ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރީފްގެ ބަސް: ރައީސް ސޯލިހަށް 2023 ދޭން ޖެހޭ، ޗެއާޕާސަނަކަށް ރަނގަޅީ ފައްޔާޒް!

އީސީގެ ކުރީގެ ރައީސް، އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކު ކުރަމުންދަނީ އިހުލާސްތެރި މަސައްކަތެއްކަމަށާއި، މަސައްކަތް ކުރަނީ އެމަނިކުފާނަށް 2023 ކާމިޔާބުކޮށްދޭންކަމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް، އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު އެންމެ ބޮޑަށް ހަލަބޮލިވެގެން ދިޔަ ދުވަސްވަރު އީސީގެ ރައީސަކަށް ހުންނެވީ ޝަރީފެވެ. އަދި ކޯލިޝަނެއްގެ އެހީގައި ރައީސް ސޯލިހު އިންތިހާބު ކާމިޔާބު ކުރުމުން ދެވަނަ ދައުރަކަށް ކުރިމަތިލައި ނާކާމިޔާބުވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން އިންތިހާބު ބާތިލު ކުރުމަށް ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އިދިކޮޅުން ހުށަހެޅި މައްސަލައިގައި ވަނީ އިންތިހާބު ވަގަށް ނެގީ އީސީގެ އެހީއާއި އެކުކަމަށާއި، ވޯޓު ކަރުދާސްތަކުގައި ހާއްސަ ފީޗާތަކެއް ބޭނުންކޮށް އަނގޮޓީތަކާއި ފާހަގަ ގެއްލޭ ޓެކްނިކެއް ބޭނުންކޮށްފައިވާ ކަމަށެވެ. ކޯޓުން ހުކުމް ކުރީ އިންތިހާބު ބާތިލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އިދިކޮޅުން މިއަދާއި ހަމައަށް ވެސް ގަބޫލު ކުރާ ގޮތުގައި އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދޭން ޝަރީފް ދެ މިލިއަން ރުފިޔާގެ ރިޝްވަތު ނެންގެވި އެވެ. އަދި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ޝަރީފް ކޮމިޝަނުން އިސްތިއުފާ ދީ އޭގެ ފަހުން އޭނާ ސްޓެލްކޯއަށް އައްޔަނު ކުރުމުން އިދިކޮޅުން ބުނީ އެއީ އިންތިހާބު ނަގައިދިނުމުން ސަރުކާރުން ދިން ހަދިޔާކަމަށެވެ. ނަމަވެސް ޝަރީފް އެކަން ދޮގު ކުރައްވަ އެވެ.

މި ސަރުކާރާއި ގުޅުނު ސަބަބާއި، ސަރުކާރާއި ދެމެދު ގުޅުމާއި ގުޅޭގޮތުން ސަންގުޓީވީގެ “ޚަބަރަށްފަހު” ޕްރޮގްރާމުގައި ޝަރީފް ވިދާޅުވީ އޭނާއާއި ރައީސް ސޯލިހާއި މިވީ ދުވަސްތަކުގެ ތެރޭގައި ގާތް ގުޅުމެއް އުފެދިފައިވާކަމަށާއި، އެންމެ ބޮޑު އެއް މަސައްކަތަކީ އެމަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދިނުން ކަމަށެވެ. އަދި އެމްޑީޕީގައި ރަސްމީކޮށް ރެޖިސްޓްރީވެފައި ނެތް ނަމަވެސް ރައީސް ސޯލިހު ގަބޫލު ކުރާ ގަބޫލު ކުރުންތަކާއި، ކުރައްވާ މަސައްކަތްތަކަށް ކަމިޔާބީ ހޯދައިދޭން އެކުގައި މަސައްކަތް ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ބައެއް މީހުން މި ސަރުކާރު ސްލޯކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް އެއީ ހަގީގަތެއްގެ ގޮތުގައި ގަބޫލު ނުކުރާކަމަށެވެ. އަދި ވިދާޅުވީ ރައީސް ސޯލިހަކީ އޯގާތެރިކަމުގެ ލާމަސީލު ނަމޫނާއެއްކަމަށާއި، އެއީ ރާއްޖެގެ ތާރީހުގެ އެންމެ ފާހަގަކޮށްލެވޭ ވެރިމީހާ ކަމަށެވެ.

ރައީސް ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައިދޭން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ، ދާފި ފަހުން ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައިވާ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ޑެޕިއުޓީ ޕްރިންސިޕަލުންގެ ވަޒީފާ ގެއްލޭފަދަ އޮނިގަނޑެއް އެކުލަވާލި ނަމަވެސް މި ސަރުކާރުން މަސައްކަތާއި އެއްހަމަ އުޖޫރައެއް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވި އެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ތަރައްގީއަށް ރައީސް ގިނަ މަސައްކަތް ކުރެއްވިކަމަށާއި، އެއީ ކާމިޔާބީއެއްގެ ގޮތުގައި ޝަރީފް ވިދާޅުވި އެވެ. އެހެން ކަމުން ރައީސް ސޯލިހުގެ ސަރުކާރަކީ ފެތެމުންދާ ސްލޯ ސަރުކާރެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން 2023 ރައީސަށް ލިބެން ޖެހޭކަމަށް ގަބޫލު ކުރައްވާކަމަށް ޝަރީފް ވަނީ ވިދާޅުވެފަ އެވެ. އަދި އެ މަސައްކަތަށް އެމްޑީޕީއަށް ސޮއި ކުރަން ޖެހިއްޖެ ހާލަތެއްގައި ސޮއި ކުރާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެތެރޭގެ އިންތިހާބުގައި ތާއީދު ކުރަނީ ފައްޔާޒަށްކަމަށާއި، އޭނާގެ އާއިލާއާއި ގާތް ރަހުމަތްތެރިން ޕާޓީގައި ހަރަކާތްތެރިވާއިރު އޭނާގެ އެ ތާއީދު އޮތް މީހަކު މަގާމަށް ގެނައުމަށް ވާހަކަ ދައްކާނެ ކަމަށެވެ. ނަމަވެސް ޝަރީފަކީ ފައްޔާޒާއި އެކު އެއްވެސް ސިޔާސީ މަސައްކަތެއް ކުރި ބޭފުޅެއް ނޫންކަމާއި، ފައްޔާޒަށް ތާއީދުކޮށް ޝަރީފަށް ވާހަކަ ދެއްކިދާނެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެގޮތުގައި ކުރިޔަށް ދާން ބެނުންވަނީ ރައީސްގެ ވިސްނުންފުޅަށް ބަލައި ކަމަށެވެ.

އެތެރޭގެ އިންތިހާބާއި ދިމާކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ވަޒީފާތައް ދިނުމާއި، ބައެއް މީހުން ވަޒީފާއިން ވަކި ކުރުމާއި އެކު ގާބިލު އަދި ހައްގު މީހުން ތިއްބައި ދަށް ރޭންކުގެ މީހުންނަށް ޕްރޮމޯޝަން ދިނުމުގައި ސްޓެލްކޯގެ އެއްވެސް ބައިވެރިވުމެއް އޮވެދާނެ ތޯ ނޫސްވެރިޔާ ސުވާލު ކުރުމުން ޝަރީފް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ކުންފުނީގެ ތެރޭގައި ނުހިނގާ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ޒުވާބުތަކާއި، ކޯޅުންތައް ގިނަވެ އެއް ބަޔަކު އަނެއް ބަޔަކަށް ބޮޑެތި ތުހުމަތުކޮށް ރައީސް ނަޝީދާއި އަރިސް ބޭފުޅުން ފައްޔާޒް ސިފަ ކުރަނީ ބޯވައެއްގެ ގޮތުގަ އެވެ. އެގޮތަށް ސިފަ ކުރަނީ އެކި ޕާޓީތަކުން އެހެން ޕާޓީތަކަށް އަންނާތީކަމަށާއި، ޝަރީފަށް ވެސް ހަމަ އެ ބަސް ބޭނުން ކުރެވިދާނެކަމާއި މެދު ދެކެވުނު ވާހަކައިގައި ޝަރީފް ވިދާޅުވީ އޭނާ ކޮންމެ މީހަކާއި އެކީ ވެސް އުޅެނީ ސިޔާސީ މަސައްކަތް ކުރުމަށް ކަމަށެވެ. އެގޮތުން ޕީއޭ އާއި ޕީޕީއެމްގައި ވެސް އުޅުނީ ހަމައެ އުސޫލުންކަން ފާހަގަ ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: