އެމްޑީޕީގެ ދަފްތަރުގައި ޕީޕީއެމްގެ 20،000 މެންބަރުން އެބަ ތިބި ކަމަށް ބުނެ އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލް ދެއްކެވި ވާހަކަތައް ޕާޓީ ދޮގު ކޮށްފިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި ޕާޓީގެ އިތުރުން ސަރުކާރަށްވެސް ޕާޓީގެ މެންބަރުން ފާޑު ކިޔަމުން ގެންދާއިރު ކެމްޕެއިންގެ ވާދަވެރިކަމުގެ ތެރޭގައި ދަނީ ތަފާތު ގިނަ ވާހަކަތަކެއް ދެކެވެމުންނެވެ. އެގޮތުން ޕާޓީ ހިންގަމުން ގެންދާ އުސޫލްތަކަށް ފާޑު ކިޔުމުގެ އިތުރުން ޕާޓީގެ ދަފްތަރު އުފެދިފައިވާ ގޮތާއި މެދުވެސް ދަނީ ސުވާލު އުފައްދަވަމުންނެވެ.
އެމްޑީޕީގެ ދަފްތަރުގައި 20،000 ޕީޕީއެމްގެ މެންބަރުން އެބަ ތިއްބެވި ކަމުގައި ފާހަގަ ކުރައްވާ ފައްޔާޒް ވިދާޅުވެފައިވަނީ ޕާޓީގެ ރައީސް ނުވަތަ ރިޔާސީ ކެޑިޑޭޓެއް ހޮވާ އިންތިހާބެއްގައި އިދިކޮޅުގެ ވިހި ހާސް މެންބަރުންނަށް ވޯޓު ލެވޭ ކަމުގައެވެ.
ފައްޔާޒްގެ މި ބުނުމަށް ރައްދު ދެއްވާ އެމްޑީޕީ އިދާރީ ގޮތުން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވެފައި ވަނީ ނެރެފައިވަނީ ސައްހަ ލިސްޓެއްކަމަށާއި އެ ލިސްޓުގައި އެމްޑީޕީގެ ސައްހަ މެންބަރުން ނޫން އެހެން ފަރާތްތަށް ނުތިބޭނެކަމަށެވެ.
ނިޔާޒް ވިދާޅުވީ ލިސްޓާއިއެކު ޝަކުވާތައް ހުށައެޅިގެން ދިޔުމުގެ ސަބަބުން ލިސްޓް ފައިނަލް ކުރީ ބަލަންވާ މިންވަރަށް ބެލުމަށްފަހުކަމަށެެވެ. އަދި ޕާޓީގެ ދަފްތަރާއި އީސީގެ ލިސްޓާއި އަޅާ ކިޔާފައިވާނެކަމަށް ނިޔާޒް ފާޙަގަ ކުރެއްވިއެވެ. ި މިނިސްޓާ ފައްޔާޒް ދެއްކެވިފަދަ އެއްވެސް މައްސަލައެއް ޕާޓީގެ ލިސްޓުގައި ނުހުންނާނެކަމުގައި އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން އާންމުކުރެވިގެން ދިޔަ ވޯޓާސް ލިސްޓުގައި ޕާޓީގައި 94،000 ވުރެ ގިނަ މެންބަރުން ތިބޭނެކަމަށް ބުނެފައިވާއިރު، އީސީން ބުނެފައިވަނީ މިއަހަރުގެ ފެބްރުއަރީ 15 ގެ ނިޔަލަށް އެމްޑީޕީގައި ތިބީ 54،800 ގާތް ކުރާ އަދަދެއްގެ މެންބަރުންކަމަށެވެ.
މީގެ އިތުރަށް މި އިންތިހާބުގައި ދެން ޗެއާޕާސަންކަމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ގެ އިތުރުން އެބޭފުޅާއަށް ތާއީދު ކުރައްވާ ބޭފުޅުންވެސް ގެންދަވަނީ ޕާޓިގެ ދަފްތަރު އިސްލާހު ކުރަންޖެހޭ ކަމުގެ ވާޙަކަ ދައްކަވަމުންނެވެ. އަދި މިއިންތިހާބަށް ހުޅުވާލި އިންގެ ތިލަފަތުގެ ރަމްޒް މެނިފެސްޓޯގައިވެސް ވަނީ މި މަސައްކަތް ފާހަގަކޯށްފައެވެ.
އިންތިގެ ތަރުޖަމާނު އުގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އެކި ސަބަބުތައް ދައްކާ ޕާޓިގެ ސައްހަ މެންބަރުން އިލެކްޝަން ކޮމިޝަނުގެ ދަފްތަރުން އުނިކޮށްފައިވާކަމުގެ ތުހުމަތުތައްވެސް ކުރައްވާފައެވެ. އަދި އޭނާ ވިދާޅުވީ އިންތިގެ ޗެއާޕާސަންކަމެއްގައި މިފަދަ ކަންތައްތަކަށް ހައްލު ގެނެވިގެން ދާނެ ކަމަށެވެ.

