ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގައި އިންތިހާ ތަފާތު ކުރުންތައް އެބައޮތްކަމަށާއި، ޕާޓީއަކީ ވަކި ބައެއްގެ އެއްޗެއްގެ ގޮތުގައި ދެކޭ ދެކުން ހުއްޓާލަން ޖެހޭކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް މަސް ދުވަހަށް ވެފައިވާއިރު ދުވަހުން ދުވަހަށް ޕާޓީގެ އެތެރޭގެ އަރާރުންތަކާއި ކޯޅުންތައް ދަނީ އިތުރުވަމުންނެވެ. ސަރުކާރާއި ޕާޓީއާއި ގުޅުވައި ދެކެވޭ ވާހަކަތަކުގެ ސަބަބުން 2023 ގެއްލިދާނެ ކަމުގެ ބިރު އޮތް ނަމަވެސް އެމްޑީޕީގެ އެތެރޭގެ ހާލަތު ގޯސް ވާވަރަށް އެކަކު އަނެކަކަށް ދަނީ ބަހުގެ ހަމަލާތައް އަމާޒު ކުރަމުންނެވެ.
މޭއި މަހުގެ 14 ގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ އިންތިހާބުން އެންމެ ފޯރިގަދައީ ޗެއާޕާސަނަކަށް އައުމަށް ކުރާ މަސައްކަތެވެ. މި މަގާމަށް ވާދަކުރަނީ އިގްތިސާދީ ވަޒީރު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. ކެމްޕެއިނުގެ ތެރޭގައި އިންތިގެ ފަރާތުން ނަގާ ނުކުތާއަކީ ސަރުކާރުން އެމްޑީޕީގެ އަސާސްތަކާއި ހިލާފުވަމުން ދާކަމަށާއި ވައްކަމާއި ކޮރަޕްޝަނަށް ވަރިހަމަވެފައިވާ ކަމަށެވެ. އަދި ފައްޔާޒްގެ ފަރާތުން ވިދާޅުވަނީ އެމްޑީޕީ ހިންގަން ލިބުނު ފައިސާއަށް ވީނުވީއެއް ނޭނގޭކަމަށާއި، އަދި ޕާޓީގެ އާއްމު މެމްބަރުންނާއި ލީޑާޝިޕާއި އޮންނަން ޖެހޭ އެއްވެސް ގުޅުމެއް ނެތި ރަށްތަކުގެ ޕާޓީ ޖަގަހަތައް ވީރާނާ ވެފައިވާކަމަށެވެ.
މި ބަހުސްތަކުގައި އިންތިއަށް ތާއީދު ކުރާ މެމްބަރުން ވަނީ ޕާޓީ ”ގޮތް ނޭނގޭ ބައެއްގެ“ އަތް މައްޗަށް ދޫކޮށް ނުލާން ގޮވާލާފަ އެވެ. އަދި އެމްޑީޕީގެ އަސްލު މެމްބަރުންނެއްގެ ބަހުސްއެއް ހުޅުވާލި އެވެ. މިކަމާއި ގުޅުވައި ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޝަހީމް ވިދާޅުވީ މަޖިލިސް ތަޅުމުގައި ބައެއް މެމްބަރުންނަށް އަމާޒުކޮށް އެބޭފުޅުންނަކީ ”އަސްލު އެމްޑީޕީގެ މެމްބަރެއް“ ނޫނޭ ބުނެ ބައެއް އިސްކޮށް ތިއްބަވާ އެމްޑީޕީގެ މެމްބަރުން ތަޅުމުގައި ނިޒާމީ ނުކުތާ ނަންގަވާ މާޒިވެދިޔަ އެކި ކަންކަމާ ބެހޭ ގޮތުން ސުވާލު ކުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
މިއީ ނަސްލީ ތަފާތު ކުރުންގެ ގޮތުގައި ސިފަ ކުރައްވައި ޝަހީމް ވިދާޅުވީ، މި އާދަ ނައްތާލަން ޖެހޭ ކަމަށެވެ. އަސްލު މެމްބަރުން ނޫންކަމަށް ބުނި ބުނުން އަމާޒުވި މެމްބަރުންގެ ދިފާއުގައި ޝަހީމް ފާހަގަ ކުރެއްވީ އެމްޑީޕީގެ ރަޖިސްޓްރީގައި ޖެހުމަށްފަހު އެއީ އެމްޑީޕީގެ މެމްބަރެއްކަމަށެވެ. އަދި އެހެން ޕާޓީ އެއްގެ މެމްބަރެއް ކަމުގައި ނުބުނެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީމް ވަނީ މެމްބަރުން ގިނަވެ އެމްޑީޕީ ބޮޑުވެގެން އައި އެއް ސަބަބެއްގެ ގޮތުގައި އެހެނިހެން ޕާޓީތަކުގެ މެމްބަރުން އައިސް ގުޅިފައިވުން ފާހަގަކުރަށްވާފަ އެވެ. ޕާޓީގެ ހުރިހާ މެމްބަރުނާއި އެކުގައި މަސައްކަތް ކުރުމުގެ ގާބިލުކަން ކޮންމެ މެމްބަރެއްގެ ގައިގައިވެސް ހުންނަން ޖެހޭނެކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި ބައެއް ބޭފުޅުންގެ އަމަލުތައް އަދި ވާހަކަތައް ބައްޓަން ކުރެވިފައިވާ ގޮތުން އެބޭފުޅުން ގައިގައި އެ ގާބިލްކަން ނެތްކަަމަކަށް ޝަހީމް ވިދާޅުވި އެވެ.
އިންތިހާބުގައި ފައްޔާޒާއި އެކު ކުރަމުންދާ މަސައްކަތްތަކަސް ޝަހީމް ވިދާޅުވީ، ކޮންމެ މެމްބަރެއް ވެސް ޓީމާއި އެކު މަސައްކަތް ކުރަނީ އެއީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. އަދި ރަނގަޅު ނަތީޖާއެއް ނެރެވޭނީ އެކުގައި ކުރާ އިހުލާސްތެރި މަސައްކަތްތަކެއްގެ ތެރެއިންކަމަށް ޝަހީމް ވިދާޅުވި އެވެ.
އެހެން ބައެއް ޕާޓީތަކުން އެމްޑީޕީއާއި ގުޅުނު މެމްބަރުންނަށް އަމާޒުވާ ފާޑުކިއުންތަކާއި، އަދި އެ މެމްބަރުން ވަކި ކަންކަމުގައި ގޯސް ވާކަމާއި މިސާލެއްގެ ގޮތުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ނަން ާފާހަގަކޮށް ސުވާލު ކުރުމުން ޝަހީމް ވިދާޅުވީ ރޮޒެއިނާ އަކީ ޑީއާރުޕީއަށް ވެސް އިހުލާސްތެރި މަސައްކަތްތަކެއް ކުރެއްވި މެމްބަރެއް ކަމަށެވެ. އެއަށް ފަހު އެމްޑީޕީއާއި ގުޅި ޕާޓީގެ ޓިކެޓުގައި މަޖިލީސް އިންތިހާބު ކާމިޔާބު ކުރުމާއި ވެރިކަން ވޭތުވެ ދިޔަ ދިހަ އަހަރު އެމްޑީޕީއަށް ވެސް އިހުލާސްތެރި މަސައްކަތްތައް ކުރި ކަމަށެވެ. އެހެން ކަމުން މިފަދަ ބަސްތައް އަމާޒު ކުރުން ބަލައި ނުގަނެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ އިންތިހާބުގައި އިންތި ވާދަ ކުރައްވަނީ ރައީސް މުހައްމަދު ނަޝީދުގެ ތައީދާއި އެކު އެވެ. އަދި ފައްޔާޒް ވާދަކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއި އެކު އެވެ.

