ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމަށް ޖޭއެސްސީ އިން ހުށައެޅި މައްސަލައިގައި ގޯސްތަކެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ހައި ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ޖޭއެސްސީން ރައްޔިތުން މަޖިލީހަށް ހުށަހެޅި މައްސަލާގައި އިޖުރާއީ އަދުލުވެރިކަން ގާއިމު ކޮށްފައި ނުވާތީ، އިޖުރާއީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި އަލުން އެ ކޮމިޝަނަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުއާމެދު މި ކޮމިޝަނުން ބަލަން ނިންމި ސުލޫކީ މައްސަލައިގެ އިބާރާތުގައި އޮންނަނީ މައްސަލަ ރައްދުވާ ފަނޑިޔާރުން ޤާނޫނުއަސާސީއާ ގާނޫނާ ޚިލާފަށް އިނާޔަތެއް ލިބިގަނެ ބަލައިގެންފައިވާ ކަމަށެވެ.

މައްސަލައިގެ މައިގަނޑު ނިންމުމަކީ ވިހިހާސް ރުފިޔާގެ ޑައުން ޕޭމަންޓަކަށް ކުރީގެ ހައުސިންގ މިނިސްޓްރީ މެދުވެރިވެ މާލެއިން ފްލެޓް މި ދެ ފަނޑިޔާރުން ޤާނޫނުއަސާސީއާ ޚިލާފަށް ހޯދާފައިވާތީ، އެކަން އެ ގޮތުގެ މަތިން ހިނގާފައިވާކަން ސާބިތުވާ ކަމެވެ.

ޖުޑިޝަރީ ކޮމިޓީން ފާހަގަކުރައްވާކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާ އަނެއް ކަމަކީ، މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާކަމަށެވެ. މައްސަލަ ނިންމަން ފެންނަ ގޮތް ކަނޑައަޅައި ތައްޔާރުކުރާ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަކީ މި ކޮމިޝަންގެ ގާނޫނުގައި ބަޔާންކުރާ ފަދައިން، ސީދާ ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭ ރިޕޯޓެކެވެ. ގާނޫނުގައި ބަޔާންކުރަނީ މައްސަލައާމެދު ގޮތެއް ނިންމުމުގެ ކުރިން ނުވަތަ މައްސަލަ ނިމުނުގޮތުގެ ރިޕޯޓް ތައްޔާރުކުރުމުގެ ކުރިން ތަހުގީގު ރިޕޯޓެއް ތައްޔާރުކޮށް ލިޔުމުން އަދި އަނގަބަހުން ޖަވާބުދާރީވުމަށް ފުރުސަތު ދޭން ޖެހޭނެކަމަށެވެ. ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުއާމެދު މި ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލައިގައި، މައްސަލައިގެ ތަހުގީގު ރިޕޯޓް ފަނޑިޔާރުންނާ ހިއްސާކޮށް އެރިޕޯޓަށް ލިޔުމުން ޖަވާބުދަރީވުމަށް ފުރުސަތު ދީފައިވެއެވެ. އެ ފުރުސަތުގެ ބޭނުން ފަނޑިޔާރުން ހިފައި ޖަވާބުދާރީވެފައި ވެސް ވެއެވެ. އަދި ހަމައެހެންމެ، މައްސަލައާ މެދެ ގޮތެއް ނިންމުމުގެ ކުރިން ބާއްވަން ޖެހޭ ފަހުގެ އަޑުއެހުމަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ވެސް އެ ދެ ފަނޑިޔާރުންނަށް ދެވިފައިވެއެވެ.

ކޮމިޝަންގެ ގާނޫނަށް އެންމެފަހުން ގެނައި އިސްލާހުގައި މައްސަލަ ނިމުނުގޮތުގެ ރިޕޯޓު ނުވަތަ ފައިނަލް ރިޕޯޓަށް ޖަވާބަދާރީ ވުމުގެ ފުރުސަތު ދޭންޖެހޭނަކަމަށް ބަޔާންކޮށްފައެއްނުވެއެވެ.

އަދި މި ގޮތުގެ މަތިން ތަހުގީގުކޮށް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން، މި ގޮތުގެމަތިން ހިންގާފައިވާ ތަހުގީގުތަކަކީ އިޖުރާއަތާ އެއްގޮތަށް ހިންގާފައިވާ ތަހުގީގުތަކެއް ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމަވައި ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ފާސްކުރައްވާފައެވެ.

ޖުޑިޝަރީ ކޮމިޓީއާ ހަވާލަދީ މީޑިއާއިން ފާހަގަކުރާ އަނެއް ކަމަކީ މައްސަލަ ތަހުގީގުކުރަން ދެ ކޮމިޓީއެއް ހަދައި ކޮމިޓީގެ ނިންމުން ބަދަލުވެފައިވާ ވާހަކައެވެ.

ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުއާމެދު މި ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަ ތަހުގީގުކުރުމަށް ދެ ކޮމިޓީއެއް ހަދާފައި ނުވެއެވެ. ނަމަވެސް މައްސަލަ ތަހުގީގުކުރި ކޮމިޓީގައި ހިމެނޭ މެމްބަރަކު ކޮމިޓީން ވަކިވުމުން އެ މެމްބަރުގެ ބަދަލުގައި ކޮމިޓީއަށް އެހެން މެމްބަރަކު އައްޔަނުކުރެވުނެވެ. އެކޮމިޓީއަށް މިކޮމިޝަނުން އެއްވެސް ބަދަލެއް ގެނެސްފައެއްނުވާނެއެވެ.

ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދުއާމެދު މި ކޮމިޝަނުން ތަހުގީގު ކުރި، ކުރީގެ ސަރުކާރުން ސީދާ އެންގި އެންގުމުގެ މައްޗަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ނިންމުމެއް ނެތި، ޤާނޫނުއަސާސީއާ ޚިލާފަށް ފްލެޓް ހޯދި މައްސަލަ ކުރިއަށް ގެންގޮސް ތަހްގީގުކޮށް ކޮމިޝަނުން ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެހައި އިޖުރާއަތުތައް ފުރިހަމަވާ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: