ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ޕްރައިމެރީ މައްސަލަ: ޕާޓީން ބުނީ އަމްޖަދުގެ ނަން ދަފްތަރުގައި އޮތީ އީސީގެ އިދާރީ އޮޅުމަކުންކަމަށް!

އީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމެރީ ބާތިލުކޮށްދޭން އެދި މައްސަލަ ކޯޓަށް ހުށަހެޅި އަލީ އަމްޖަދަކީ އެ ޕާޓީގެ މެމްބަރެއް ނޫންކަމަށް ބުނި ނަމަވެސް ދަފްތަރުން އޭނާގެ ނަން އުނިކޮށްފައިވަނީ ދައުވާ ކުރިތާ ހަފްތާއެއް ފަހުންކަމަށް އޭނާގެ ވަކީލު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރި އިންތިހާބަށް ފަހު ޕާޓީގެ އެތެރޭގެ މައްސަލަތައް ވަނީ ބޮޑުވެފަ އެވެ. އަދި އޭގެ ކުރިން ވެސް ރައީސް ނަޝީދު އިންތިހާބުގެ ސައްހަކަމާއި މެދު ސުވާލު އުފައްދައި ހުށަހެޅުއްވި އެންމެ ބޮޑު ޝަކުވާއަކީ ދަފްތަރުން ގިނަ އަދަދެއްގެ ބަޔަކު ވަކިކޮށްފައިވާ މައްސަލަ އެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ އެއީ ނަތީޖާއަށް ނުފޫޒު ފޯރުވައި ބަދަލު ކުރުމަށް ރައީސް ސޯލިހު ކުރިޔާލައި ހިންގެވި އަމަލެއް ކަމަށެވެ.

މިއީ އެމްޑީޕީގެ “އަސްލު” މެމްބަރުން ދަފްތަރުން އުނިކޮށް ކުރިޔަށް ގެންދިޔަ އިންތިހާބެއްކަމަށް ބުނެ ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ވަކި ސިޔާސީ ފިކުރެއްގެ ގޮތުގަ އެވެ. އަދި އެ މައްސަލައިގެ ތެރެއިން ކޯޓުގައި ކުރިޔަށް ދަނީ އަމިއްލަ ފަރުދަކު ހުށަހަޅާފައިވާ މައްސަލަ އެކެވެ. ދައުވާ ހުށަހެޅި ފަރާތުގެ ގާނޫނީ ވަކީލަކީ ކުރީގެ ބަނޑާރަ ނައިބު ދިޔާނާ ސައީދެވެ.

މި މައްސަލައިގައި އެމްޑީޕީން ޖަވާބުދާރީވެ އާއި، އަދި ދައުވާ ހުށަހެޅިކަން މީޑިއާތަކުން ރިޕޯޓު ކުރުމުން ވެސް ބުނެފައި ވަނީ އަމްޖަދަކީ އެމްޑީޕީގެ މެމްބަރެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ނުބެލޭނެކަމަށް ޝަރީއަތުގައި އެ ޕާޓީން ބުންޏެވެ. އެމްޑީޕީގެ ބަސް ސާބިތުކުރުމަށް ހުށަހެޅީ އަމްޖަދު ޕާޓީގެ ދަފްތަރުގައި އޮތީ އިދާރީ ކުށެއްގެ ސަބަބުންކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއެކެވެ.

ރައްދުގައި ދިޔާނާ ވިދާޅުވީ އަމްޖަދަކީ ޕާޓީގެ މެމްބަރެއް ނޫންކަމަށް ބުނެ އީސީން ސިޓީ ފޮނުވާފައި ވަނީ އޭނާ ކޯޓަށް ދައުވާ ހުށަހެޅިތާ ހަފްތާއެއް ފަހުން ކަމަށެވެ. އަދި އަމްޖަދުގެ ނަން އެމްޑީޕީގެ ދަފްތަރުގައި ހިމަނާފައި އޮތީ އިދާރީ ކުށަކުންކަން ކޮމިޝަނަށް ވެސް އެނގި އެކަން ފެންމަތިވީ ދައުވާއަށް ފަހު ތޯ ދިޔާނާ ސުވާލު އުފެއްދެވި އެވެ.

އަމްޖަދަކީ އެމްޑީޕީގެ މެމްބަރެއްކަމަށާއި، އެކަން ސާބިތުވަނީ އޭނާ ޕާޓީގެ ޗެއާޕާސަން އިންތިހާބުގައި ވެސް ވޯޓުލާފައިވާތީކަމަށް ދިޔާނާ ވިދާޅުވި އެވެ. އަދި އޭރު ވެސް ނަން ލިސްޓުގައި އޮތުމާއި މެދު އެއްވެސް ސުވާލެއް އުފެދިފައި ނެތްކަން ފާހަގަކޮށް ދިޔާނާ ވިދާޅުވީ ދައުވާ ހުށަހެޅިއިރު ވެސް އޭނާގެ ނަން ދަފްތަރުގައި އޮތުމަކީ އެއީ އަމްޖަދުގެ މައްސަލައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ މިއީ އިލެކްޝަންސް ކޮމިޝަނުގެ ހިޔާނާތެއްގެ ގޮތުގައި ވިދާޅުނުވާނެކަމަށާއި އެހެން ނަމަވެސް މިފަދަ ހާލަތުގައި ބެނިފިޓް އޮފް ޑައުޓް ނުވަތަ ހެކީގެ ބުރަދަން އޮންނާނީ މައުސޫމް ފަރާތަށް ކަމަށެވެ.

މީގެއިތުރުން ދިޔާނާ ވިދާޅުވީ ދަފްތަރުން އުނި ކުރާއިރު، އަދި އެފަދަ ނިންމުމެއް ނިންމައި އިލެކްޝަނުން އެކަން ސިޔާސީ ޕާޓީއަކަށް އަންގާއިރު އެ ސިޓީ އެ ރައްދުވާ މީހާއަށް ވެސް ލިބެން ވާނެކަމަށެވެ. އެހެންކަމުން އެމްޑީޕީން ބުނާ ސިޓީގެ ސައްހަކަމާއި މެދު ސިޔާނާ ސުވާލު އުފެއްދި އެވެ.

މައްސަލައިގައި އެމްޑީޕީގެ ވަކީލަކީ އަހުމަދު އަބްދުﷲ އަފީފެވެ. އޭނާއަކީ ރިޔާސީ ޕްރައިމެރީއަށް ނެގި އިންތިހާބު ކޮމިޓީގެ މެމްބަރެއް ވެސް މެ އެވެ. ދިޔާނާއަށް ރައްދު ދެއްވައި އަހުމަދު ވިދާޅުވީ އަމްޖަދަކީ އެއްވެސް އިރެއްގައި އެމްޑީޕީގެ މެމްބަރެއް ނޫންކަމަށް ބުނެފައި ނުވާނެކަމަށާއި ޕާޓީ އުފެދިގެން އައުމަށް ފަހު މެމްބަރެއްގެ ގޮތުގައި ހުރުމަށް ފަހު އޭނާއަކީ 2008 ގައި އަމިއްލައަށް އެދިގެން ޕާޓީން ވަކިވި މީހެއް ކަމަށެވެ.

ރައްދުގައި ދިޔާނާ ވިދާޅުވީ އަހުމަދު ދެއްކެވި ވާހަކަތަކުންނާއި އަދި އީސީގެ ގޯސްތައްކަމަށް ބުނެ ހުށަހެޅި ކަންކަމުން ވެސް އަމްޖަދުގެ ނަން އެމްޑީޕީގެ ދަފްތަރުގައި އޮތްކަން ސާފުވާކަމަށެވެ.

އަހުމަދު ފާހަގަ ކުރި އިދާރީ އޮޅުމުގެ ސަބަބުން އަމްޖަދު އެމްޑީޕީގެ ދަފްތަރުން އުނިކުރިކަމަށް ދައްކާ ތާރީހަކީ ފެބްރުއަރީ 22 އެވެ. އެއީ އިންތިހާބުގެ މައްސަލަތައް ވެސް ދިމާވެ، ކޯޓަށް އޭނާ މައްސަލަ ހުށަހެޅިތާ ހަތް ދުވަސް ފަހެވެ.

އީސީގެ އޮޅުން ތަފްސީލުކޮށް އަހުމަދު ވިދާޅުވީ، މީހަކަށް އޮޅުވާލައިގެން ނުވަތަ ނޭނގި އެހެން ޕާޓީއެއްގެ ދަފްތަރުގައި ހިމަނާފައިވާ ނަމަ އެކަން ރަނގަޅު ކުރުމަށް އީސީން އެންމެ ފަހުން އެ މީހަކު ސޮއި ކުރި ޕާޓީގެ ދަފްތަރުގައި ހިމަނާ ކަމަށެވެ. އަދި އަމްޖަދު ޖުމްހޫރީ ޕާޓީގެ ލިސްޓުގައި އޮތީ އެފަދަ ހާލަތެއްގެ ތެރެއިންކަމަށް ވާތީ އެކަން އޭނާ އަމިއްލައިން ކޮމިޝަނަށް ހުށަހެޅި ކަމަށެވެ. އެ ހާލަތު ދިމާވިއިރު، އޭގެ ކުރިން އަމްޖަދު ސޮއިކޮށްފައި އޮތީ އުވާލާފައިވާ ޕާޓީއަކަށް ވާތީ ކޮމިޝަނަށް އެރި އޮޅުމެއްގެ ތެރެއިން އޭނާގެ ނަން އެމްޑީޕީގައި ހިމެނީކަމަށް އަހުމަދު ވިދާޅުވި އެވެ.

ރައްދުގައި ދިޔާނާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ސާފު ކުރަން ޖެހޭ ކަމެއް ނެތްކަމަށާއި ކޮމިޝަނުގެ ސިޓީއެއްކަމަށް ބުނެ ލިޔުމެއް ހުށަހެޅީ އެމްޑީޕީންކަމަށްވުމާއި އެކު އެކަން ސާބިތު ކުރަން ވެސް ޖެހޭނީ އެ ޕާޓީން ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ޕާޓީގެ 40،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓު ލުމުގެ ހައްގު ގެއްލިގެން ދިޔަކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި އޭގެ ސަބަބުން އެމްޑީޕީީގެ އަސްލު މެމްބަރުން، ޕާޓީގެ ދަފްތަރުގައި ނެތްކަމަށާއި ވޯޓުގެ ނަތީޖާ އެމަނިކުފާނާއި ދެކޮޅަށް ނިކުންނަން ޖެހުނު ސަބަބަކީ އެއީކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: