ވެރިކަން ކުރާ ފަރާތުން ނުވަތަ ސަރުކާރުން ވިޔަފާރިތަކުގެ ތެރެއަށް ވަނުމަކީ ސަރުކާރުގެ ޕޮލިސީއެއް ކަމުގައި ވެގެން ނުވާނެކަމަށް މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށް ދާ ރައްޔިތުންގެ މަޖިލީހުގައި ކުންފުނިތަކާއި ބެހޭ ބިލަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ އެމްޑީޕީގެ ހިއްސާ އޮތް ސަރުކާރަކުން ވިޔަފާރި ތެރެއަށް ވަނުމަކީ އެމްޑީޕީގެ މަގްސަދު ގަބޫލު ކުރާ ކަމެއް ނޫން ކަމުގަ އެވެ.
އާޒިމް ވިދާޅުވީ އެމްޑީޕީން ވަކާލާތު ކުރަމުން އައީ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގެ ފުރުސަތު އެމީހުންނަށް ދިނުމަށް ކަމުގައެވެ. ނަމަވެސް ސަރުކާރުން ވިޔަފާރީގެ ތެރެއަށް ކުންފުނިތައް ހަދައިގެން ވިޔަފާރި ތެރެއަށް ވަނުމަކީ މެދު އަދި ކުދި ފަންތީގެ ވިޔަފާރިވެރިންގެ އިތުރުން ބޮޑެތި ވިޔަފާރިވެރިންވެސް ކަންބޮޑުވާނެ ކަމެއް ކަމުގަ އެވެ.
އާޒިމް ވިދާޅުވީ އެއްވެސް މަސައްކަތެއް ނުކުރާ 10 ކުންފުނި އުވާލަން ޖެހޭ ކަމަށާއި އަދި ކުންފުނިތަކުގެ ބިލު ކޮމިޓީ މަރުހަލާގައި އެ ކުންފުނިތަކުގެ މަސައްކަތްތައް ބަލަން ޖެހޭ ކަމަށެވެ.
އެކަމުގެ ސަބަބަކީ ފެންނަ މަންޒަރާއި ދައްކާ ވާހަކަ ދިމާ ނުވުން ކަމުގައި ވިދާޅުވަމުން އާޒިމް ވިދާޅުވީ އިންތިހާބުގައި ދައްކާ ވާހަކައާއި އިންތިހާބުން ކާމިޔާބުވެ އޮފީހަށް ވަދެ އިނދެ ދެކޭ ދެކުން މުޅިން ތަފާތު ކަމުގަ އެވެ.
އާޒިމް ވިދާޅުވި ދައްކާ ވާހަކަ އާއި އަމަލު އެއްގޮތަކަށް ވެސް ދިމާ ނުވާ ކަމުގައެވެ. އަދި އެކަމަކީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި އާޒިމް ވިދާޅުވި އެވެ.
މި ސަރުކާރުން މިހާތަނަށް 12 ކުންފުނި އުފައްދާފައިވާ ކަމަށާއި އޭގެ ތެރޭގައި ޖީބަށް ބޮޑުކުރަން ހިންގާލާ ކުންފުނިތައް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަހި ދިރިއުޅުން ކިޔާފައި ކުންފުންޏެއް އުފެއްދި ނަމަވެސް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް އާޒިމް ވިދާޅުވި އެވެ.

