އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލިގައި ބޭނުންވާ ވަރަށް ނަރުހުން ނެތް ކަމުގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، ގަމު ރީޖަނަލް ހޮސްޕިޓަލްގެ ކަންތައްތައް ބޮއްސުންލައިގެން އެކަމާއިގުޅިގެން ކުރިއަށް ދިޔަ ކުއްލި މައްސަލަ އަށް ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ ރާއްޖޭގެ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުގައި އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުންނާއި އެޓެންޑެންޓުން ނެތްކަމަށެވެ. އަދި އައްޑޫ ސިޓީގައި ހުންނަ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި އެކަށީގެންވާ ވަރަށް ނަރުހުން ނެތް ކަމުގައި ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މި ސަރުކާރު އައި އިރު ކުރިން ތިބި ސަރުކާރުތަކުން އެމްބިއުލާންސް ތަކާއި ފައިވް ސްޓަރ ހޮސްޕިޓަލް ތަކާއި ރާއްޖެއަށް ބޭނުންވާ ޑޮކްޓަރުން ތަމްރީނުކޮށްފައި ތިބި ނަމަ މިއަދު އެވާހަކަ ދައްކަން ނުޖެހުނީސް ކަމަށެވެ.
ޝަރީފް ވިދާޅުވީ އޮތީ ވަރަށް ކުރީގައި ގެނެސްފައި އޮތް އެންމެ ތިން އެމްބިއުލާންސް ކަމަށާއި ނަމަވެސް އެތިނެތި އައްޑޫ އަތޮޅުގެ ބޮޑު ސަރަހައްދަކަށް ނުފުދޭ ކަމުގައެވެ. އަދި އިތުރު ފަސް އެމްބިއުލާންސް ވީ އެންމެ އަވަހަކަށް އައްޑު އަތޮޅަށް ދެއްވާނެ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޔަގީން ކަން ދެއްވި ކަމުގައި ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ އިކުއަޓޯރިއަލް ހޮސްޕިޓަލް ހިންގުމަށް ބޭނުންވާ ފައިސާގެ ތެރެއިން ފަންސާސް އެތައް މިލިޔަން ރުފިޔާއެއް ލިބިގެން މެނުވީ މިއަހަރުވެސް ހޮސްޕިޓަލް ހިންގެން ނެތް ކަމަށެވެ. ނަމަވެސް ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ކޮވިޑުގެ ހާލަތުގައި ރާއްޖޭގެ އިގްތިސާދަށް ދިމާވެގެން ދިޔަ މިންވަރާއި ރާއްޖެއަށް ފަތުރުވެރިން އައި ވަރާއި ދައުލަތަށް އާމްދަނީ ލިބޭ ވަރާއި ސަރުކާރުން ކޮވިޑުން ރާއްޖެ ހިމާޔަތް ކުރުމަށް ކުރި މަސައްކަތާއި އެކަމަށް ދިޔަ ހަރަދާއި އެކަމުގެ ސަބަބުން އިގްތިސާދީ ކަންކަމަށް އިންވެސްޓް ކުރަން ހުރި ފައިސާ އަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
ޝަރީފް ވިދާޅުވީ ކިތަންމެ ގިނަ މެޝިނަރީޒް ހުއްޓަސް އެކަށީގެންވާ ޓެކްނީޝަނުންނާއި، ޑޮކްޓަރުންނާއި ނަރުހުން ނެތް ނަމަ ރައްޔިތުންނަށް އެންމެ އެދެވޭ ފެންވަރުގެ ހިދުމަތް ލިބިގެން ނުދާނެ ކަމަށެވެ. ވުމާއެކު ރާއްޖޭގައި އެކަން ކަން އަލުން ބަލުން ފެށުމަށް މިސަރުކާރަށް ވަނީ ޖެހިފައި ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ، އެ ދާއިރާއެއްގެ ހޮސްޕިޓަލުތަކުގައި ހުރި މައްސަލަތައް ހައްލު ނުކުރެވޭތީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

