ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްތިއުނާފުކުރުން ދެ މަސް ފަސްކުރީ ރައީސް ޔާމީންގެ އިރުޝާދަށްކަމަށް ޑރ ޖަމީލު ބުނި: ޝިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިސްތިއުނާފުގެ މައްސަލަ ދަށު ކޯޓުން ނިމުމުުން އިސްތިއުނާފުކުރުމަށް 2 މަސް ދުވަސް ނެގިކަމަށާއި އެކަން ކުރީ ރައީސް ޔާމީންގެ އިރުޝާދުގެ މަތިންކަމަށް ކުރީގެ ނައިބުރައީސް އަދި ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވިކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޕެނަލް ޑިސްކަޝަންއެއްގައި މިނިސްޓަރ ޝިޔާމްވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި މިހާރުގެ ލީޑަރޝިޕުގެ ދެމެދު އުފެދިފައިވާ މައްސަލަތަކަށް އަލިއަޅުއްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީންގެ ޒައާމަތު ނިމުމުގެ އަސްލަކަށް ޑރ ޖަމީލު އަދި ބައިވެރިންވާނެކަމަށެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބެގެން ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް ރައްޔިތުންގެ ތެރޭގައި އެތައް ހަގީގަތާއި ހިލާފު ވާހަކަތަކެއް ފެތުރިކަމަށެވެ. އަދި މިއަދުވެސް ޔޫޓިއުބާއި އެހެނިހެން ޕްލެޓްފޯރމްތަކުގެ އިތުރުން ވައިބަރ ގުރޫޕުތަކުގައިވެސް އެ ވީޑިއޯތަކާއި އަޑުކޮޅުތައް ދައުރުވަމުންދާކަމަށާއި އެއީ އިއްޔެ ހިނގާފައިވާ ކަންކަންކަމަށްވުމުން ރައްޔިތުންނަށް އޮޅުވާނުލެވޭނެކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ހައިކޯޓުގައި އޮތް ރައީސް ޔާމީންގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުން ނުފޫޒު ފޯރުވަމުންދާކަން އެނގިވަޑައިގަންނަވާކަމަށެވެ. އެހެންކަމުން ސަރުކާރުން މަސައްކަތްކުރިނަމަވެސް މިއަދުވެސް ޖޭއެސްސީގައި ތިއްބެވި މެމްބަރުން ތިއްބާ އިންސާފު ނުލިބޭނެކަމަށް ސިފަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، އެތަން އިންސާފުވެރިކުރަން ސަރުކާރުގެ އަތުގައި މަޖިލީހުގެ މެޖޯރިޓީ ނެތްކަމަށާއި އޭރު ޖޭއެސްސީއިން މަސައްކަތްކުރަމުންދިޔައީ ސަރުކާރުން އިރުޝާދު ދިން ގޮތެއްގެ މަތިންކަމަށެވެ.

ޝިޔާމް ވިދާޅުވީ، ދަށު ކޯޓުން ރައީސް ޔާޟީންގެ މައްޗަށް ގޯސް ގޮތަކަށް ހުކުމެއް ކޮށްފާނެކަމަށް އެމަނިކުފާނަށްވެސް ގަބޫލުކުރެއްވޭކަމަށެވެ.. އަދި އެމަނިކުފާނަށް ފުރުސަތެއް ނުދޭން އޭރުގެ ސަރުކާރުން ގެންގުޅެމުންދިޔަ ވިސްނުންވެސް އެމަނިކުފާނަށް ސާފުވެވަޑައިގަންނަވާކަމަށްވުމުން ދަށު ކޯޓުން މައްްސަލަ ނިމޭތާ 72 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފުކުރުމަށް ޑރ ޖަމީލްއަށް ދަންނަވާފައިވާ ވާހަކަ އެމަނިކުފާނު ލީޑާރޝިޕާއި ހިއްސާކުރެއްވިކަމަށްވެސް ޝިޔާމް އަލިއެޅުއްވިއެވެ.

އެހެންނަމަވެސް އެ މައްސަލަ އިސްތިއުނާފު ކުރެވުނީ ދެ މަސް ދުވަސް ފަހުންކަމަށާއި ދައްކަވަމުންދަނީ ސީދާ 72 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފުކުރުމަށް އިރުޝާދު ދީފައިވާ މައްސަލައެއްގެ މަސައްކަތްތައް ދެ މަސް ދުވަހަށް ލަސްކުރި ވާހަކަކަން ފާހަގަކުރެއްވިއެވެ. އަދި އިސްތިއުނާފުކުރެވުނީ ދެ މަސް ދުވަހަށްވުރެ ގިނަ ދުވަސްވީ ފަހުންކަމަށްވާއިރު، 72 ގަޑިއުރުގެ ބަދަލުގައި އެކަން ކުރުމުގައި ދެ މަސް ދުވަސް ނެގީ ރައީސް ޔާމީން ވިދާޅުވެގެންކަމަށް ޑރ ޖަމީލް ލީޑަރޝިޕާއި ހިއްސާކުރައްވަމުން ގެންދެވިކަމަށްވެސް ޝިޔާމް ހާމަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ލީޑަރޝިޕަށް އެނގެނީ ވަކީލުން ގެންނަ މެސެޖެއްކަމަށާއި އިސްވެ ދެންނެވި ކަންކަން ފެންމަތިވާން ފެށުމުން ފަހުންއެ މެސެޖުތަކަށް އެއްވެސް އިތުބާރެއް ނުކުރައްވާކަމަށެވެ. ޝިޔާމް ވިދާޅުވީ، ލީޑަރޝިޕާއި ހިސާބަށް އަންނަ ނޯޓުތައް ހުންނަނީ ޑރ ޖަމީލު ބޭނުންވެވަޑައިގަންނަވާ ގޮތަކަށް ފަރުމާކޮށްފައިކަމަށާއި އެހެންނަމަވެސް މެސެޖު ދެއްވަނީ ރައީސް ޔާމީންގެ ނަމުގައިކަމަށެވެ.

ޝިޔާމް ވިދާޅުވީ، ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގެން ލީޑަރޝިޕާއި ބައްދަލުކުރެއްވި ވަގުތުގައިވެސް 72 ގަޑިއިރުގެ ތެރޭގައި މައްސަލަ އިސްތިއުނާފުކުރުމަށް ޑރ ޖަމީލްއަށް އިރުޝާދު ދެއްވި ވާހަކަ ހިއްސާކުރެއްވިކަމަށާއި އެހެންކަމުން އެ މަސައްކަތްތައް ކުރުމުގައި ދެ މަސް ދުވަސް ވެގެންދިޔަ ސަބަބާއިމެދު ސުވާލު އުފެއްދެވިއެވެ. ޝިޔާމް ވިދާޅުވީ، ޕީއެންސީގެ ލީޑަރޝިޕުގައި ތިއްބެވި ބޭފުޅުން އަބަދުވެސް ތިއްބަވަނީ ކޯޓަށް ގޮސްކަމަށާއި ދެ މަސް ދުވަސް ލަސްކުރުމަށްފަހު ކޯޓަށް މައްސަލަ ވެއްދުމުން ޝެޑިއުލް ނުކޮށްދީގެންވެސް ކޮންމެ ދުވަހެއްގައި ކޯޓަށް ވަޑައިގެންނެވިކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކުރީގެ ސަރުކާރުން ރައީސް ޔާމީންއަށް ދީފައިވާ އަނިޔާއަށްވުރެ ބޮޑު އަނިޔާއެއް ޑރ ޖަމީލް އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި ހުންނަވައިގެން ދެއްވާފައިވާކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ޑރ ޖަމީލް އުފައްދަވައިގެން އުޅޭ ޕާޓީއަށް ރައީސް ޔާމީން ވަޑައިގެންފައިވުމުން ހަގީގަތުގައި ހައިރާންވެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: