އިރާކޮޅު މި ބޭފުޅުން ހައްޔަރު ކޮށްފަ މިވަނީ” ޝިޔާމް

ޝިޔާމް ވިދާޅުވީ އެއްވެ އުޅުމާއި އަޑު އުފުލުމަކީ ގާނޫނު އަސާސީގެ 23 ވަނަ މާއްދާގެ ދަށުން ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެއް ކަމުގައެވެ.

މީގެ އިތުރުން ޝިޔާމް ފާހަގަ ކުރެއްވީ ޅ. ކުރެންދޫ ބައި އިލެކްޝަން އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވި ކަމަށާއި ނަމަވެސް އެ ނުފޫޒާއި އެކުވެސް ދާއިރާގެ ގޮނޑި ވަރަށް ސާފު އަގުލަބިއްޔަތަކުން ކާމިޔާބު ކުރީ އިދިކޮޅުން ކަމަށެވެ. މިފަދައިން ކުރެންދޫ އަދި ނިލަންދޫގެ ބައި އިލެކްޝަންގެ ދެ ގޮނޑި ޕީޕީއެމްއިން ކާމިޔާބު ކުރުމުން ވެސް ދޭހަވަނީ އިންޑިއާގެ ސިފައިންނަށް ރާއްޖޭގައި ޖާގައެއް ނެތް ކަމާއި ރައްޔިތުން ސަރުކާރަށް ބޮޑު ތަނޫން ނޫނެކޭ ބުނާކަން ކަމުގައި ޝިޔާމް ވިދާޅުވި އެވެ. އަދި ދިވެހި ހުރިހާ ރައްޔިތުންވެސް އިންޑިއާ އައުޓް މިހަރަކާތުގައި ބައިވެރިވާކަން މި އިންތިހާބުން ދައްކުވާދީފި ކަމުގައި ޝިޔާމް ވިދާޅުވިއެވެ

ޝިޔާމް ފާހަގަ ކުރެއްވީ ކުރެންދޫގެ މި ގޮޑި ލިބުމާއިއެކު އޭނާ އެ އަތޮޅަކަން ނިސްބަތްވާ ޅ އަތޮޅު ކައުންސިލްގެ މެޖޯރިޓީ ރައީސް ޔާމީނަށް ލިބިލެއްވީ ކަމުގައެވެ. އަދި އޭނާ ވިދާޅުވީ ރައީސް ސާލިހުގެ އަތޮޅު، ޅ އަތޮޅުވެސް ވަނީ ރައީސް ޔާމީން އަތްމަތީގައި ކަމަށެވެ.

ރޭގެ ޖަލްސާގައި ޝިޔާމް ވާހަކަ ކުރިޔަށް ގެންދެވި އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި މުހާތަބު ކުރެއްވީ ކުރީގެ ރައީސްގެ ނަމުންކަން ފާހަގަ ކުރެވެ އެވެ. ޝިޔާމް މިގޮތަށް ވާހަކަ ދެއްކެވީ،  ރައީސް ސޯލިހު ތައިރޯޑްގެ އޮޕަރޭޝަނެއް ކުރެއްވުމަށްޓަކައި ނައިބް ރައީސް ފައިސަލް ނަސީމަށް ދައުލަތުގެ ބާރުތަށް ވަގުތީ ގޮތުން ހަވާލުކުރައްވާ، މާ ގިނަ އިރުތަކެއް ނުވެ އެނެއްކާވެސް މަގާމާއި ހަވާލުވުމުންނެވެ. ފައިސަލް ރައީސްކަމުގެ ހުއްވާ ކުރެއްވިއިރު، މަސްއޫލިއްޔަތާއި ހަވާލުވީ ހަތަރު ގަޑިއިރަށެވެ.

މިކަމުގައި ރައީސްކަމުގެ ހުވާ ކުރަން ޖެހިވަޑައި ނުގަންނަވާނެކަމަށް ބުނެ ބައެއް ގާނޫނީ ސުވާލުތަކެއް އުފެއްދިއިރު، އިދިކޮޅުން ވެސް ވަނީ ރައީސަކީ މިހާރު ފައިސަލްތޯ ނުވަތަ ރައީސް ސޯލިހުތޯ އެނގެން ޖެހޭކަމަށް ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: