ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާ ހަމަޖެއްސުމަށާއި، ވަރުވާއަށް ދޫކުރި ރަށެއް ހޯދަން ފައްޔާޒަށް މެސެޖު ކުރެވުނުކަން އިންތި ހަނދާނެއް ނެތް!

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ބަހުސްގައި، އިންތި އާއި ފައްޔާޒް/ ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ބޭނުންވާ ފަރާތަކަށް ފިނޭންސް މިނިސްޓްރީގެ ތެެރެއިން ވަޒީފާ ހަމަޖައްސައިދޭން އެދި ގުޅުވައި މެސެޖު ވެސް ކުރެއްވިކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މާދަމާ ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެ، ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ކުރިޔަށް ދެވިދާނެކަމާއި މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ. އެންމެ ބޮޑު ވާދަވެރިކަމެއް އޮތް ޗެއާޕާސަންގެ އިންތިހާބަށް ވާދަކުރައްވާ އިންތި އާއި ފައްޔާޒާއި ދެމެދު ސަންގު ޓީވީން ކުރިޔަށް ގެންދިޔަ “ސަންގު ބަހުސް” ގައި ވަޒީފާގެ ބިރު ދެއްކުމާއި، ނުފޫޒަށް ދެބޭފުޅުން ވެސް ރައްދު ދެއްވި އެވެ.

ދާއިރާއަށް ނިސްބަތްވާ ބަޔަކަށް ވަޒީފާ ހަމަޖައްސައިދޭން އެދި ހުށަހެޅުމުން އެކަން ހަމަޖެހިފައި ނުވާކަމަށް ބުނެ މަޖިލީހުގައި ވާހަކަ ދެއްކެވި އިންތިގެ އެންމެ ބޮޑު ތުހުމަތަކީ ފައްޔާޒް ވަޒީފާތަކަށް ނުފޫޒު ފޯރުވާ ކަމަށެވެ. އަދި އޭނާއަކީ އެފަދަ އެއްވެސް އަމަލެއް ހިންގެވި ބޭފުޅެއް ނޫންކަމަށް ވިދާޅުވެފައި ވަނިކޮށް އިންތިގެ އަނބިކަނބަލުންގެ އާއިލާ މެމްބަރަކަށް ވަޒީފާ ހަމަޖައްސައިދޭން އެދި ކުރި މެސެޖުތަކެއް ސޯޝަލް މީޑިއާގައި ލީކުވި އެވެ.

ކުންފުންޏެއްގެ އެއްވެސް ވެރިއަކަށް ވަޒީފާއެއް ހަމަޖައްސައިދޭން އެދި މެސެޖު ނުކުރައްވާކަމަށް ތަކުރާރުކޮށް އިންތި ވިދާޅުވީ އޭނާގެ ގާތް މީހަކަށް ވެސް އަދި އާއިލާގެ މީހަކަށް ވެސް ހޯދައިދިން ވަޒީފާއއް ނޯންނާނެ ކަމަށާއި، އެފަދަ ވާހަކައެއް ދެއްކެވި ނަމަ އެކަން ސާބިތު ކުރުމަށް އިންތި ގޮވާލި އެވެ.

“އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންވަަނީ އެމްޑީޕީގެ ކުރީގެ ސަރުކާރުގައި ވެސް އަދި މި ސަރުކާރުގައި ވެސް އެއްވެސް މީހަކަށް ހޯދައިދިން ވަޒީފާއެއް ނޯންނާނެ.. އަނބިކަބަލުންގެ އާއިލާ މީހަކަށް ވެސް ނޯންނާނެ… ކޮންތާކު ވަޒީފާއެއް ތޯ، އެ ސުވާލު ކުރައްވާ… ސަރުކާރުގެ ކޮންމެ މީހެއް ވެސް ގެންނަވާ.. އެއްވެެސް މީހަކު އެބަހުރިތޯ އަޅުގަނޑު އެދިގެން ވަޒީފާއެއް ދީފައި.. އެހެންވީމައި ވަރަށް ބޮޑެތި އޮޅުވާލުންތައް އެބައޮޅުވާލާ… އެއީ ދޮގު ވާހަކަތަކެއް” އިންތި

ރައްދުގައި ފައްޔާޒް ވިދާޅުވީ އެހާ ބޮޑެތި އިތުރުފުޅުތައް ނުހެއްދެވުމަށް އެދޭކަމަށާއި، ފިނޭންސް މިނިސްޓްރީގެ އިސް މަގާމަކަށް މީހަކު އައްޔަނު ކުރުމަށް އިންތި ގުޅައި ކުރި މެސެޖުތައް މިހާރު ވެސް ފޯނުގައި އެބަހުރިކަމަށެވެ. އަދި ފައްޔާޒް ވަނީ މީހަކަށް ވަޒީފާއެއް ހަމަޖައްސައިދޭން އެދުން އެއީ ގޯހެއްކަމަށް އޭނާ ގަބޫލެއް ނުކުރާކަމަށާއި، މައްސަލައަކީ އިންތި އަމިލައިން ނަޒާހަތްތެރިކަމުގެ ޓެގު އަޅުވައި ވަޒީފާގެ ކަންކަމުގައި ވާހަކަ ދައްކަވާފައި ނުވާނެކަމަށް ވިދާޅުވުން ކަމަށެވެ.

“އިންތި އަޅުގަނޑަށް ވެސް ގުޅުއްވިއޭ އިނގޭތޯ، އިންތި ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަނު ކުރައްވާފައި އެހެރީ… މިހުރީ އަނެއްކާވެސް އަޅުގަނޑުގެ ފޯނުގައި އިންތި ގުޅައި ކުރި މެސެޖުތައް… އެ ވަޒީފާ އެގޮތަށް ހަމަޖައްސަން، އެވަޒީފާ އެގޮތަށް ހަމަޖެހިފައި އެއޮތީ… ދެން ތިހާ ދޮގު ހަދާކަށް ނުވާނެ އިންތި” ފައްޔާޒް

ފައްޔާޒްގެ ވާހަކަތަކާއި އެކު އިންތި އަނެއްކާވެސް ވިދާޅުވީ އާއިލާ މީހަކަށް ވަޒީފާއެއް ހޯދަން އެދިފައި ނުވާނެކަމަށާއި، ނަމަވެސް ސިޔާސީ މަގާމެއް “ހާލުން މީހަކަށް” އެދިގެން ދީފައި އޮވެދާނެ ކަމަށެވެ. އޭގެ ސަބަބެއްކަމަށް ވިދާޅުވީ އޭނާ ނިސްބަތްވާ ދާއިރާ މާފަންނު އުތުރަކީ އެންމެ ބޮޑު ތަފާތަކުން އެމްޑީޕީއަށް ވޯޓު ހޯދައިދޭ ދާއިރާއަށް ވުމެވެ.

“މުޅި މާފަންނު އުތުރުން އެންމެ މަގާމެއް. އެންމެ މަގާމެއް… ރޮއެ އާދޭސްކޮށްގެން… ދެން މިހާ ހިސާބުން މި ނިމުނީކަމަށް ހިތައި.. ޕާޓީގެ ހިދުމަތުގައި އާއި ޕާޓީ ކުރިއެރުވުމަށް ވަޒީފާއެއް ހޯދައިދޭން… އެންމެ ވަޒީފާއެއް ހޯދައިދޭން އެދުނީމައި އެއީ އެއީ އިމްތިޔާޒްގެ ކަމަކަށް… ދެން އެހެން ބޭފުޅުންގެ އާއިލާ އާއި ރައްޓެެހިންނަށް ވަޒީފާ އޮތްގޮތް ނިކަން ބައްލަވާ…” އިންތި

އިންތި އެއް ދެއްކެވީ ތެދު ވާހަކަތަކެއް ތޯ ސުވާކު ކުރުމުން ފައްޔާޒް ވިދާޅުވީ ކޮންމެހެން އޭނާގެ އާއިލާ މީހަކަށް ވެސް ވަޒީފާ ނުލިބޭކަމަށެވެ. ނަމަވެސް ސިޔާސީ ވަޒީފާއެއް ހޯދައިދޭން މަސައްކަތްކޮށް އެކަމަށް ވާހަކަ ދެއްކުން އެއީ ރަނގަޅު މަސައްކަތެއްގެ ގޮތުގައި ފާހަގަކޮށް ވިދާޅުވީ މައްސަލައަކީ އިންތި އެގޮތަށް މަސައްކަތް ނުކުރާކަމަށް ބުނުން ކަމަށެވެ. ނަމަވެސް އިންތި ވިދާޅުވީ ނުފޫޒަކަށް ވާނީ ވާހަކަ ދައްކައި، އާއިލާ މީހަކަށް މަންފާއެއް ހޯދަން އުޅުން ކަމަށެވެ.

ނުފޫޒާއި ބާރުގެ ބޭނުން ކުރާކަމުގެ ތުހުމަތުތަކުގެ ތެރެއިން. ލ. އަތޮޅުން އިންތިގެ އާއިލާގެ މެމްބަރަކަށް ވަރުވާއަށްއަށް ދޫކޮށްފައި ވަނިކޮށް އޭނާ ނިޔާވުމުން އެ ރަށް ވާރިސުންނަށް ލިބޭ ގޮތަށް ބަދަލު ކުރީ އިންތި އެދިގެން ތޯ ޕްރެޒެންޓަރު ސުވާލު ކުރި އެވެ. މިއީ ވެސް ދެކެވޭ ވާހަކައެއްކަމާއި ކިހާވަރެއްގެ ހަގީގަތެއް އެބައޮތްތޯ، އަދި އެކަމުގައި އޭރުގެ ފިޝަރީޒް މިނިސްޓަރަކަށް ހުންނެވި ޒަހާ ވަހީދާއި ފައްޔާޒަށް ގުޅުވިންތޯ ސުވާލު ކުރުމުން އިންތި ސުވާލު ކުރެއްވީ އެ ވިދާޅުވި ބޭފުޅެއްގެ ވާރިސުންގެ މީހަކަށް ވީގޮތާއި މެދު އެވެ

ވަރުވާއަށް ދޫކުރާ ރަށެއް އަމިއްލަ ނަމުގައި ވަނިކޮށް ނިޔާވެއްޖެ ނަމަ، އެ ވާރިސުންނަށް ލިބޭ ގޮތަށް މީގެ ކުރިން ގަވައިދުގައި ނޯވެ އެވެ. އިންތި ވިދާޅުވީ ވަރުވާއަށް ދޫކުރާ ރަށަކަށް މީހާ ބޮޑު އިންވެސްޓްމެންޓެއް ކުރާކަމަށް ފާހަގަކޮށް އިންތި ވިދާޅުވީ ކުއްލިއަކަށް އޭނާ ނިޔާވުމުން އެތަން ރައްކާތެރި ކުރަން ޖެހޭ ކަމަށެވެ. މި ސަރުކާރަކީ އެންމެނަށް ހަމަހަމަކަން ހޯދައިދޭން އައި ސަރުކާރަކަށް ވީއިރު ކުރާ އިންވެސްޓުމަންޓުތައް ރައްކާތެރި ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް އޮފީހުން އެ ބަދަލު ކުރީ ސަބަބާއި ހުރެކަމަށް އިންތި ވިދާޅުވި އެވެ.

ކުރީގެ ގަވައިދަށް ބަދަލު ގެނެސް، ރަށް ވާރިސުންނަށް ލިބޭ ގޮތަށް ބަދަލު ކުރީ އިންތި އެދިގެން ނޫންތޯ ސުވާލު ކުރުމުން އޭނާ އެކަން ދޮގު ކުރެއްވި އެވެ. އަދި ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ފިޝަރީޒް މިނިސްޓަރު ޒަހާއަށް ވެސް ގުޅާފައި ނުވާނެ ކަމަށެވެ.

ވަރުވާއަށް ދޫކުރި ރަށުގެ މައްސަލައިގައި އިންތި ގުޅުއްވިތޯ ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ، ގުޅުއްވައި މެސެޖު ވެސް ކުރިކަމަށާއި އެ މެސެޖުތައް ވެސް ފޯނުގައި އެބަހުރިކަމަށެވެ. އެހާހިސާބުން އިންތި ވިދާޅުވީ ހަނދާނެއް ނެތްކަމަށެވެ. އަދި ގުޅުއްވިންތޯ ސުވާލު ކުރުމުން، ފައްޔާޒް ދެވަނަ ފަހަރަށް ގުޅުއްވިކަމަށް ވިދާޅުވުމުން އިންތި ވިދާޅުވީ، ބަހުސް ނިންމައި މެސެޖުތައް ބަލާލާނީ ކަމަށެވެ.

ދެން ޕްރެޒެންޓަރު ސުވާލު ކުރީ، ޒަހާއަށް ގުޅުއްވިތޯ އެވެ. ކުރިން އެކަމަށް އިންކާރު ކުރެއްވުމަށް ފަހު އިންތި ވިދާޅުވީ ހަމައެކަނި ރަށުގެ މައުލޫމާތު ދިނީ ކަމަށެވެ. އިތުރު އެއްވެސް ވާހަކައެއް ނުދައްކާކަމަށް ވިދާޅުވި އެވެ.

“އަޅުގަނޑު މެސެޖް ކުރިންތޯ. އަޅުގަނޑު ހަނދާނެއް ނެތް.” އިންތި

ބަހުސްގައި ފައްޔާޒް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ނުފޫޒާއި އެކު ވެސް ރަނގަޅު ކަމެއް ކުރުމުގައި ގޯހެއް ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: