2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ޖީޑީޕީ މިދިޔަ އަހަރާއި އަޅާބަލާއިރު 10.1 އިންސައްތަ ވަނީ ދަށަށް ގޮސްފައެވެ.
2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރިޕޯޓް އިން ފާހަގަ ކުރެވިފައިވާ ގޮތުގައި ކޮވިޑް 19 ގެ ބަލިމަޑުކަމާއިއެކު 2020 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން ޖެހިޖެހިގެން އައި ހަތަރު ކުއާޓަރގައިވެސް ރާއްޖޭގެ އުފެއްދުން ތެރިކަން ވަނީ ދަށަށް ގޮސްފައެވެ.
ނަމަވެސް ނިމިދިޔަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ދެވަނަ ކުއާޓާގައި ވަނީ 75.3 އިންސައްތަ މައްޗަށް ގޮސްފައެވެ.
އެކަމުގެ ސަބަބެއް ކަމުގައިވަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި ފަތުރުވެރިކަމުގެ ދާއިރާއިން އަށް ލިބުނު ކުރިއެރުން މަތިވެފައި ވުމެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ފަހު ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ހިއްސާ ކުރަނީ ހޯލްސޭލް އަދި ރީޓޭލް ވިޔަފާރިއާއި ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތުގެ ދާއިރާއެވެ. އެތިން ދާއިރާއިން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ޖުމްލަ 20.6 އިންސައްތަ ހިއްސާކުރެއެވެ. އެގޮތުން 2020 ވަނަ އަހަރު ދަތުރުފަތުރުގެ ސިނާއަތުގެ ދާއިރާގެ އުފެއްދުންތެރިކަން ވަނީ 46.8 އިންސައްތަ ދަށަށް ގޮސްފައެވެ.
ނަމަވެސް ޖެހިގެން އައި އަހަރު ދަތުރުފަތުރާއި މުވާސަލާތީ ހިދުމަތުގެ ދާއިރާ ވަނީ 90.08 އިންސައްތަ ކުރިއަރާފައެވެ. 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ވިޔަފާރިދާއިރާގެ އުފެއްދުންތެރިކަން ވަނީ 65.4 އިންސައްތަ ކުރިއަރާފައެވެ. ދައުލަތުގެ ބަޖެޓުގެ ސަބަބުން އުފެއްދުންތެރިކަމަށް އެންމެ ބޮޑު އަސަރެއް ކުރަނީ ސަރުކާރު ހިންގުމުގެ ދާއިރާ އާއި ތައުލީމީ ދާއިރާ އަދި ސިއްހަތުގެ ދާއިރާއެވެ.
އެތިން ދާއިރާއިން ރާއްޖޭގެ 14.2 އުފެއްދުންތެރިކަން ހިއްސާ ކުރެއެވެ. 2020 އަދި 2021 ވަނަ އަހަރު ސަރުކާރު ހިންގުމުގެ ދާއިރާ އާއި ތައުލީމާއި ސިއްހަތުގެ ދާއިރާގެ އުފެއްދުންތެރިކަން ވަނީ މަތިވެފައެވެ.
2020 ވަނަ އަހަރު ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ފުރަބަންދާއެކު އެޅުނު ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދަށް އައި ހީނަރުކަމުގެ އަސަރު ވަޒީފާގެ ބާޒާރަށް ވަނީ ފޯރާފައެވެ. ފަތުރުވެރިކަމާއި އެ ސިނާއަތާއި ގުޅުންހުރި ދަތުރުފަތުރާއި ދަނޑުވެރިކަމާއި މަސްވެރިކަމަށް ކޮވިޑްގެ ސަބަބުން ވަނީ ހީނަރުކަން އައިސްފައެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ވަޒީފާނެތް މީހުންގެ ރޭޓު 2019 ވަނަ އަހަރު ހުރީ 5.3 އިންސައްތައިގައެވެ. އެމްބީއެސްގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރު ރިސޯޓް ދާއިރާގެ މުވައްޒަފުންގެ ވަޒީފާ ނެތް 44،954 މީހުން ތިބި ނަމަވެސް 2020 ވަނަ އަހަރުގެ ޖަނަވަރީ މަހު 48،664 މުވައްޒަފުން ރިސޯޓް ތަކުގައި ވަނީ މަސައްކަތް ކޮށްފައެވެ.
2019 ވަނަ އަހަރު ނޮމިނަލް ޖީޑީޕީ އަކީ 86.8 ބިލިއަން ރުފިޔާއެވެ. އަދި 2020 ވަނަ އަހަރު ނޮމިނަލް ޖީޑީޕީ ހުރީ 56.6 ބިލިއަން ރުފިޔާގައެވެ. އަދި 2021 ވަނަ އަހަރު ނޮމިނަލް ޖީޑީޕީ ހުންނާނެ ކަމަށް ލަފާކުރެވިފައިވެނީ 73.7 ބިލިއަން ރުފިޔާ އާއި 82.0 ބިލިއަން ރުފިޔާ އާއި ދެމެދުގައެވެ. އަދި 2022 ވަނަ އަހަރު 84.3 ބިލިއަން ރުފިޔާ އާއި 94.1 ބިލިއަން ރުފިޔާއާ ދެމެދުގެ މިންވަރެއްގައި ދައުލަތުގެ ޖީޑީޕީ ހުންނާނެ ކަމަށް ލަފާކުރެވެއެވެ.

