ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ނުފޫޒު ސަރުކާރަށް އޮތްކަމަށް އިދިކޮޅުން ބުނުން: އެކަން ސާބިތުކޮށް ނުދެވެނީ ކީއްވެ؟

ނައިބު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރައީސް ޔާމީން އާއިއެކު އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ކާމިޔާބީ ލިބުނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލުކުރަން ބޭނުންވާތީއެވެ. ވެރިކަން ބަދަލުކުރުމަށް ބޭނުންވި ސަބަބެއްކަމުގައި އިދިކޮޅުން ބުނަނީ މޯދީ ބޭނުންވާ ގޮތަށް ގައުމު ހިންގުމަށް ރައީސް ޔާމީން އެއްބަސްނުވުމެވެ. ނުވަތަ މޯދީގެ ކުރިމަތީގައި ރައީސް ޔާމީން ކުޑަކަކޫ ނުޖެހުމެވެ. މޯދީ ބޭނުންވެގެން އިންތިހާބު އޮޅުވާލައި ވަގަން ނަގައިގެން ނަމަވެސް، ކޮންމެއަކަސް އިންތިހާބު ކާމިޔާބުކުރެއްވީ ރައީސް ސާލިހެވެ.

އެއާއިއެކު އިދިކޮޅުން ދައްކަން ފެށި ވާހަކައަކީ ރާއްޖެއަށް އިންޑިއާގެ ނުފޫޒު ފޯރުވާކަމުގެ ވާހަކައެވެ. އަދި ރައީސް ސާލިހަކީ “އިންޑިއާގެ ޕަޕެޓެއް” ކަމަށް ސިފަކުރައްވާ ރައީސް ސާލިހުގެ ކޮންމެ ނިންމުމަކީ މޯދީގެ ލަފާއާއި މަޝްވަރާގެ ދަށުން ނިންމާ ނިންމުންތަކެއްކަމަށް ތުހުމަތުކުރިއެވެ. ރައީސް ސާލިހަށް މޯދީގެ ލަފައާއި ނުލައި އެއްވެސް ކަމެއް ނިންމުމުގެ ބާރު އަދި ވެރިކަން ކުރުމުގެ ބާރުވެސް ނެތްކަމަށް ތުހުމަތުކުރިއެވެ. މި ސަރުކާރުން އަމަލުތައް ބަހައްޓާ ގޮތުން ރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ގޮސްފާނެކަމަށް އިދިކޮޅުގައި ތިއްބެވިި ބޭފުޅުން ގަބޫލުކުރައްވައެވެ. ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސް އެއް ގާއިމްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ ހަތިޔާރު އެޅި ސިފައިން ބައިތިއްބާ ގައުމު ހިފަން މަސައްކަތްކުރާކަމަށް އިދިކޮޅުން ބުނެއެވެ. އަދި އިންޑިއާގެ ސަރުކާރުން އިސްލާމް ދީނަށް ފުށޫއަރާ ނޭނގާނީ ކަންކަން ހިންގި ނަމަވެސް އެކަމާއިމެދުވެސް ދިވެހި ސަރުކާރުން ބަހެއް ނުބުނަނީ އިންޑިއާއަށް ބިރުން އޮންނާތީކަމަށް އިދިކޮޅުން ބުނެއެވެ.

އިންޑިއާގެ ސަރުކާރާއިއެކު ގޮތް ނޭނގޭ އެއްބަސްވުންތަކެއް ހަދާފައިވާކަމަށްވެސް ތުހުމަތުކޮށް، މިކަންތައްތަކާއި ދެކޮޅަށްކަމަށް ބުނެ ވަރަށް ފޯރިއާއި ޖޯޝާއިއެކު އިދިކޮޅުން ސިލްސިލާ ގޮތެއްގައި “އިންޑިއާ އައުޓް” ގެ ނަމުގައި ހަރަކާތެއްވެސް ކުރިއަށް ގެންދިޔައެވެ. ރާއްޖެއަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް ވަދެ، ގައުމުގެ މިނިވަންކަން ގެއްލެމުންދާކަމަށް ބުނެ އިދިކޮޅުން ކުރިޔަށްގެންދިޔަ “އިންޑިއާ އައުޓް” ހަރަކާތް ވަރަށް ފުޅާ ކުރިއެވެ. މި ހަރަކާތް ހުއްޓުވުމަށް މަޖިލީހުގެ ކޮމިޓީތަކުގައި ވެސް މަސައްކަތްކޮށް، ތަޅުމުގައި ބަހުސްތަކެއްވެސް ކުރިޔަށް ގެންދިޔައެވެ. އިންޑިއާ އައުޓް ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ގައުމީ ސަލާމަތާއި ބެހޭ ކޮމިޓީން ނިންމާފައިވާތީ ގައި މި ހަރަކާތްތައް ހުއްޓުވަން އަންގައި ތަންފީޒީ އިދާރާތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގަރާރެއް ނެރުއްވާފައެވެ. ގާނޫނު އަސާސީން ލިބިދީފައިވާ ހިޔާލުފާޅުކުރުމުގެ ހައްގުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގައި ކުރިޔަށް ގެންދާ ހަރަކާތެއްގެ ގޮތުގައި ސިފަކޮށް ގަރާރުގައި ބުނެފައިވަނީ މިއީ ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގައިލުމުގެ ނިޔަތުގައި، ދެ ގައުމުގެ ދެމެދުގައި ވާ ގުޅުމަށް ގެއްލުންދީ މި ސަރަހައްދުގެ ސަލާމާތާއި ހަމަޖެހުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ގެންދާ ހަރަކާތްތަކަށް ހުރަސް އެޅުމަށް ރާވައިގެން ކުރިޔަށް ގެންދާ ކެމްޕެއިނެއް ކަމަށެވެ.

ގަރާރުގައި ބުނީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ (ހ) ގެ 03 ވަނަ ނަމްބަރާއި 615 ވަނަ މާއްދާގެ (ހ) ގެ 06 ވަނަ ނަމްބަރުގެ ދަށުން މިފަދަ ކަންކަން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމެވެ.

އިދިކޮޅުން ގަބޫލުކުރާ ގޮތުގައި މިއީ އުފެދުމުގައިވެސް ބާތިލް ގަރާރެކެވެ. އަދި އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ކަނޑައަޅާ، އެ ހަރަކާތް ކުރިއަށް ގެންދިއުމަކީ ކުށެއްކަމުގައި ކަނޑައެޅީވެސް އިންޑިއާގެ ބޮޑު ވަޒީރު މޯދީގެ އެންގުމަކަށް ކަމަށް އިދިކޮޅުން ބުނިއެވެ. އަދި އެ ގަރާރު ބާތިލްކޮށްދިނުމަށް އެދި ކޯޓަށް ހުށައަޅާފައިވާއިރު، މިހާރު ވަނީ އެ މައްސަލައިގެ އަޑުއެހުމެއްވެސް ބާއްވާފައެވެ.

އިދިކޮޅުން ބުނާ ގޮތުގައި މިހާރު ރާއްޖޭގައި ދިވެހީންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންނެވެ. އަދި ސަބަބެއްކަމަށް ފާހަގަކުރީ ދިވެހި ރައްޔިތުންގެ އަތުން ޓެކްސްއާއި އަދި އެހެނިހެން ގޮތް ގޮތުންވެސް ދައުލަތަށް ފައިސާ ނެގި ނަމަވެސް، އިންޑިއާގެ އެގްޒިމް ބޭންކުން ފައިސާ ދީގެން ހިންގާ މަޝްރޫއުތަކެއް، އާމްދަނީން ނަގާ ޓެކްސްއިން އިސްތިސްނާވާ ކަމަށް ސަރުކާރުން ކަނޑައެޅުމެވެ. އެގޮތުން އައްޑޫ މަގު ހެދުމުގެ މަޝްޜޫއު އާއި އައްޑޫ މަގު ހެދުމުގެ މަޝްރޫއުގެ ކޮންސަލްޓެންސީ މަސައްކަތުގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އަދި ތިލަމާލޭ ބްރިޖުގެ މަޝްރޫއުވެސް އިސްތިނާކޮށްފައިވެއެވެ. ރާއްޖޭގައި ހިންގާ މަޝްރޫއުތައް ރާއްޖޭގެ ކުންފުނިތަކަށް ނުދީ އިންޑިއާގެ ކުންފުނިތަކަށް ދީގެން ދިވެހި ދައުލަތުގެ ފައިސާއިން ދިވެހި ރައްޔިތުންނަށް ފައިދާނުކޮށް އިންޑިއާގެ ކުންފުނިތަކަށް އޭގެ ފައިދާ ލިބެނީ ދިވެހިން ރާއްޖޭގެ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށްވީމައިކަމަށް އިދިކޮޅުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ބުނެއެވެ.

އުފެދޭ ސުވާލަކީ ހަމަ ހަގީގަތުގައިވެސް ރާއްޖެއަށް އިންޑިއާގެ ނުފޫޒު އެބަ އޮތްތޯއެވެ. ސަރުކާރުން މި ވާހަކަތައް ތަކުރާރުކޮށް ދޮގުކުރައްވައެވެ. އެހެންކަމަށްވާނަމަ މިއީ ހަމަ ސިޔާސީ މަންފާއެއް ހާސިލްކުރުމަށްޓަކައި، ސަރުކާރާއިމެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތޯއެވެ؟ ނުވަތަ އިންޑިއާއާއި ގުޅިގެން ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް ބުރޫ އެރުވުމަށްޓަކައި ދައްކާ ވާހަކަތޯއެވެ؟

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ، އިންޑިއާ އާއިއެކު މި ސަރުކާރުން ހަދާފައިހުރި ގޮތް ނޭގޭ އެއްބަސްވުންތައް ހާމަކުރައްވާނެކަމަށެވެ. އަދި މި ސަރުކާރު ވެރިކަމުގައި އޮވެ އެކަންކަމުގެ ހަގީގަތް ހާމަކުރެއްވުމަކީ އެމަނިކުފާނު ކުރައްވަންޖެހޭކަމެއް ނޫންކަމަށާއި، އެއީ ސަރުކާރުގެ ޒިންމާއެއްކަމަށް ފާހަގަކުރެއްވިއެވެ.

ނަމަވެސް ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްނަމަ ދިވެހި ރައްޔިތުންނަށް އެކަންތައްތައް ސާބިތުކޮށްދީ ރައްޔިތުންގެ އިތުބާރު ހޯދުމަށް މަސައްކަތްކުރައްވާނެއެވެ. އިންޑިއާ އައުޓް ގޮވުމަށް މަގުމައްޗަށް ނިކުމެ އިހުތިޖާޖުކުރުމުން، އެއީ ސަރުކާރު ޒިންމާދާރު ކުރެވުނީކަމަށް ދެކިގެން ނުވާނެއެވެ. ދައްކާ ސިޔާސީ ހޮޅި ވާހަކަތަކެއް ފަދައިން އެއްވެސް ކޮޅެއްގައި ނުޖެހޭ ކުރާ ބޮޑެތި ތުހުމަތުތަކަކުން ނިންމާލައިގެން ނުވާނެއެވެ. އަދި ހަމައެފަދައިން ސަރުކާރުގައި ތިއްބެވި އިސް ފަރާތްތަކުގެ ސަބަބުން ގައުމުގެ މިނިވަންކަން ގެއްލިގެން ގޮސްދާނެކަމަށް ބުނެ ބޮޑެތި ސީރިއަސް ތުހުމަތުތަކެއްކުރުމުން އެއީ ދޮގެއްކަން ސާބުކޮށްދިނުމަކީ ސަރުކާރުގެ ބޮލުގައިވެސް އެޅިފައިވާ ޒިންމާއެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: