ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންޑިއާ އައުޓް” ހުއްޓުވަން ރައީސް ނެރުއްވި ގަރާރު ބާތިލު ކުރަން ކޯޓަށް!

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްުދުﷲ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

“އިންޑިއާ އައުޓް” ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގެ މައްސަލަ ކޯޓަށް ހުށަހަޅާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ރާއްޖެއަށް އަވައްޓެރި އިންޑިއާގެ ނުފޫޒު ވަދެފައިވާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ ހަރަކާތަކީ، ރާއްޖެއިން އިންޑިއާ ސިފައިން ފޭބުމަށާއި ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެކި އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައި ކުރިޔަށް ގެންދާ މޫވްމަންޓެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި ކުރިޔަށް ގެންދާ މި ހަރަކާތްތައް ރާއްޖޭގެ ރަށްތަކުގައި ވެސް ފުޅާކޮށް، މަލޭގައި އެއްވުންތައް ކުރިޔަށް ގެންދާތީ ހާރިޖީ ގުުޅުންތަކަށް ގެއްލުންވާ ގޮތަށް ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށް ސަރުކާރުގެ މެމްބަރުންނާއި އެމްޑީޕީން ދިޔައީ ގޮވާލަމުންނެވެ.

މަޖިލީހުގެ ތަޅުމަށް ދެ ފަރާތުން ވެސް މައްސަލަ ހުށަހަޅައި ބޮޑެތި ބަހުސްތަކެއް ކުރުމަށް ފަހު، އިއްޔެގެ ވަގުތެއްގައި ރައީސް ޔާމީން ދިރިއުޅުއްވާ ހ. ދޫވެހި އާއި ޕީޕީއެމް، ޕީއެންސީ އޮފީސް ހުންނަ ހ. ހުރަފާ ހިމެނޭހެން މާލޭގެ ބޮޑެތި ބައެއް އިމާރާތްތަކުގައި “އިންޑިއާ އައުޓް” ޖެހި ބެނާތައް ހަރު ކުރި އެވެ. ފުލުހުން ނެރެގެން ވިޔަސް، ބެނާތައް ނަގަން ޖެހޭނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށް މިއަދުގެ ފަތިހު ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން ބެނާތައް ވަނީ ނަގާފަ އެވެ. އަދި އޭގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ގަރާރެއް ނެރުއްވައި އިންޑިއާ އައުޓް ހަރަކާތުން ގައުމަށް ގެއްލުންވާކަމަށް ނިންމައި، އެ އަމަލު ހުއްޓުވުމަށް ތަންފީޒީ އިދާރާތްތަކަށް އަންގަވާފަ އެވެ.

އެ މައްސަލައިގައި އިދިކޮޅުން މިއަދު މީޑިއާތަކާއި ބައްދަލުކޮށް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް ހިންގެވި ގާނޫނާއި ހިލާފު އަމަލެއްކަމަށެވެ.

ބޭރު ގައުމެއްގެ ކުރިމަތީގައި ދިވެހިރާއްޖޭގެ އަގު ވައްޓާލައިފާކަމަށް ތުހުމަތު ކުރައްވައި އަބްދުއްރަޚީމް ވިދާޅުވީ އިއްޔެގެ ވަގުތެއްގައި ފުލުހުން “އިންޑިއާ އައުޓް” ބެނާ ތަކުގެ ސަބަބުން އެގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭކަމަށް ބުނެ ބަޔާނެއް ނެރުނު ކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގެ ގަދަރާއި ކަރާމާތާއި މިނިވަންކަމާއި އިސްތިގުލާލަށްވުރެން އެހެން ގައުމެއްގެ މިކަންކަން މުހިއްމު ނޫންކަމަށް އަބްދުއްރަޚީމް ވަނީ ފާހަގަކުރަށްވާފައި އެވެ.

ސަރުކާރުގެ އެންގުމަކަށް “އިންޑިއާ އައުޓް” ބެނާ ނެގުމުންނާއި ރައީސް ނެރުއްވި ގަރާރުގެ ސަބަބުން އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް ދިވެހިރާއްޖެ ގެންގޮސްފައިވާ މިންވަރު ފެނިގެންދާކަމަށް ވެސް އަބްދުއްރަޚީމް ވަނީ ވިދާޅުވެފައިއެވެ.

“އިންޑިއާ އައުޓް” ހަރަކާތަކީ ދިވެހި ރައްޔިތުން ހިންގާ ހަރަކާތެއްކަން ފާހަގަކުރަށްވަމުން އަބްދުއްރަޚީމް ވިދާޅުވީ މި ހަރަކާތްތަކުގައި ގައުމީ ސަލާމަތައް ނުރައްކާވާނެ ފަދަ އަމަލެއް އެއްވެސް ހާލަތެއްގައި ނުހިންގަވާނެކަމަށާއި އިދިކޮޅު ކޯލިޝަންގެ ފަރާތުން ހިންގާ ކޮންމެ ހަރަކާތެއްވެސް ކުރިއަށް ދާނީ ގާނޫނު އަސާސީގެ އިމުގެތެރެއިން ކަމަށެވެ.

އަބްދުއްރަޚީމް ގެ އިތުރުން މި ބައްދަލުވުމުގައި ވާހަކަދައްކަވާފައިވަނީ މާލެސިޓީ ކައުންސިލްގެ މޭޔަރ ޑޮކްޓަރ މުހައްމަދު މުއިއްޒުއެވެ. އޭނާ ވިދާޅުވީ މާލެސިޓީ ކައުންސިލް ހުންނަވާނީ ގާނޫނު އަސާސީއާއި އެއްކޮށް ކަމަށާއި ދިވެހި ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާ ހިންދު އެކަމާއި ދެކޮޅަށް ގާނޫނީ އިމުގެ ތެރެއިން ކުރެވެމުންދާ މަސައްކަތްތަކަށް އެ މުއައްސަސާއިން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: