ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާރިސް ވިދާޅުވީ އިންތިހާބާއި މެދު ގޮތެއް ނުނިންމައިގެން އުޅޭހާ ލަހެއް ނުވާކަމަށް!

މޯލްޑިވްސް ރިފޯމް މޫވްމެންޓްގެ ރައީސް ފާރިސް މައުމޫން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބާއި މެދު ބަޔަކު ހީކުރާހާ އަވަހަށް ގޮތެއް ނިންމުމަކީ އެއީ ފަސޭހަކަމެއް ނޫންކަމަށް މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

ދެވަނަ ދައުރަކަށް އައުމަށް ކުރާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދީ، ކޯލިޝަނެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީއަށް އެމްއާރުއެމްއިން އެއްވެސް ޖަވާބެއް ދީފައި ނުވެ އެވެ. އޭގެ ބަދަލުގައި އެ ޕާޓީން ވެސް ބުނީ، ބޭނުން ވަނީ މަޝްވަރާތައް ކުރުމަށް ކަމަށެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރުމަށް ނިންމި މައްސަލައިގައި ސަރުކާރު މެމްބަރުންގެ ނުރުހުން އަމާޒުވެފައިވާ ވަގުތެއްގައި އެ ޕާޓީން މިއަދު ވަނީ އެމްއާރުއެމާއި ބައްދަލުކޮށްފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އެމްއާރުއެމްގެ ޒައީމް ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ފާރިސް ކުރިޔަށް ގެންދިޔަ ބައްދަލުވުމަށް ފަހު މީޑިއާތަކުގެ ސުވާލުތަކަށް ތިން ބޭފުޅުން ވެސް ޖަވާބު ދެއްވި އެވެ. އަދި ވިދާޅުވީ މިއީ މަޝްވަރާތަކުގެ ފެށުންކަމަށާއި، އެހެންކަމުން އެއްވެސް ހުށަހެޅުމެއް އެއްވެސް ޕާޓީއެއްގެ ފަރާތުން ފޮނުވާފައި ނުވާނެ ކަމަށެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ފާރިސް ވިދާޅުވީ، މާބޮޑެތި ނިންމުންތަކެއް އަދި ނިންމާފައި ނުވާ ކަމަށެވެ.

ސިޔާސީ ގޮތުން ކުރަމުން ދަނީ ގައުމީ މަސައްކަތްތަކެއްގެ ގޮތުގައި ސިފަ ކުރައްވައި ފާރިސް ވިދާޅުވީ ދިވެހި ގައުމަށް ހުރި އެންމެ ރަނގަޅު ގޮތް ދެނެގަތުމަށްޓަކައި އެމްއާރުއެމްއިން ދަނީ މަޝްވަރާތައް ކުރަމުން ކަމަށެވެ. ޕާޓީން ބަލާނީ ގައުމަށް އެންމެ ފައިދާ ހުރި އަދި މަސްލަހަތު އެންމެ ރަނގަޅު ގޮތް ހޯދުމަށްކަން ފާހަގަކޮށް ފާރިސް ވިދާޅުވީ އެ މަސައްކަތުގައި ސީދާ ޕާޓީން ކެނޑިޑޭޓެއް ނެރެން ޖެހުނަސް އެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

”އެންމެ ރަނގަޅު ސޮލިއުޝަނަކީ ކޮބައިތޯ އަޅުގަނޑުމެން ބަލާނަން.. އެކަމަކީ ސީދާ އެމްއާރުއެމުން ކެނޑިޑޭޓެއް ނެރެގެން ކުރިޔަށް ގެންދަން ޖެހުންކަމުގައި ވާނަމަ އެކަން ވެސް އަޅުގަނޑުމެން ކޮންސިޑާރ ކުރާނަން…“ ފާރިސް

ފާރިސް ވިދާޅުވީ އަވަސް ނިންމުމެއް ނުނިންމާތީ، ބައެއް ހިތްހަމަނުޖެހުންތަކާއި ފާޑުކިއުންތައް އަމާޒުވީ ނަމަވެސް މި ފަދަ މަސައްކަތެއްގައި ވަގުތު ނަގާނެ ކަމަށެވެ. މަޝްވަރާތަކަށް ފުރުސަތު އޮތްކަން ފާހަގަކުރައްވައި ފާރިސް ވިދާޅުވީ އެ ޕާޓީން އެމްޑީޕީއާއި އެކު ވެސް އެއް މޭޒަކަށް ދާނެ ކަމަށެވެ. އަދި އެންމެ، ރަނގަޅު ގޮތް ހޯދުމަށް އެއާއި އެއްގޮތަށް ޖުމްހޫރީ ޕާޓީއާއި އެކު ވެސް އިތުރު މަޝްވަރާތައް ކުރާނެކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހު ފޮނުއްވި، ކޯލިޝަން ދައުވަތާއި ގުޅޭގޮތުން އެމްއާރުއެމްއިން ޖަވާބެއް ދީފައި ނުވާތީވެ ސަރުކާރު މެމްބަރުން ދަނީ ފާރިސްއަށް ވެސް ފާޑުވިދާޅުވަމުންނެވެ. އަދި އެއްވެސް ނިންމުމެއް، ނުނިންމައި ދިގު ދަންމާނަމަ އެންމެ ރަނގަޅު ގޮތަކީ އެ ޕާޓީ ވެސް ކޯލިޝަނުން ބޭރުވުންކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެފައި ވެއެވެ.

އެއަށް ރައްދު ދެއްވައި ފާރިސް ވިދާޅުވީ، މިއީ ބައެއް ބޭފުޅުންނަށް ހީ ކުރެވޭހާ އަވަސް އަދި ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ.

”އަޅުގަނޑުމެން ތަކުރާރުކޮށް މި ދަންނަވަނީ ގައުމުގެ ސިޔާސަތުތަކާއި ގުޅޭގޮތުން.. މައްސަލަތަކާއި ގުޅޭގޮތުން.. މިކަމުގައި ރައްޔިތުންނާއި ވެސް ގުޅުން ހުރި ކަންތައްތައް.. މި ކަންތައްތަކަކީ އަވަސް އަރުވާލައިގެން ނިންމޭނެކަމެއް ނޫން….“ ފާރިސް

މިއަދު ބައެއް ނޫސްވެރިން ވަނީ، ގާސިމްގެ ރަނިންމޭޓަކަށްވުމުގެ ހުށަހެޅުމެއް ލިބިފައި ވޭތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް ފާރިސް ވިދާޅުވީ އެފަދަ މަޝްވަރާއަކަށް ދާން އަދި މާ އަވަސް ކަމަށެވެ.

މީގެއިތުރުން ފާރިސް ވެރިކަމަށް ގެނައުމަށް ބައެއް ކެމްޕެއިންތައް ކުރިޔަށް ދާކަން ފާހަގަކުރުމުން، އޭނާ އެކަމަށް ވަކި ޖަވާބެއް ދެއްވާފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: