ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ދިދަ ހިފައިގެން ހުރި ކުޑަ އަންހެން ކުއްޖެއްގެ ފަހަތުން އެމްއެންޑީއެފް ދުވުން ލަދުވެތި: އާދަމް ޝަރީފް

ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އައުޓް ދިދަ ހިފައިގެން މަގުމަތީ ހަރަކާތަށް ނިކުތް، އުމުރުން 19 އަހަރުގެ އަންހެން ކުއްޖެއްގެ ފަހަތުން ދިވެހި ދިފާއީ ބާރުން ދުވުން އެއީ ލަދުވެތި މަންޒަރެއްކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މިދިޔަ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު ވަދެފައިވާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓްގެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަގުތަކަށް ނިކުމެ ކުރިޔަށް ގެންދާ އެއްވުންތަކަށް ފުރުސަތު ނުދިނުމަށް ތަންފީޒީ އިދާރާތްތަކަށް އަންގަވާފަ އެވެ. މިއީ ރާއްޖޭގެ ހަމަޖެހުން ނަގާލުމުގެ ނިޔަތުގައި ކުރިޔަށް ގެންދާ ހަރަކާތްތަކެއްގެ ގޮތުގައި ފާހަގަކޮށް، ގަރާރުގައި ވަނީ އަވައްޓެރި ގައުމުތަކާއި މެދު ހިންގާ ނަފްރަތުގެ އަމަލުތަކުގެ ސަބަބުން އޭގެ ނޭދެވޭ އަސަރާއި ގެއްލުން ރާއްޖެއަށް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

“އިންޑިއާ އައުޓް” ޖެހި ދިދަތަކާއި އެކު އިދިކޮޅުން މަގުތަކަށް ނިކުތް ނަމަވެސް، ފުލުހުން ދަނީ ބާރުގެ ބޭނުންކޮަށް އެއްވުންތަށް ރޫޅާލަމުންނެވެ. އެގޮތުން ދާދިފަހުން ކުރިޔަށް ގެންދިޔަ އެއްވުމެއްގައި، ޖަސްޓިސް ބިލްޑިން ސަރަހައްދުގައި އެއްވުމުގެ ބައިވެރިން ކުރިޔަށް ދާން މަސައްކަތް ކުރި އުމުރުން 19 އަހަރުގެ އަންހެން ކުއްޖެއް ފުލުހުން ހައްޔަރު ކުރި އެވެ. ސޯޝަލް މީޑިއާގައި ވެސް އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުން، އެ އަންހެން ކުއްޖާ ކުރިޔަށް ދާން މަސައްކަތްކޮށް، ދުއްވައިގަތުމުން ފަހަތުން ދުވެފައި ވަނީ އެމްއެންޑީއެފްގެ އޮފިސަރެކެވެ. އަދި އަތުނުމުން ވަކި ހިސާބަކުން، އޮފިސަރު އެނބުރި އަންނަ މަންޒަރު ވެސް އޭގައިން ފެނެ އެވެ.

ނުހާ ނަމަކަށް ކިޔާ އެ ޒުވާނާ ހައްޔަރު ކުރީ އޭގެ ފަހުންނެވެ. ބޮޑެތި ފާޑުކިއުންތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ވެސް ސަމާލުކަން ލިބުނު މި ވީޑިއޯއާއި ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ވާހަކަ ދެއްކެވި އެވެ.

މިކަމަށް އިޝާރާތްކޮށް ސަންގުޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި އާދަމް ޝަރީފް ވިދާޅުވީ، ދިފާއީ ވަޒީރުކަން ކުރަށްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ވާހަކަދައްކަވާނަމަ، ޒުވާން އަންހެން ކުއްޖެއްގެ ފަހަތުން ދިވެހި ދިފާއީބާރަށް ނިސްބަތްވާ ޔުނިފޯމެއްގައި ހުރި ބޭފުޅަކު ދުވެފައިދާ މަންޒަރު ފެނިވަޑައިގަތުމުން ދެރަވެ ލަދު އިހުސާސްވި ކަމަށެވެ.

ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ، އޭނާ މަގާމުގައި ހުންނެވި ދުވަސްތަކުގައި ސިފައިން ރަނގަޅު ތަމްރީނުތަކެއް ހެދިކަމަށާއި ދިގު ދުވުންތައް ދުވުމުގެ ބުންވަރު ސިފައިންގެ އޮފިސަރުންގެ ގައިގައި ހުންނަން ޖެހޭނެ ކަމަށެވެ. އާއްމުވެފައިވާ ވީޑިއޯއިން ފެނިގެންދިއަ މަންޒަރާއި “އެމްއެންޑީއެފްގައި ތިއްބަވާ “ވަރުގަދަ ފަހުލަވާނުންނާއި” އަޅާކިޔޭނެ މަންޒަރެއް ނޫންކަމަށް ވުމުން ހުރިހާގޮތަކުން ބަލާނަމަވެސް އަތުލައިނުގަނެވުންކަމަކީ ދިވެހި އަސްކަރިއްޔާގެ ބަލިކަށިކަމެއްގެ ގޮތުގައި ސިފަކޮށް އާދަމް ޝަރީފް ވިދާޅުވީ މިއީ ވަރަށް ބޮޑު ފެއިލިއާއެއް ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ޒުވާން އަންހެނަކު ފަހައި އެމްއެންޑީއެފް ބޭފުޅަކު ދުވެފައިދާ މަންޒަރު ދައްކުވައިދޭ ވީޑިއޯއިން ފެނިގެންދަނީ، ދިވެހި ދިފާއީ ބާރުގެ ޔުނިފޯމް އަޅައިގެން ހުރި އިންޑިއާ ރައްޔިތެއްކަމަށް އެ ކޯލިޝަންގެ އިސްވެރިންނަށް ޝައްކުވެފައިވާތީ ވާހަކަތައް ދެކެވިފައިވާކަމަށެވެ. އެހެންކަމުގައި ވާނަމަ ދިވެހި ދިފާއީ ނިޒާމަށް ނިސްބަތްވާ ޔުނިފޯރމެއްގެ ނާޖާއިޒް ފައިދާ ނެގުން ފަދަ ބޮޑު މައްސަލައެއް ތަހުގީގު ކުރެވެންޖެހޭނެކަމަށް އޭނާ ވަނީ ފާހަގަކުރަށްވާފައިއެވެ.

އާއްމުވެގެންދިއަ ވީޑިއޯއިން ފެންނަނީ ދިވެހި ސިފައިންގެ ބޭފުޅެއްކަމަށް ގަބޫލުކުރަން ދަތިކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި ޔުނީފޯރމްގައި ހުރެ ޒުވާން ކުޑަ އަންހެން ކުއްޖެއް ފަހަތުން ދުވެފައި ދިއުން ރާއްޖޭގައި ސިފަ ކުރެވިފައިވަނީ ހަޑި ހުތުރު އަމަލެއްގޮތަށްކަމަށް ވިދާޅުވި އެވެ. އަދި އެކަން އެކަމަކީ “ރަންނަމާރި” އެރުން ފަދަ ކަމެއް ކަމަށް އާދަމް ޝަރީފް ވަނީ ސިފަ ކުރަށްވާފައިއެވެ. އަދި އިދިކޮޅުން ހިންގަމުންދާ ކުދި އެއްވުންތަކަށް ދިވެހި ސިފައިން ނުކުތުމަކީ އެއްގޮތަކަށް ވެސް ކުރާކަމެއް ނޫންކަމަށް ފާހަގަކުރަށްވާ ޝަރީފް ވިދާޅުވީ އިދިކޮޅުން ހިންގަމުންދާ ފަދަ މުޒާހަރާއްގެ ތެރެއަށް ދިވެހި ސިފައިން ނުކުންނަން އޮންނާނީ ހަމައެކަނި ގައުމީ ސަލާމަތައް ނުރައްކައުވެއްޖެ ހާލަތެއްގައި ކަނޑައެޅިފައިވާ “ގްރީން ޒޯން” ބެލެހެއްޓުމަށާއި އިންޖީނުގެ ފަދަ މުހިއްމު މަދު ތަނެއް ބެލެހެއްޓުމަށްޓަކައި ކަމަށް އިޝާރާތްކުރަށްވާ ޝަރީފް ވިދާޅުވީ އެއެންޑީއެފްއިން ރަށުތެރެއަށް ނުކުމެ ދުވެފައި އުޅެން ނޯންނާނެކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، މިވެރިކަމުގެ ކުރިން މިހާރު ދިވެހި ސިފައިން ނުކުމެ ކުރަމުންދާ ފަދަ މަސައްކަތްތަކުގައި ޝާމިލު ނުވާކަމަށެވެ. އަދި ކުރިއަށް އޮތްތާ އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ސިފައިން މިފަދައިން ބެނާރ ނެގުންފަދަ މަސައްކަތްތަކުގައި ނުނުކުންނާނެ ކަމަށްވެސް ޝަރީފް ފާހަގަކުރެށްވިއެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވާ އިރު، “އިންޑިއާ އައުޓް” ކެމްޕެއިންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރަށްކާވާކަމަށް ވިދާޅުވެ، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ، މިފަދަ ހަރަކާތްތައް މަނާކޮށް ހުއްޓުމަކަށް ގެނައުމަށްޓަކައި ގަރާރެއްގައި ސޮއިކޮށް ނެރުއްވާފައިއެވެ. މި ގަރާރުގެ ދަށުން އަވަށްޓެރި ގައުމުތަކާއި ދެމެދު އޮންނަ ގުޅުމަށް ހީނަރުކަމެއް ކުރިމަތިވެދާނެ ކޮންމެ އަމަލެއްވެސް ވެގެންދަނީ ގާނޫނީ ކުށަކަށެވެ.

އެހެންކަމުން، އިންޑިއާ ސިފައިން ދިވެހި ރާއްޖޭގައި ހަރަކާތްތެރިވެ ތިބުމާއި ދެކޮޅަށް އަޑު އުފުލައި މުޒާހަރާ ކުރަމުންދާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުންކޮށް ޕެޕަރސްޕްރޭ ޖަހަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި ދާދި ފަހުން “އިންޑިއާ އައުޓް” ކެމްޕެއިން ކުރިއަރުވާކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްވަނީ ފުލުންގެ ބެލުމުގެ ދަށަށްގެންގޮސް ދޫކޮށްލައިފައިކަންވެސް ފާހަގަކުރެވެއެވެ.

މުހައްމަދު އިސްމާއިލްގެ އިތުރުންވެސް މި މުޒާހަރާތަކުގައި ބައިވެރިވަމުންދާ އާއްމު ރައްޔިތުން ނުވަތަ އިދިކޮޅަށް ނިސްބަތްވާ އާންމު މެމްބަރުންވެސް ފުލުހުން ހައްޔަރު ކުރަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: