ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށުގެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެކަމަށް ކަނޑައަޅައިފި

ސުޕްރީމް ކޯޓުގެ އިސްތިއުނާފު އަޑުއެހުމުގައި ރައީސް ޔާމީން އަބްުދުލްގައްޔޫމް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް ޔާމީން ގެ މައްޗަށް އުފުލާފައިވާ ވ. އާރަށުގެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ މައްސަލައެއް ކަމުގައި ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އިބްތިދާއީ އަޑުއެހުމުގައި ކުރިއަށް ގޮސްފައިވަނީ ރައީސް ޔާމީންގެ ދެ މައްސަލަ ކަމުގައިވާ މަނީ ލޯންޑަރިންގ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ އަޑުއެހުންތަކެވެ. މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމަކ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ މައްސަލަ އެއްތޯ ބެލުމަށް ކުރިއަށްދިޔަ ޝަރީއަތެވެ.

މައްސަލައިގެ ދައުވާގައި ރައީސް ޔާމީންގެ ވަކީލު އަދި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ދައުލަތުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ޔާމީން ފްރޭމް ކުރުމަށްކަމަށެވެ.

އަދި މަދަނީ މިންގަޑުން މައްސަލަ ކުރިއަށް ގެންދިއުމުގައި ދައުލަތުންނާއި ޔާމީންގެ ފަރާތުން ހުށައަޅާފައިވާ ހެކި ވަޒަން ކުރުމުގައި ހެކީގެ ބުރަދަނަށް ބަލައި ދައުލަތުން ހުށައަޅާފައިވަނީ އެންމެ ދެ ހެކި ކަމަށާއި އެދެ ހެއްކަކީ އިތިރު ހެކިވެރިންގެ ހެކިބަހާއި ނުލާ ބަލައި ނުގަނެވޭނެ ދެ ހެކި ކަމުގައި ބަޔާން ކޮށްފައިވެއެވެ.

ދައުލަތުން ހުށައެޅި ދެހެކިވެރިންނަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑައިރެކްޓަރ އަބްދުﷲ ޒިޔަތެވެ. ވުމާއެކު ޖަވާބުދާރީ ވުމަށް ކޭސް އެއް ނެތްކަމާށާއި ނުވަތަ ދައުލަތުން ހުށައަޅާ މައްސަލަ އަށް ޖަވާބު ދާރީ ވާން ނުޖެހޭނެ ކަމުގައި ޖަމީލް ފާހަގަ ކުރެއްވިއެވެ.

ޑރ ޖަމީލްގެ ވާހަކަފުޅުގައި ދައުލަތުންކުރާ ދައުވާގެ އުންސުރުތަކުގައި ބަޔާންކޮށްފައިވާ ވާގިއާގައި ރިޝްވަތު ގަބޫލު ކުރިކަމުގެ ހެއްކެތް ނެތް ކަން ފާހަގަ ކުރެއްވިއެވެ. ޖަމީލް ވިދާޅުވީ ދައުލަތުން “ކްރައިމް އާސަން” އެއް ނުވަތަ ހެކި ނެތް ކަމަކަށް ހެއްކެތް އުފަންކޮށް ވުޖޫދުކޮށް ގުޅުންނެތް ދެ މައްސަލައެއް އެއްކޮށްގެން ކުށް ނުކުރާ މީހަކު ފްރޭމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. ޑރ ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް ކުރާ ދައުވާ އަކީ ދައުލަތުން ހަދައިގެން ދައްކާ ވާހަކައެއް ކަމަށާއި އެއީ އެލަރބޮރޭޓިވް ސްކީމް އެއް ކަމަށާއި އެއީ ކޮންސްޕެރިސީ އެއް ކަމަށެވެ.

ޖަމީލް ވިދާޅުވީ ޔޫސުފް ނައީމްގެ ކުންފުންޏަކަށް އާރަށް ހޯދައިދިނުމަށްޓަކައި ޔާމީން ނުފޫޒު ފޯރުއްވައި އަދި ރިޝްވަތުގެ ނެންގެވި ކަމަށް ދައުވާގައި އޮތަސް، އެ ރަށް ކުއްޔަށް ދީފައި އޮތީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ޔާމީނަށް ލިބިވަޑައިގަތް ފައިސާއަކީ އެކަމާ އެއްވެސް ގުޅުމެއް ހުރި ފައިސާއެއް ނޫން ކަމަށާއި އެއީ ޑޮލަރު ގަތުމުގެ ވިޔަފާރީގެ މުއާމަލާތެއް ކަމުގައެވެ.

ޖަމީލް ވިދާޅުވީ އެއީ ޔާމީނަށް ލިބިވަޑައިގެންނެވި ފައިސާ އަކީ ސައްހަ ވިޔަފާރީގެ މުއާމަލާތަކުން ލިބިވަޑައިގަތް ފައިސާ ކަމަށް ވާތީ، އެ ފައިސާ ޔާމީން ބޭނުންފުޅު ކުރެއްވުމަކީ މަނީ ލޯންޑާ ކުރުން ކަމަކަށް ނުބެލެވޭނެ ކަމަށެވެ.

ޖަމީލްގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލް  ވިދާޅުވީ ޔާމީން އޭރު ހުންނެވީ ރައީސްކަމުގައި ކަމަށް ވާތީ ގާނޫނުއަސާސީ އޮތްގޮތުން ވިޔަފާރި ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އެގޮތަށް ދައުލަތުން ބުނުމުން، މައްސަލައާ ނުގުޅޭ ވާހަކަތައް ދައުލަތުން ދައްކާ ކަމަށް ބުނެ ޔާމީންގެ ވަކީލުން އިއުތިރާޒްކުރި އެވެ. އަދި އެ އިއުތިރާޒް ބަލައިގަނެ، މައްސަލައިގެ ބޭރުން ވާހަކަ ނުދައްކަން އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ދައުލަތަށް އެންގެވިއެވެ.

ދައުލަތުން ހާމަކުރެއްވި ގޮތުގައި ޔާމީންގެ މައްޗަށް ފްރޭމް ކުރާ ކަމުގެ ތުހުމަތު ކުރުމަކީ ގާނޫނީ ޒިންމާ އަދާކުރުން ކަމުގައި ނުދެކޭ ކަމަށެވެ.

ދައުލަތުން ބައެއް ހެކިތައް ފޮރުވާފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އެގޮތުން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ލެޓަރ އޮފް އިންޓަރެސްޓް ނެތް ކަމަށް ބުނި ނަމަވެސް އެލިއުންވެސް ކުއްޔަށް ދޫކުރި ލިއުންތައް ހުށައެޅި އިރު ލިބިފައިބާ ކަން ޖަމީލް ހާމަކޮށްފައިވެއެވެ.

މައްސަލަ ރައްދުވާ ޔޫސުފް ނައީމްގެ ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުނިން ވ އާރަށް ކުއްޔަށް ނެގުމާއި ރައީސް ޔާމީނާއި ޔޫސުފް ނައީމާއި ދެމެދު ހިންގާފައިވާ ފައިސާގެ މުއާމަލާތާއި ގުޅުމެއް ނެތް ކަމަށެވެ.

ހަމްޒާ ވިދާޅުވި ގޮތުގައި އެ ދެ މުއާމަލާތް ގުޅުވާލުމަށް ދައުލަތުން ހުށައަޅާފައިވާ ދެ ހެކިންނަކީ އެ ހެކިވެރިންގެ ހެކިބަހަށް ބާރު ލިބިދޭ އިތުރު ހެއްކެއް ނެތި ބުރަދަން ދެވޭނެ ހެކިތަކެއް ނޫންކަން ސުޕްރީމް ކޯޓުގެ ޙުކުމުން ސާފުވާކަމަށެވެ.

އެހެންނަމަވެސް، އެ ހެކިތައް ބަލައިގަތުމުގެ މަރުޙަލާއަކީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ މަރުޙަލާ ކަމަށްވާއިރު، މިއީ ޖަވާބުދެވޭނެ ދައުވާއެއްކަން ގާޒީއަށް ހަގީގަތުގައި ކަނޑައެޅުއްވޭނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ މަރުޙަލާއަށްފަހުގައި ކަމަށް  ހަމްޒާ ވިދާޅުވިއެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ  އަހުމަދު ޝަކީލު ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމުގައި ކަނޑައަޅުއްވާފައެވެ.

އަދި މައްސަލައިގެ ލިއުންތައް ހުށައެޅުމަށް ދައުލަތާއި ރައީސް ޔާމީނާއި ޔޫސުފް ނައީމަށް 15 ދުވަހުގެ މުހުލަތެއް ގާޒީ ޝަކީލް ދެއްވިއެވެ.

މި މައްސަލައިގައި ދެން ކުރިއަށް ދާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުމެވެ. އެ އަޑުއެހުން އޮންނާނީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: