ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރީތި ނަން ބޯޑެއް ޖެހިޔަސް، ޕޮލިސް އެކަޑެމީ ބޭނުން ކުރާނީ މިލިޓަރީ ބޭސްއެއްގެ ގޮތުގައި: އުމަރު

އައްޑޫގެ ޕޮލިސް އެކަޑަމީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގެ ޕޮލިސް އެކަޑަމީއަށް ރީތި ނަމެއް ދީ ބޯޑެއް ޖަހާފައި ހުރި ނަމަވެސް އެއީ އިންޑިއާގެ މިލިޓަރީ ބޭސްއެއްގެ ގޮތުގައި ބޭނުން ކުރާނެ މަރުކަޒެއްކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އިންޑިއާއިން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާކަމަށް ދެކެވޭ ވާހަކައިގެ ތެރޭގައި، އެންމެ ބޮޑަށް އެކަން ގުޅުވައި ފާޑުކިޔާފައި ވަނީ އައްޑޫގެ ޕޮލިސް އެކަޑަމީ އާއި އެވެ. އެއީ މިލިޓަރީ ބޭސްއެއްގެ ސިފަ ހުރި ތަނެއްގެ ގޮތުގައި ބުނެ ފާޑުކިއުންތައް އަމާޒުވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެކަޑަމީ ރަސްމީކޮށް ވަނީ ހުޅުވާފަ އެވެ.

ތަން ހުޅުވުމުން ސަރުކާރުގެ މެމްބަރުން ވަނީ، އެއީ މިލިޓަރީ ބޭސްއެއް ނުވަތަ އިންޑިއާގެ އަސްކަރީ ތަނެއް ނޫންކަން މިހާރު އިދިކޮޅަށް ޔަގީންވާނެކަމަށް ބުނެފަ އެވެ.

ސަރުކާރުގެ ވާހަކަތަކާއި ގުޅިގެން އުމަރު ވިދާޅުވީ އިމާރާތުގެ ބޭރުގައި ޖަހާފައިވާ ނަން ބޯޑެއްގައި “ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް” ލިޔެފައިވީ ނަމަވެސް ތަން ފަރުމާކޮށްފައި ވަނީ އިންޑިއާގެ މިލިޓަރީ ބޭސްއެއްގެ ގޮތުގައި ނުރަސްމީ ސިފައެއްގައި ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ. ބޮޑެތި ބާރު ހުރި ގައުމުތަކުން، އެހެން ގައުމުތަކުގެ ތެރެއަށް އަތް ގަދަ ކުރުމަށް ކުރިޔަށް ފިޔަވަޅުތައް އަޅަނީ މިފަދަ ނަންފިލާގަނޑު ބޭނުންކޮށްގެން ކަމަށް އުމަރު ވިދާޅުވި އެވެ. އިންޑިއާއިން މަޑުމަޑުން ރާއްޖެއަށް ނުފޫޒު ފޯރުވައި، ބާރުގަދަ ކުރުމަށް މަސައްކަތް ކުރާކަމުގެ ހެއްކެއްގެ ގޮތުގައި އުމަރު ނެންނެވީ މީގެ 12 އަހަރު ކުރީން ބަލި މީހުން އުފުލައި ދިނުމުގެ ނަމުގައި ހެލިކޮޕްޓަރެއް ގެނެސް އެ ދުއްވައި އެކަން ފުޅާކޮށް އެނބުރި ގައުމަށް ދާން ދެކޮޅު ހެދުމެވެ.

އައްޑޫ މަރުކަޒުގައި ތަމްރީނުތައް ދިނުމުގައި ހަރަކާތްތެރި ވާނީ އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ އޮފިސަރުންކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ، މިއީ މެދުކެނޑުމެއް ނެތި އެ ގައުމުގެ ސިފައިންނާއި ފުލުހުން އަދި އެކި އެޖެންޓުން އިންސްޓްރަކްޓަރުންގެ ނަމުގައި އެ މަރުކަޒުގައި ތިބެން ހުޅުވާލި ދޮރެއް ކަމަށެވެ.

އިންޑިއާގެ ފުލުހުންނާއި ސިފައިންނަކީ އޮޕަރޭޝަންތައް ހިންގުމުގައި އާއި މަގުމަތި ޕެޓްރޯލް ކުރުމުގައި ހަތިޔާރު ގެންގުޅޭ ބަޔަކަށް ވާއިރު އެފަދަ ބައެއްގެ ފަރާތުން ތަމްރީނު ދޭނަމަ ހަތިޔަރު ވެސް ރާއްޖެ ގެންނާނެ ކަމުގެ ތުހުމަތުކޮށް އުމަރު ވިދާޅުވީ، ލަހެއް ނުވެ އެފަދަ ސަމާނުތައް ރާއްޖެއަށް އެތެރެކޮށް އެ ރައްކާކޮށްގެން ގެންގުޅެވޭނެ ގޮތް ހަމަޖައްސާނެ ކަމާއި މެދު އެއްވެސް ޝަކެއް ނެތް ކަމަށެވެ.

ރާއްޖޭގައި ހުރި ރާޑަރު ސިސްޓަމްތަކަށް އިޝާރާތްކޮށް އުމަރު ވިދާޅުވީ، މީގެ ތެރޭގައި ހިމެނޭ 10 ސިސްޓަމަކީ ވެސް އިންޑިއާގެ ސަލާމަތަށާއި އެ މީހުން ރާއްޖޭގައި ހިނގާ ކަންކަން ކައިރު ބެލުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އޭގެ އެންމެ ބޮޑު ބޭނުނަކީ ޗައިނާ ފަދަ އިންޑިއާ ނުރުހޭ ގައުމުތަކުގެ މައްޗަށް ފާރަލައި މި ސަރަހައްދުގެ ކަނޑުގެ މައްޗަށް ބާރު ފޯރުވުންކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، އުމަރު ވިދާޅުވީ ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އިންޑިއާ އަދި ޗައިނާގެ ވެސް އުނގަށް ނުވެއްޓި “ނިއުޓްރަލް” ގައުމެއްގެ ގޮތުގައި އޮތުން ކަމަށެވެ. އަދި ހާއްސަކޮށް އެހެން ގައުމުތަކުގެ ދާހިލީ ނުވަތަ އެތެރޭގެ ހަމަނުޖެހުންތަކަށް ބަސް ބުނެ ޖެހި ނުގަތުން ކަމަށެވެ.

އިންޑިއާ އަދި ޗައިނާ ދެ ގައުމަކީ ބާރުގަދަ ވުމަށް އެއް ގައުމުން އަނެއް ގައުމަށް އަބަދުވެސް ކޯޅޭ ބަޔަކަށް ވާއިރު އެކަމުގެ ތެރޭ ރާއްޖެ ފިތި ބާރުވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖެއަށް އިގްތިސާދީ ގޮތުންނާއި، ސަލާމަތީ ގޮތުން ވެސް އޮތް އެންމެ ބުއްދިވެރި ގޮތަކީ އެއީ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: