ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންނަނީ 2023 ގެއްލުވާލައި 2028 އަށް ވަކި މީހަކު ނެރެން އުޅޭތަން: އިބުރޭ

އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ބޮޑު ވާދަވެރިކަމެއް ވަނީ އުފެދިފައި/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެންނަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލުވާލުމަށް ފަހު 2028 އަށް ވަކި ބޭފުޅަކު ކެނޑިޑޭޓެއްގެ ގޮތުގައި ނެރެން އަމާޒު ހިފާފައިވާ މަންޒަރުކަމަށް ޕާޓީގެ ޗެއާޕާސަނަކަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 14 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަވެރިކަމުގައި ބަހުގެ ހަމަލާ ދޭން ބޭނުން ކުރާ އެއް ވާހަކައަކީ 2023 ގެއްލުވާލަން މަސައްކަތް ކުރާކަމަށް ބުނެ ކުރާ ތުހުމަތެވެ. ސަރުކާރާއި އެއްކޮޅު އަދި ދެކޮޅު ފެކްޝަނެއް އުފެދި މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި އޭނާގެ ޓީމުން ވިދާޅުވަމުން ގެންދަވަނީ ވެރިކަމަށް ތިން އަހަރު ވީއިރު އެމްޑީޕީގެ އަސާސްތަކާއި އުސޫލުތައް އެއްވެސް މިންވަރަކަށް ހިފެހެއްޓިފައި ނުވާކަމަށާއި، ވައުދުތައް ފުއްދަން ވެސް އެކަށީގެންވާ މަސައްކަތްތައް ނުކުރެވޭ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުން މި ސަރުކާރު މަތީން މިހާރު ފޫހިވާން ފަށައި، 2023 ގެއްލުމުގެ ފުރުސަތު އެބައޮތްކަމަށް ދަނީ ބުނަމުންނެވެ. އަދި ވައްކަމާއި ކޮރަޕްޝަން ވަރިހަމަވެފައިވާ އެމްޑީޕީގެ ސަރުކާރެއް އޮތުމަކީ ދުވަހަކު ވެސް ހިތަށް ގެނެވުނު ވާހަކަތަކެއް ނޫންކަމަށް ބުނެފައި ވެއެވެ.

މި ތުހުމަތުތައް ދޮގުކޮށް ފައްޔާޒްގެ ޓީމުން ވިދާޅުވީ، ސަރުކާރަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ފެންނަނީ ބަޣާވާތްކޮށް ސަރުކާރަށް ޖެއްސުން ކުރާ މަންޒަރު ކަމަށެވެ. މި ތިން އަހަރުގެ ތެރޭގައި ކޮވިޑާއި އެކު ވެސް މަޝްރޫއުތައް ހިންގައި، އެތައް ވައުދުތަކެއް ފުއްދި ނަމަވެސް އެ ވާހަކަ ދައްކަން ބޭނުން ނުވާ ބަޔަކު އެމްޑީޕީގައި އެބަތިބިކަމަށް ތުހުމަތު ކުރި އެވެ. އެބޭފުޅުން ގަބޫލު ކުރާ ގޮތުގައި ސަރުކާރަށް ޖެއްސުންކޮށް އެބޭފުޅުންގެ އަމާޒަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޮތް ތާއީދު ގެއްލުވާލުމެވެ،

ތަފާތު އެކި ގޮތްގޮތަށް ކުރެވޭ މި ތުހުމަތުގައި ވާ ހަގީގަތަކީ ކޮބައިތޯ އާއި، 2023 ގެއްލުވާލައިގެން ވާނެ އެއްވެސް ފައިދާއެއް އެބައޮތްތޯ ސުވާލު އުފެދެ އެވެ. އެހެންވެ އެކަމަށް ސަންގު ޓީވީގެ “ނިއުސްރޫމް” އަށް ދެއްކެވި އިންޓަވިއުއެއްގައި އިބްރާހިމް ވިދާޅުވީ މިއީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.

އިބްރާހިމް ވިދާޅުވީ ފައްޔާޒް ފެށުނީއްސުރެ މަސައްކުރީ 2023 އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ކަމަށެވެ. އިހުލާސްތެރިކަމާއި އެކު ފައްޔާޒަކީ އަބަދުވެސް ޕާޓީއާއި އެކު ހުންނާނެ ބޭފުޅެއްކަން ފާހަގަކޮށް އިބްރާހިމް ވިދާޅުވީ ރިޔާސީ އިންތިހާބު ގެއްލުވާލައިގެން ފައްޔަށް ވާނެ ފައިދާއެއް ނޯންނާނެކަމަށާއި ފެންނަ މަންޒަރުތަކުން 2023 ގެއްލުވާލައި 2028 އަށް އަމާޒު ހިފާފައި ތިބީ އެބޭފުޅުން ކަމަށެވެ.

“އަޅުގަނޑުމެންނަށް ބޮޑަށް ފާހަގަވަނީ 2023 ގެއްލުވާލައި އެބޭފުޅުން 2028 ނަގަން އުޅޭތަން.. ކެނޑިޑޭޓަށް ވާނެ ފައިދާއެއް ނޯންނާނެ އެއްވެސް… އަޅުގަނޑުމެންގެ ކެނޑިޑޭޓަކީ ފެށުނީއްސުރެ 2023 ހޯދަން މަސައްކަތް ކުރާ ކެނޑިޑޭޓެއް.. އެހެންވީމަ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ 2023 އާއި އެކު 2028 ވެސް ހޯދަން..” އިބްރާހިމް

އިބްރާހިމް ވިދާޅުވީ އަންނަ އަހަރުގެ އިންތިހާބުން ނާކާމިޔާބުވެ، އޭގެ ފަހުން 2028 ގެ އިންތިހާބު ނަގަން އުނދަގޫވާނެ ކަމަށެވެ.

2028 އާއި ގުޅޭގޮތުން އިބްރާހިމް މިފަދަ ގޮތަކަށް ވާހަކަ ދެއްކެވިއިރު، ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އެމްޑީޕީގެ އެތެރެއިން ބައެއް ބޭފުޅުން ވަނީ އެ އަހަރުގެ ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓެއްގެ ގޮތުގައި މަޖިލީހުގެ ނައިބު ރައީސް އަދި ރައީސް ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ ވާދަ ކުރުމަށެވެ. އަދި މިއީ ފައްޔާޒް ވެސް 2028 ގައި އިންތިހާބަށް ނިކުންނަވާނެ ފަދަ ވާހަކަތަކެއް ދެކެވިފައިވާތީ އުފެދުނު މައްސަލައެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. ނަމަވެސް މިއީ ރަސްމީކޮށް އަދި މިހާތަނަށް ދެކެވިފައިވާ ވާހަކައެއް ނޫނެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ފައްޔާޒް ރައީސްގެ ރަނިންމޭޓަކަށް ހަމަޖައްސަަން އުޅޭކަމުގެ ތުހުމަތު ވެސް ކުރެވެމުންދާކަން ފާހަގަ ކުރެވެ އެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލާނެކަމަށް ރައީސް ސޯލިހު އިއުލާނު ނުކުރެއްވި ނަމަވެސް އެމަނިކުފާނާއި އަރިސް މެމްބަރުން ވަނީ ރައީސަށް ޕްރައިމެރީއަކާއި ނުލައި ޓިކެޓު ދޭން ގޮވާލާފަ އެވެ. އަދި ރައީސް ނަޝީދު ވެސް ވަނީ 2023 ގައި އިންތިހާބަށް ވާދަކުރާނެކަން އިއުލާނު ކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: