ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ވާހަކަތަކަށް ސަރުކާރުގެ ކޮމެންޓެއް ނެތް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެކަށީގެންވާ ނަތީޖާއެއް ނުނެރެވި، ތާއީދު ގެއްލިފައިވާ ސަރުކާރަކާއި އެކު އެމްޑީޕީ ދެމި އޮންނަން ބޭނުން ނުވާކަމަށް ބުނެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަށް ދޭނެ ރައްދެއް ނެތްކަމަށް ސަރުކާރުން ބުނެފި އެވެ.

އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ވަރަށް ބޮޑަށް ގޯސްވެ، ޕާޓީ ދެބައިވެފައިވާ މި ދަނޑިވަޅުގައި ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށް މަސައްކަތް ނުކުރެވޭކަމަށް ބުނެ ފާޑުވިދާޅުވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ސިޔާސީ މަސައްކަތް ކުރެވެން ނެތްކަމަށާއި، ސަރުކާރުގެ ތެރެއަށް އަދާލަތު ޕާޓީތައް ފަދަ ކުދި ޕާޓީތަކުގެ ނުފޫޒު ވަދެފައިވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށް އެމަނިކުފާނު ބޭރުގެ ބައެއް މީޑިއާތަަކަށް އިންޓަވިއު ވެސް ދެއްވި އެވެ.

ސިޔާސީ ގޮތުން ދެ ބަސްވުންތަކެއް ދެ ރައީސުންގެ މެދުގައި އުފެދިފައި ވަނިކޮށް މައްސަލަ އަނެއްކާވެސް ގޯސްވީ އެތެރޭގެ އިންތިހާބާއި އެކު އެވެ. ދެ ބޭފުޅުންގެ ފަރާތުން ވެސް ކެނޑިޑޭޓުން ނެރެ ކެމްޕެއިންތައް ކުރިޔަށްދާއިރު، ކެމްޕެއިނުގެ އެންމެ ބޮޑު އެއް ތުހުމަތަކީ ވެސް ސަރުކާރަށް ޖެއްސުންކޮށް ސަރުކާރު ވައްޓާލަން އުޅުމާއި 2023 ގެއްލުވާލަން މަސައްކަތް ކުރާ ވާހަކަ އެވެ. އަދި ރައީސްގެ ތާއީދާއި އެކު އިންތިހާބުގައި ވާދަ ކުރައްވާ އިގްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލް ވިދާޅުވާ ގޮތުގައި ސަރުކާރަށް ޖެއްސުން ކުރުމުގެ ފުރުސަތު ނުދެވޭނެ އެވެ. އަދި އެމްޑީޕީއަކީ ވަކި ބައެއްގެ މުދާގަނޑެއް ނޫންކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދާއި ތާއީދާއި އެކު އިންތިހާބުގައި ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެމްޑީޕީ ހަލާކުކޮށް ޕާޓީ ފޭރިގަންނަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މީހުންގެ އެންމެ ބޮޑު އެއް ނިޔަތަކީ ރައީސް ނަޝީދު ޕާޓީން ބޭރު ކުރުންކަމަށާއި، އެ ފުރުސަތު ނުދޭނެކަމަށް ވިދާޅުވި އެވެ. އެމްޑީޕީގެ އަސާސްތަކާއި އުސޫލުތަކާއި ހިލާފަށް ޕާޓީ ދާކަމުގެ ތުހުމަތާއި އެކު އިންތިގެ ޓީމުން ވިދާޅުވަނީ ސަރުކާރު މަތީން ރައްޔިތުން ފޫހިވެ 2023 ގެއްލުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ސަރުކާރަށް ބަހުގެ ހަމަލާތައް ދެއްވައި މަޖިލީހުގެ ތަޅުމުގައި އާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގްރޫޕުގައި އެކި ފަހަރު މަތީން ވާހަކަ ދައްކަވާފައިވާ ރައީސް ނަޝީދު ރޭ ވިދާޅުވީ އެމްޑީޕީ އަށް ރަނގަޅު ގޮތަކީ “ފެތެމުންދާ” ސަރުކާރާއެކީ ޕާޓީ ނުފެތުން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މެންބަރުން އެދޭ ގޮތް ވައުދުތައް ނުފުއްދޭ ކަމަށެވެ.

މީގެކުރިން އެމަނިކުފާނު ހަމަ އެ ގްރޫޕްގައި ލިޔުއްވި މެސެޖެއްގައި ވަނީ މަސްވެރިންނަށް ވީ ވައުދުތައް ވެސް ނުފުއްދުނު ކަމަށް ވިދާޅުވުމަށް ފަހު, އެމްޑީޕީ ހިމެނޭ މި ސަރުކާރަށް ތާއީދު ނެތް ކަމަށް ވިދާޅުވެފައެވެ.

ސަރުކަރާއި ގުޅުވައި ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކައިގެ ރައްދު ހޯދުމަށް ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒާއި “ސަންގު” އިން ސުވާލު ކުރުމުން އޭނާ ވިދާޅުވީ “މިވަގުތު ސަރުކާރުގެ ކޮމެންޓެއް ނެތް” ކަމުގައެވެ.

އެމްޑީޕީ އެތެރޭގައި ބައިބައި ވުންތަކެއް ހިނގައި ޕާޓީ ތެެރޭގައި ގޯސްތަކެއް ހަދަމުންދާ ވާހަކަ އެންމެ ފުޅާ ދާއިރާއެއްގައި ދެކެވިފައި ވަނީ ޗެއަރޕާސަން އިންތިހާބާއި ދިމާކޮށް ރައްޔިތުންގެ މަޖިލިސް ތެރޭގައެވެ. އޭރުގައި އެމްޑީޕީ މެމްބަރުން އެންމެ ގަދައަށް ދެއްކެވި އަދި މިހާރުވެސް ދައްކަވަމުން ގެންދާ ވާހަކަ އަކީ ވަޒީފާގެ ބިރު ދެއްކުމާއި ނުފޫޒާއި ބާރުގެ ބޭނުން ނުރަނގަޅު ގޮތުގައި ހިފާ ވާހަކައެވެ.

އެމްޑީޕީ ވުޖޫދަށް އައީ ކޮރަޕްޝަނާއި ފިތުނަ ފަސާދަ ނައްތާލުމަށް ވަކާލާތު ކުރަމުން ކަމުގައި ނަމަވެސް މިއަދު ފެނިގެންދަނީ ކޮރަޕްޝަންގެ މައްސަލަތައް ނުބެލި އެކަން ތަކުރާރު ވަމުންދާ ކަމުގައި ޕާޓީގެ ލީޑަޝިޕްގެ ބައެއް މެމްބަރުން ދަނީ ބުނަމުންނެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު ޖަގަހަ ތައް ނުހިނގާ ވާހަކަ އާއި ޕާޓީގެ އާންމު މެމްބަރުންނާއި ޕާޓީ އާއި ގުޅުން ކުޑަ ވާހަކަ މެމްބަރުން ދަނީ ފާހަގަކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: