ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ގަރާރުގެ އަޑުއެހުން ކެންސަލްވެއްޖެ!

އިދިކޮޅުން ކުރިއަށްގެންދިޔަ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ އިންޑިއާ އައުޓްހަރަކާތާއި ބެހޭގަރާރުގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

ހައިކޯޓްގައި އިންޑިއާ އައުޓް މައްސަލަ ތާވަލްކޮށްފައިއޮތީ މިއަދުގެ މެންދުރު 1:30 އަށެވެ. ނަމަވެސް މައްސަލަ ބައްލަވާ އިސްފަނޑިޔާރު ހުޒައިފާ މުހައްމަދު ސަލާމުގައި ހުންނެވުމުގެ ސަބަބުން މިއަދުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އެނބުރި ގައުމަށްފޮނުވާލުމަށް އިދިކޮޅުން ގޮވާލާ ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ގަރާރެއް އާއްމުކުރީ ހުސްވި އަހަރުގެ ތެރޭގައެވެ.

އެގަރާރުގައިވާގޮތުގައި  އިދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕޭންގެ ސަަބަބުން ދޭދޭ އަވަށްޓެރި ގައުމުގެ ހާރިޖީ ގުޅުންތައް ދެމެހެއްޓުމަށް ބުރުއަރައި ދެގައުމުގެ މަސްލަހަތާއި ހަމަޖެހުން ގެއްލިގެންދާކަން ވަނީ ފާހަގަކޮށްފައެވެ.

އިދިކޮޅުން އެގަރާރު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހެޅީ ހުސްވި އަހަރުގެ ފަހުކޮޅުގައެވެ. އޭގެފަހުގައިވެސް އިންޑިއާ އައުޓް ހަރަކާތް ފުޅާދާއިރާއެއްގައި އިދިކޮޅުން ދިޔައީ ކުރިއަށްގެންދަމުންނެވެ. ނަމަވެސް އިދިކޮޅު ޕީޕީއެމް، ޕީއެންސީ، ޖުމްހޫރީ ޕާޓީ އަދި ދަ ޑިމޮކްރެޓްސް ގުޅިގެން ޗާގޮސްގެ މައްސަލައިގައި ކަނޑުވިއްކާލުގާއި ދެކޮޅަށް ކުރިއަށްގެންދިޔަ ސުލްހަވެރި އިހްތިޖާޖްތަކާއި ޖަލްސާތަކުގައި އިދިކޮޅު ޕީޕީއެމް އިން އިންޑިއާ އައުޓަށް ގޮވާތީ އެހެންޕާޓީތަކުގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންނާއި މަޖިލިސް މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިގެންދިޔައެވެ.

އިންޑިއާ އައުޓްގެ މައުޟޫގައި އިދިކޮޅާއި ޑިމޮކްރެޓްސްގެ ބައެއް ފަރާތްތަކުގެ ވިސްނުން ތަފާތުވާންފެށީ އެކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެފަދަ ކަމެއްކަމަށް މިސަރުކާރުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އިންޑިއާ މީހުން ރާއްޖެއިން ފޭބުމަށް އިދިކޮޅުން ގޮވާލާކަމަށް ސަލާމަތީބާރުތަކާއި، ދިވެހި ހާރިޖިއްޔާއިން ބުނަމުންދިޔަ ނަމަވެސް އިދިކޮޅުން އެވާހަކަތަކަށް ރައްދުދީފައިވަނީ އެއީ އިންޑިއާ ރައްޔިތުންނަށް އަމާޒުކޮށް ހިންގާ ހަރަކާތެއް ނޫން ކަމަށް ބުނެއެވެ.

އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ބުނެފައިވަނީ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ނޫން ކަމަށާއި ނަމަވެސް އިދިކޮޅުގެ ހަރަކާތަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެ ގޮތްނޭނގޭ އެއްބަސްވުންތަކެއް އެކުލަވާލާފައިވާތީ އެކަމާއި ދެކޮޅަށް ކުރިއަށްގެންދާ ގައުމީ ހަރަކާތެއް ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތަށް ފަނޑުވުމެއް އައިސްފައިވަނީ އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހައްޔަރުވެ ވަޑައިގެންނެވި ހިސާބުންނެވެ. ރައީސް ޔާމީން ހައްޔަރުވި ހިސާބުން އިދިކޮޅުގެ ފޯކަސް އެކީ އެކަށް ހުއްޓިފައިވަނީ އެމަނިކުފާނު މިނިވަންކުރުމަށެވެ. އެގޮތުން ރައީސް ޔާމީން މިނިވަންކުރުމަށް މުޒާހަރާތައްކުރިއަށްދާއިރު އެމަނިކުފާނުގެ ޝަރީއަތްތައް ފުލުފުލުގައި ކްރިމިނަލްކޯޓާއި ހައިކޯޓްގައި ކުރިއަށް ގެންދެއެވެ.

ކުރީގެ ރައީސް ޔާމީންގެ ގާނޫނީ ޓީމުން ބުނަމުންދަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު ރައީސް އަބްދުﷲ ޔާމީން މިނިވަންވެގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށެވެ. ރައީސް ޔާމީން މިނިވަންކުރުމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން ކެނޑިނޭޅި ރެއާދުވާލު ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އިއްޔެ ކްރިމިނަލް ކޯޓްގައި ކުރިއަށްދިޔަ ޝަރީއަތުގައި ދައުލަތުން ވަނީ ރައީސް ޔާމީނަށް ކުރި ހުކުމް ރަނގަޅުކަމަށް ބުނެފައެވެ. ދައުލަތުގެ އިތުރުން ދުނިޔޭގެ ބައިނަލްއަގްވާމީ ޖަމުއިއްޔާތަކުވެސް ރައީސް ޔާމީނަށް ކުރި މަނީ ލޯންޑަރިންގ، އާއި ހިޔާނާތުގެ ދައުވާ އާއި ހުކުމް ރަނގަޅު ކަމަށް ބުނެފައިވާއިރު، ޔާމީންގެ ސަޕޯޓަރުންނާއި ޕާޓީގެ މެމްބަރުން ބުނަމުންދަނީ ހަރާމް ހުކުމެއް ދައުލަތުންވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: