ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ރޭހަށް ނިކުންނަ ޖޭޕީގެ ބަސް ބަދަލެއް ނުވޭ؛ ”މަގާމުތަކުން އިސްތިއުފާ ނުދޭނަން“

ޖޭޕީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް. ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަ ކުރުމަށް ނިންމައި، ކެމްޕެއިންތައް ފެށި ނަމަވެސް ސަރުކާރުން ބޭރުވެ، މަގާމުތަކުން އިސްތިއުފާ  ދޭން ނުޖެހޭކަމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ކޯލިޝަނެއްގެ ގޮތުގައި ވާދަ ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ހުށަހަޅުއްވާފައި ވަނިކޮށް ޖޭޕީން ނިންމީ ވަކިން ނިކުމެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށެވެ. އޭގެ ސަބަބުން ޕާޓީއަށް ފާޑުކިއުންތައް އަމާޒުވެ އެމްޑީޕީގެ މެމްބަރުން ދަނީ ސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދޭން ގޮވާލަމުންނެވެ. އެކަމަކު، ޖޭޕީން އެކަމަށް ދެކޮޅެވެ.

ސަރުކާރުގެ ކޯލިޝަނުގައި ތިބެ، އެހެން އިތުރު ވެރިކަމެއް ގެނައުމުގެ މަސައްކަތް ކުރާއިރު އެންމެ ރަނގަޅު ގޮތަކީ ވަކިވެގެން އެ މަސައްކަތް ކުރުން ނޫންތޯ ”ސަންގު“ އިން ސުވާލު ކުރުމުން އިލްހާމް ވިދާޅުވީ އެ ސުވާލުގެ ޖަވާބު ޕާޓީގެ ލީޑަރު ގާސިމް ދެއްވާފައިވާކަމަށެވެ. 2018 ގެ ރިޔާސީ އިންތިހާބަށް އެކުލަވާލި ކޯލިޝަނާއި އެކު އެއްބަސްވުމެއް ވެސް އެކުލަވާލިއިރު އެއާއި ހިލާފު ވެވޭނެ ގޮތެއް ނެތްކަމަށް އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ އެއްބަސްވީ ފަސް އަހަރުގެ މުއްދަތެއް ވަންދެން އެކުގައި މަސައްކަތް ކުރުމަށްކަމަށާއި އެކަމަށް ސޮއިކޮށް ވަކި މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ. އެހެންކަމުން މިވަގުތު ގުނަމުން ދާ ފަސްވަނަ އަހަރާއި އެކު މުއްދަތު ހަމަނުވަނީސް ކޯލިޝަނުން ބޭރުވެ ސަރުކާރުގެ އެއްވެސް މަގާމަކުން ޕާޓީން އިސްތިއުފާ ދޭން ނުޖެހޭކަމަށް އިލްހާމް ވިދާޅުވި އެވެ.

”އަޅުގަނޑަށް ގަބޫލު ކުރެވެނީ ޕާޓީގެ ލީޑަރު ވަނީ ތިކަމާއި ގުޅޭގޮތުން ދާދި ފަހުން އެއްޗެއް ވިދާޅުވެފައި.. ވިދާޅުވީ އަޅުގަނޑުމެންގެ ސަރުކާރަކީ ފަސް އަހަރުގެ ކޯލިޝަނަކަށް އެގްރިމެންޓެއްގައި ސޮއިކޮށްފައި ވަނީ.. އެހެންވީމަ ފަސް އަހަރު ގުނަމުން މި ދަނީ… ފަސް އަހަރުގެ މުއްދަތު އަދި ހަމައެއް ނުވޭ.. އެހެންވީމާ ޖޭޕީގެ ލީޑަރުގެ ސްޓޭންޑަކީ އެ ސްޓޭންޑު.. އެއްވެސް ބޭފުޅަކު އިސްތިއުފާ ދެއްވާކަށް ނުޖެހޭ…“ އިލްހާމް

ސަރުކާރުގައި ރައީސް ސޯލިހާއި ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅުން އެބަތިބިކަމާއި އަދި، އެންމެ ފަހުން ރައީސް އޮފީހުގެ މިނިސްޓަރުކަމުން ވަކި ކުރި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކި ކުރި ހުސެއިން އަމްރުއާއި އެކު ދެން ޖޭޕީގެ މަގާމުތައް ހުސް ކުރުމުގެ ފުރުސަތު އެބައޮތްކަން ފާހަގަ ކުރުމުން އިލްހާމް ވިދާޅުވީ މިހާތަނަށް ޖޭޕީ އާއި ގުޅޭ ރައީސްގެ އެފަދަ ނިންމުމެއްގެ މައުލޫމާތެއް ލިބިފައި ނެތް ކަމަށެވެ.

އެހެންކަމުން ޖޭޕީގެ ވަޒީރަކު ނުވަތަ ނައިބު ވަޒީރަކާއި ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެއް ނުވަތަ މުވައްސަސާތަކާއި އިދާރާތަކުން ވަކިކޮށްފި ނަމަ އެހާހިސާބުން ޕާޓީ ވެސް އެކަމުގެ މަޝްވަރާތަކަށް ދާނެކަމަށް އިލްހާމް ވިދާޅުވި އެވެ.

”އެއްވެސް ބޭފުޅަކު ވަކި ކުރިކަން އަދި މިހާތަނަށް އެނގިފައި ނެތް.. އެހެންވީމަ ވަރަށް އުނދަގޫ ޖަވާބު ދޭން އަޅުގަނޑުމެން މިހެންނޭ ކަންތައް ކުރާނީ.. އެފަދަ ހާލަތެއްގައި ޖޭޕީގެ ލީޑަރު ޕާޓީގެ ކައުންސިލްގައި މަޝްވަރާ ކުރައްވާނެ..“

މީގެ ކުރިން ވެސް ޖޭޕީގެ ބައްދަލުވުމެއްގައި، ސަރުކާރު ކޯލިޝަނުން ޕާޓީ ބޭރު ކުރުމާއި ގުޅޭގޮތުން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ އެފަދަ ފިޔަވަޅެއް އެޅިދާނެކަމަށް ގަބޫލު ނުކުރާކަމަށެވެ. އަދި އޭގެ ސަބަބެއްކަމަށް ގާސިމް ވިދާޅުވެފައި ވަނީ މިވެރިކަން ގެނައުމަށްޓަކައި ކޯލިޝަން ޕާޓީތަކުގެ ދެމެދުގައި ވެފައިވާ ފަސް އަހަރުގެ އެގްރިމަންޓެވެ.

އެއްބަސްވުމެއް އޮތް ނަމަވެސް، ސަރުކާރާއި ދެކޮޅުވާ ހާލަތެއްގައި ބޭރު ކުރަން ޖެހޭނެ ނޫންތޯ އާއި ޕާޓީގެ ވަޒީރުން އިސްތިއުފާ ދީ 2023 އަށް މަސައްކަތް ކުރުން އެއީ އެންމެ ރަނގަޅު ގޮތް ނޫން ތޯ ސުވާލު ކުރުމުން ވެސް ގާސިމް ތަކުރާރުކޮށް ދެއްކެވީ އެއްބަސްވުމުގެ ވާހަކަ އެވެ. އަދި ވިދާޅުވީ ވަޒީރުން ވަކިކޮށްފި ނަމަ މި ވެރިކަމެއް ވެސް ދެމި ނޯންނާނެ ކަމަށެވެ.

އެމްއާރުއެމްއާއި އެކު ބޭއްވި ބައްދަލުވުމަށް ފަހު ނިކުމެވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ފަހު ގާސިމް ރައީސް ސޯލިހަށް ފާޑުވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕާޓިގެ ރައީސް ވެސް މިވަގުތު ހުންނެވީ އެމަނިކުފާނާއި ދެކޮޅަށްކަމަށާއި އެހެންކަމުން ޕާޓީގެ ހާލަތު ވަރަށް ސާފު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: