ދިވެހި ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލު ނެގެހެއްޓުމަށް ދިވެހިރައްޔިތުން ކުރަމުންގެންދާ މަސައްކަތަށް ހުރަސް ނާޅުއްވައި، ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ޒިންމާތްއް އަދާކުރެއްވުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް އިދިކޮޅު ކޯލިޝަނުން ގޮވާލަައްވައިފި އެެވެ.
އިންޑިއާގެ ނުފޫޒު ރާއްޖެއަށް ވަދެފައިވާކަމަށް ބުނެ ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި ހަރަކާތްތުގެ ދަށުން ހިންގާ އަމަލުތައް ހުއްޓުވުމަށް އަންގަވައި ރައީސް ސޯލިހު ވަނީ ގަރާރެއް އާއްމު ކުރައްވާފަ އެވެ. އެ ގަރާރުގައި ވާ ގޮތުން އިދިކޮޅުން އިންޑިއާ އައުޓް ހިންގަނީ ރާއްޖޭގެ އަމާންކަމާއި ހަމަޖެހުން ނަގައިލުމުގެ ބޭނުމުގަ އެވެ. އަދި ގާނޫނު އަސާސީން ފަހިކޮށްދީފައިވާ ހިޔާލުފާޅު ކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށް އަވައްޓެރި ގައުމުތަކާއި މެދު ނަފްރަތު އުފެއްދުމުގެ އެއްވެސް ޖާގައެއް ނުދެއްވާނެކަމަށް ގަރާރުގައި ވެއެވެ.
ގަރާރުގެ ދަށުން ލިބިގެންވާ ބާރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ގެކޮޅާއި މާލޭގެ އެހެން ބައެއް އިމާރާތްތަކުގައި ހުރި ބެނާތައް ފުލުހުން ވަނީ ނަގާފަ އެވެ. އެ މައްސަލައިގައި ބަޔާނެއް އާއްމުކޮށް އިދިކޮޅުން ބުނީ ސަރުކާރާއި ސިޔާސީ ފަރާތްތައް ރުއްސުމަށް ސަރުކާރުން އަންގާ އަމުރުތަކަށް ދިވެހި ފުލުހުންނާއި ސިފައިން ތަބައަ ނުވުމަށާއި އެކަންކަން ތަންފީޒު ކުރުމަށް ވެސް ތަބައަ ނުވުމަށް ގޮވާލާ ކަމަށެވެ.
އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތުގައި ބައިވެެރިވެ އެކަމަށް ހިތްވަރުދޭ ފަރާތްތަކަށް ސަރުކާރުން ބިރުދައްކަމުން ގެންދާކަމުގެ ތުހުމަތުކޮށް އިދިކޮޅުން ބުނީ އަރަބިއްޔާ ސްކޫލްގެ ޓީޗަރަކު ސަސްޕެންޑް ކުރި ކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ރައީސްގެ ގަރާރަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ގަރާރު ނެރުމަށް ބުނެދީފައިވާ ތިން ހާލަތުން ކުރެ އެއްވެސް ހާލަތަކަށް ފެތޭ އެއްޗެއް ނޫން ކަމަށާއި އެއީ ބާތިލް ގަރާރެއް ކަމަށް އިދިކޮޅު ބުންޏެވެ.
ދިވެހި ރައްޔިތުންނަށް މިވަގުތު އޮތް އެންމެ ބޮޑު ބިރަކީ މި ސަރުކާރުން އިންޑިއާ އާއި އެކު ހަދަމުން ގެންދާ ގޮތް ނޭނގޭ އެއްބަސްވުންތަކާއި ދިވެހި ފަސްގަނޑުގައި އިންޑިއާގެ އަސްކަރިއްޔާގެ ބާރުގަދަކޮށް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނުރައްކަލުގެ ތެރެއަށް ހުށައެޅިގެން ދިއުން ކަމުގައި އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ދީނާއި ގައުމުގެ މިނިވަން ކަމުގެ ދިފާއުގައި މަސައްކަތްކޮށްގެން ވަޒީފާތަކުން ވަކިކުރާ ދިވެހި ކޮންމެ ރައްޔިތަކަށްވެސް އެފަރާތްތަކުގެ ވަޒީފާ ޕީޕީއެމްގެ ވެރިކަމެއްގައި އަނބުރާ އިޔާދަކޮށްދޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ބަޔާން ނިންމާލަމުން ހާމަކުރައްވާފައިވެއެވެ.

