ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ފުނޑާލަން ޖާގައެއް ނުދޭނަން: ރީކޯ މޫސާ މަނިކު

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ފުނޑާލަން ޖާގައެއް ނުދޭނެ ކަމަށާއި ފުނޑޭނީ ގޮތްދޫނުކުރި ބައެއްގެ ސިޔާސަތު ކަމުގައި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ  ވިދާަޅުވެފައިވަނީ އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގެ ކެމްޕޭން ފޯރީގައި ކޮށް ނިމިފައިވާ ކަމަށާއި އިންތިހާބު ބޭއްވުމަށް ފަސްދުވަހަށް ވެފައިވާކަމަށެެވެ. އެހެންކަމުން މިވަގުތަކީ ޕާޓީގެ ރޫހަށް އެނބުރިދާންވީ ވަގުތު ކަމުގައެވެ. އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މެއި މަހުގެ 14 ވަނަ ދުވަހުއެވެ. އެ އިންތިހާބުގައި ވާދަކުރަައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.

އެމްޑީޕީ ތެރޭގައި މިހާރު އުފެދިފައިވާ ދެބަސްވުންތަކާއި ގުޅިގެން ޕާޓީ އިން ރައީސް ނަޝީދު ބޭރުކުރުމަށް ބަޔަކު ރާވައިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިންތިގެ ސަޕޯޓަރުންނާއި ކެމްޕޭންޓީމުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ޕާޓީގެ ހަރުގެތަކާއި ޖަގަހަތައް ހިންގުމަށް ފައިސާ ނުލިބޭ ކަމުގެ ވާހަކަ އަކީ އިންތިހާބުގައި ފައްޔާޒްގެ ކެމްޕޭން ޓީމުގެ ފަރާތުން އެންމެ ގަދައަށް ދެކެވޭ އެއްވާހަކައެވެ. އެވާހަކަ އަށް ބާރުލިބޭ ފަދަ ގޮތަކަށް މޫސަ ވިދާޅުވެފައިވަނީ ޕާޓީގެ ހަރަދު ތައް ހިންގުމަށް ބަޖެޓް ދިން ނަމަވެެސް އެފައިސާ އެންމެ އެދެވޭ ގޮތެއްގައި ޕާޓީ އަށް ލިބިގެން ނުދާ ކަމަށެވެ. އެގޮތުން މޫސަގެ ވާހަކައިގައި އެމްޑީޕީ އިން ހަރަދު ކޮށްގެން ހަމަ އެކަނި ހިންގަނީ  މާލޭގައި ހުންނަ އޮފީހަކާއި ހަރުގެ އެކަނި ކަމަށާއި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަޔާ، ކަރަންޓް ބިލާއި އަދި ފޯނު ބިލަށް ބަލާއިރު އަހަރަކަަށް ހަރަދު ވާނީ ގިނަވެގެން 3.6 މިލިޔަން ރުފިޔާ ތޯ ވަނީ ސުވާލުކުރައްވާފައެވެ. އަދި ދައުލަތުން ޕާޓީ އަށް ލިބޭ ފައިސާ އަށް ބެލިކަމުގައި ވީ ނަމަވެސް ހިސާބު ދިމާ ނުވާ ކަމުގައި މޫސަ ވަނީ ވިދާޅުވެފައެވެ.

މޫސަ އެ ވިދާޅުވާ ހިސާބަކީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާ ޕާޓީގެ ހަރަދު ތަކުގެ މާލީ ބަޔާނުގެ ތަފްސީލެވެ.

އެމްޑީޕީއަށް ދައުލަތުން ދޭ ފައިސާގެ ބޮޑުބައި ހަރަދު ކުރައްވަނީ ރައީސް ނަޝީދުގެ ހަރަދުތަކަަށް ކަމުގައި ޕާޓީގެ ބައެއް މެމްބަރުން މީގެ ކުރިންވެސް ދަނީ ބުނަމުންނެވެ. އެވާޙަކަ އަށް ރައްދު ދެއްވައި މޫސަ ވިދާޅުވެފައިވަނީ ކުރީގެ ރައީސް ކަން ކުރެއްވި ބޭފުޅަކަށް ދައުލަތުންދޭ މުސާރައާއި އިނާޔަތާއި، މައްޗާއި ތިރިން ކުރާ ދަތުރުތަކާއި އާއިލާއަށް ލިބޭ ބޭސްފަރުވާގެ އިނާޔަތާއި މަޖިލިސްގެ ނައިބު ރައީސްގެ މުސާރައާއި އިނާޔަތާއި އާއިލާއަށް ލިބޭ މުސާރައާއި ބޭސް ފަރުވާގެ އިނާޔަތަކީ ދައުލަތުން އެަކަކަށް އެކަނި ކުރާ ހަރަދު ކަމަށާއި އޭގެގ އިތުރުން ޕާޓީއަށް ލިބޭ ފައިސާ ކޮބައިތޯ ވިދާޅުވެ މޫސަ ވަނީ ސުވާލު އުފައްދަވާފައެވެ؟

ބެލެވޭ ގޮތުގައި ނައިބު ރައީސްގެ މުސާރަ އެއްބޭފުޅަކަށް ލިބޭ ވާހަކަ އަކީ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަކީ ރައީސް ނަޝީދުގެ ކޮއްކޯފުޅަށް ވުމާއެކު އެކަމަށް އަމާޒު ކުރައްވައި މޫސަ ދެއްވި ރައްދެކެވެ.

އެތެރޭގެ އިންތިހާބުގައި އީވާ ގެންދަވަނީ އިންތިއަށް ތާއީދު ހޯއްދެވުމަށް އިންތިއާއެކު ކެމްޕޭންގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެން ރަަށްރަށަށް ޒިޔާރަތް ކުރައްވައި ވޯޓް ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.

 

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބާއި އެކު ޕާޓީ ތެރޭގައި ދެ ފެކްޝަނެއް އުފެދި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ރައީސް ނަޝީދާއި ދެބޭފުޅުންގެ ދެމެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިން ގޮސްފައިވެއެވެ.  މީގެ ކުރީގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ރައީސް ސާލިހާއި އެކު ސިޔާސީ މަސައްކަތް ކުރަން އުނދަގޫ ކަމުގައެވެ. ނަމަވެސް މިހާރު އެމަނިކުފާނުގެ ރާގު ބަދަލުވެއްޖެއެވެ. މިހާރު ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ ހިޔާލު ތަފާތުވި ނަމަވެސް ރައީސް ސާލިހާ އެކު ސިޔާސީ މަސައްކަތް ކުރެއްވި ދާނެ ކަމުގައެވެ. ރައީސް ނަޝީދުގެ ވާހަކަތަކަށް ރައީށް ސާލިހު ރައްދުދެއްވައި ވިދާޅުވެފައިވަނީ ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންނަށް ވެފައިވާ ވައުދު ތައް ފުއްދައި ދީ އަންނަ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދޭން ކަމުގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: