ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝައުނާއަށް ރައީސް ނަޝީދު އަމާޒުކުރި ފާޑު ކިޔުން: ގިނަ ބަޔަކު ސިފަކުރީ ނަޝީދު ސައިޒްވީ ކަމަށް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި ރައީސް ނަޝީދު -- ވަން ފޮޓޯ: މުހައްމަދު އައުޒަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންކަމުގެ މަގާމަށް އެންވައިރަމެންޓް އެންޑް ޓެކޮނޮލޮޖީ މިނިސްޓާރ އައިޝަތު ޝައުނާ ތާއީދު ކުރައްވަނީ އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލްއަށް ކަމަށް ހާމަ ކުރެއްވުމާއި އެކު މިކަމަށް ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޅު ކުރި ނުރުހުންވުން އެމަނިކުފާނު ސައިޒްވީކަމުގައި ގިނަ ބަޔަކު ސިފަކޮށްފިއެވެ.

އެތެރޭގެ އިންތިހާބާއި ގުޅިގެން ޕާޓީގެ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދި ދެބަސްވުން އާންމުވެފައެވެ. ގިނަ ބަޔަކު މިކަމުން އެމްޑީޕީ އަމިއްލައަށް ފަލީހަތްވަމުން އަންނަނީ ސިފަކުރަމުން އަންނަ އިރު ޕާޓީގެ ތެރޭގައި ވަނީ ފާޑުކިޔުމުގެ އިތުރުން ތުހުމަތުތަށްވެސް އާންމުވެފައިކަން ފާހަގަކުރެވެއެވެ. އެގޮތުން ޝައުނާ އޭނާގެ ހިޔާލު ފާޅުކުރުމާއިކު ރައީސް ނަޝީދު ވަނީ ޝައުނާ އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރައްވަން މަސައްކަތް ކުރައްވަނީ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށްކަމަށް ތުހުމަތު ކުރައްވާފައެވެ.

ޝައުނާ އަކީ އެމްޑީޕީގެ ޔޫތް ވިންގުގެ ރައީސްކަން ވެސް ކުރައްވާފައިވާ، އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ޕްރެސް ސެކޭޓްރީގެ މަގާމު ވެސް އަދާ ކުރި ފަރާތެކެވެ. އެތެރޭގެ އިންތިހާބުގައި މިހާތަނަށް ވަކި ފަރާތަކަށް ތާއީދު ކުރާކަން ހާމަކޮށްފައި ނުވާ ޝައުނާ ފައްޔާޒަށް ތާއީދު ކުރާކަން ހާމަކުރީ ކެމްޕެއިން ޓީމުން އާއްމު ކުރަމުންދާ ވީޑިއޯއެއްގައެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ގިނަ މަސައްކަތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވައި ޝައުނާ އެ ވީޑިއޯގައި ވިދާޅުވެފައިވަނީ، އޭނާ ފައްޔާޒަށް ތާއީދު ކުރި ނަމަވެސް ދެބަސްވާ ފަހަރުތައް ވެސް ދިމާވާ ކަމަށެވެ. ނަމަވެސް ފަޔާ އަކީ ކޮންމެ ކަމެއްގައިވެސް ކާމިޔާބުކޮށް، ކޮޅެއްގައި ޖައްސާނެ ފަރާތެއްކަމުގެ ފުރިހަމަ އިތުބާރު އޮންނަކަމަށް ޝައުނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށާއި، އެމްޑީޕީގެ ޒުވާނުންގެ ގޮފި ކުރިއަރުވައި ބޮޑު މަގުބޫލުކަމެއް ހޯދި ޝައުނާ އެންވައިރޮމެންޓް މިނިސްޓަރަކަށް ބަދަލު ކުރީ ރައީސް އޮފީހުގެ ޕޮލިސީ ސެކޭޓްރީއަކަށް ހުންނަވަނިކޮށެވެ. އަދި ރައީސް ނަޝީދާއި ވަރަށް އަރިސްކަމަށް ބެލެވުނު ޝައުނާ ފައްޔާޒަށް ތާއީދު ކުރުމާއި އެކު، ޝައުނާއަށް މީގެ ކުރިން ތާއީދުކޮށް ވާހަކަ ދެއްކި ބައެއް މީހުން ވަނީ އޭނާއަށް ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުކޮށްފައެވެ.

ނަމަވެސް އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަންވެސް އަދާކުރައްވާފައިވާ ރީއްކޯ މޫސާމަނިކު ރައީސް ނަޝީދު ޝައުނާ އާއި މެދު މިފަދަ ގޮތަކަށް ކަންތައް ކުރެއްވުމުން ވަނީ އެމަނިކުފާނަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ. މިގޮތުން ރީއްކޯ ކުރެއްވި ޓްވީޓުގައި ބުނެފައިވަނީ ރައީސް ނަޝީދަށް ވެރިކަމުގެ އިތުރުން ސިޔާސީ މަޝްހޫރުކަން ހޯދައިދެއްވުމަށްޓަކައި އެމްޑީޕީގެ ގިނަ ފަރާތްތަކަކުން މަސައްކަތް ކުރެއްވިކަމުގައިވީ ނަމަވެސް މިހާރު އެމަނިކުފާނު އެކަން ހަދުމަ ނުހުންނަވާކަމުގައެވެ.

މޫސަ އިތުރަށް ޓްވީޓުގައި ފާހަގަކުރައްވާފައިވަނީ މިހާރު ޕާޓީގެ މީހުނާ ދިމާލަށް އެމަނިކުފަނުގެ ފޮޓޯ ވިއްކައިގެންނޭ ރައީސް ނަޝީދު ބުނުންވާއިރު 2005 ވަނަ އަހަރާއި ގާތުގައި ނަޝީދު އެއީ ކާކުކަން އެނގޭ މީހަކު ދިވެހި ރާއްޖޭގައި ނޫޅޭކަމަށެވެ.

އެތެރޭގެ އިންތިހާބުގައި ރައީސް ނަޝީދާއި އަރިސް ގިނަ ބޭފުޅުން ދަނީ ފައްޔާޒަށް ތާއީދު ކުރަމުންނެވެ. އަދި ރައީސް ނަޝީދު ވެސް އެކަމާއި މެދު ހިތްހަމަނުޖެހުން ފާޅު ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނާއި އަރިސް މެމްބަރުން ސިފަ ކުރަނީ އެއީ އެމްޑީޕީ ހަލާކުކޮށް ޕާޓީއަށް 2023 ގެއްލުވާލަން ކުރާ މަސައްކަތެއްގެ ގޮތުގައެވެ.

މިފަދަ ވާހަކަތަކާއި ގުޅިގެން މި އިންތިހާބުގައި ފައްޔާޒް އިސްމާއީލަށް ތާއީދު ކުރައްވާ ފަރާތްތަކުން އަންނަނީ މިއީ ރައީސް ނަޝީދާއި އަދި އެހެން ފަރާތްތަކުގެ ފަރާތުން ފެނިގެންދިޔަ ވަރަށް ހުތުރު އަމެލެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ.

ބައެއް ފަރާތްތަކުން މިކަން ސިފަ ކުރަމުން އަންނަނީ ރައީސް ނަޝީދު ސައިޒްވީކަމުގައެވެ. އަދި ވާދަވެރި މި އިންތިހާބު އޮތީ ރައީސް ނަޝީދާއި ރައީސް ސާލިހު އާއި ދެމެދުގައިކަމަށް ބުނެވެސް އަންނަނީ ވާހަކަތައް ދެކެވެމުންނެވެ. ރައީސް ނަޝީދު ވަނީ ފާޅު ގޮތެއްގައި ސަރުކާރާއި ދެކޮޅަށް ނިކުމެ އެމަނިކުފާނާއި ރައީސް ސާލިހު އާއި ދެމެދު މައްސަލަތަކެއް ޖެހިފާވާކަމުގެ ވާހަކަތައްވެސް ދައްކަވާފައިކަން މި ދަނޑިވަޅުގައި ފާހަގަކޮށްލެވެއެވެ. ނަމަވެސް މިއީ ސުލްހަވެރިކަމާއިއެކު ވާހަކަދައްކައިގެން ހައްލު ކުރެވޭނެ މައްސަލަތަކެއްކަމުގައި ނަޝީދު ވިދާޅުވީ ނަމަވެސް ދެން އެކުގައި ސިޔާސީ މަސައްކަތެއް ނުކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުން އަންނަނީ މިހާރު ރައީސް ނަޝީދުގެ ދައުރެއް މިގައުމުގެ ކުރިމަގަށް މުހިންމު ނޫން ކަމަށް ގަބޫލު ކުރާކަމުގައިވެސް ހިޔާލު ފާޅު ކުރަމުންނެވެ. އަދި ނަޝީދުވެސް މައުމޫނު ފަދަ ހިދުމަތްތެރިންފަދައިން، އަބުރު ވެރިކަމާއި އެކު އެއްފަރާތެއްގައި މަޑުކޮށްވުން ރަނގަޅުކަމުގައި އަންނަނީ ބުނަމުންނެވެ. އަދި މި އަމަލު ސިފަކުރަމުން އައީ އެމަނިކުފާނު އަމިއްލަފުޅަށް އޭނާގެ ކިބައިގައި ވެރިކަން ކުރާނެ ގާބިލިއްޔަތުކަން ނެތްކަން ދައްކުވައިދެނީކަމުގައެވެ. އަދި އެހެން ފަރާތްތަކުން އެމަނިކުފާނުގެ ވިސްނުމާއި އެއްބައި ނުވުމުން އެއީ ވަޒީފާގެ ބޭނުމުގައި އުޅޭ ބައެއްކަމުގައި ބުނެ ތުހުމަތު ކުރެއްވުމަކީ ތާކުންތާކު ނުޖެހޭ ކަމެއްގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން އައީ ސިފަކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: