ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން މިފަހަރު ދެމީ “އިން ޑިއާރ އައުޓް” ބެނާއެއް!

އިދިކޮޅުން އިންޑިއާ އައުޓް ބެނާތައް އަނެއްކާވެސް ދަމަން ފެށުން/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ނުފޫޒު ރާއްޖެއަށް ވެފައިވާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ ހަރަކާތްތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި، ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުނު ގަރާރަށް ފަހު ނެގި ބެނާތައް އެހެން ނަމެއްގައި އަނެއްކާވެސް އިމާރާތްތަކުގައި ދަމަން ފަށައިފި އެވެ.

އިންޑިއާ އަދި ރާއްޖެ ދެމެދު ވެފައިވާ އެއްބަސްވުންތަކެއްގެ ދަށުން، އެ ގައުމުގެ އިންޑިއާ ސިފައިން ހަތިޔާރާއި އެކު ރާއްޖޭގައި އުޅެމުންދާކަމުގެ ތުހުމަތު އިދިކޮޅުން ކުރެ އެވެ. އަދި އިންޑިއާއިން ރާއްޖެއަށް ނުފޫޒުތަކެއް ފޯރުވައި، ސަރުކާރުން އެ ގައުމުން އަންގާހާ ގޮތަކަށް މަސައްކަތް ކުރުމަށް މަޖުބޫރުވެފައިވާކަމަށް ބުނެ ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވީ އިއްޔެ އެވެ.

ގަރާރުގައި ވާގޮތުން އިންޑިއާ އައުޓް ހަރަކާތުގެ ބޭނުމަކީ ހަމަޖެހުން ނަގާލައި ނަފްރަތު އުފެއްދުމެވެ. ގަރާރުގައި ރައީސް ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން އެފަދަ އަމަލުތައް ނުހިންގޭނެކަމަށް ގަރާރުގައި ވެއެވެ. ގަރާރު ނެރުމަށް ފަހު ކޯޓު އަމުރަކާއި އެކު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ހ. ހުރަފާއަށް ވަދެ ފުލުހުން ވަނީ އިންޑިއާ އައުޓް ބެނާ ނާގާފަ އެވެ. އަދި ޕީޕީއެމް، ޕީއެންސީ އޮފީސް ހުންނަ އިމާރާތް ހިމެނޭހެން މާލޭގެ އެހެން އިމާރާތްތަކުގައި ހުރި ބެނާތައް ވެސް ނެގި އެވެ.

އެ މައްސަލައިގައި އިދިކޮޅުން ބުނީ ކޯޓަށް ދާނެކަމަށާއި، ރައީސްގެ ގަރާރު ގާނޫނު އަސާސީ އާއި ހިލާފު ކަމަށެވެ. އަދި އިތުރު ބެނާތައް ވެސް ދަމާނެކަމުގެ އިންޒާރު ދީފައިވަނިކޮށް ރޭ ބައެއް ގެތަކުގައި ބެނާތައް ދެމީ “އިން ޑިއާ އައުޓް” ޖެހުމަށް ފަހު އެވެ. އިނގިރޭސި ބަހުން ބަސްތައް އޮޅުވާލައިގެން ލިޔެފައި ހުރި ބެނާތައް ނުނެގޭނެކަމަށް އިދިކޮޅުން ބުނެ އެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމިން އިސްވެ ހުންނަވައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ސަރުކާރަށް ގޮވާލައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަންގެ ފަރާތުން ވަރަށް ފުޅާ ދާއިރާއެއްގައި ހިންގަމުންދާ ކެމްޕޭނެކެވެ. އެހަރަކާތުގައި އިންޑިއާ އައުޓް ބެނާ އާއި ޕޯސްޓަރާއި ޓީޝާޓު ބޭނުން ކޮށްގެން މާލެ އާއި އަތޮޅުތެރޭ ގިނަ ރަށްރަށުގައި އިހުތިޖާޖު ތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ރައީސް ގަރާރެއް އާއްމު ކުރުމުން އިދިކޮޅުން ބުނީ އެއީ އިންޑިއާއިން 12 ގަޑިއިރު ތެރޭގައި ބެނާތައް ނަގަން އަންގައިގެން ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އޭގެއިން ވެސް އެނގިގެން ދަނީ ސަރުކާރު އިންޑިއާ ދަށުވެފައިވާ މިންވަރުކަމަށް ތުހުމަތުކޮށް، ހަރަކާތް ހުއްޓާ ނުލާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: