ދިވެހި ރާއްޖެއަށް މިވަގުތު ދިމާވެފައިވާ ގައުމީ ބޮޑު މައްސަލައަކީ، ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާއި، މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ގައުމަށް ކުރަމުންދާ ނޭދެވޭ އަސަރުތައްކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ކުރިޔަށް ގެންދާ ވިއަވަތި ކޮންފަރެންސް ފެއްޓެވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލައިގެ ތެރެއިން ދިވެހިންގެ އާއްމު މުޖްތަމައު ތެރޭގައި ހައްލުކުރަން ޖެހިފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލަތައް ކަމަށެވެ. އަދި މި ދެކަމަކީ އެއްގަހެއްގެ ދެ ގޮފި ކަމަށް ފާހަގަކުރަށްވާ ރައީސް ސޯލިހު ވިދާޅުވީ، މިފަދަ ނޭދެވޭ ކަންކަމުގެ އެންމެ ފުންމިނުގައި ވަނީ އިންތިޒާމު ރޭވިގެންވާ މަސައްކަތްތަކެއް ކަމަށެވެ. އަދި ސިޔާސީ ނިޔަތްތަކަކާއި މާލީ ނަފާ ލިބިގަތުމުގެ މަގުސަދުތަކެއް މިފަދަ ކަންކަމުގެ ފަހަތުގައި ޝާމިލުވާކަމަަށްވެސް ރައީސް ސޯލިހު ވަނީ އިޝާރާތްކުރަށްވާފައިއެވެ.
ދިވެހި ރާއްޖޭގައި ގޭންގު ކުށްތަކާއި މަސްތުވާތަކެއތީގެ ވަބާ ފެތުރިފައި ވުމުގެ މައްސަލަ ބޮޑުވެފައިވާކަމަށް ފާހަގަކުރަށްވާ އިތުރަށް ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެފަދަ ކަންކަން ހައްލު ކުރުމަކީ ބޮޑެތި ދަތިތަކެއް ކަޑައްތުކުރަން ޖެހޭފަދަ މަސައްކަތްތަކަށް ވުމުން ވިއަވަތި ކޮންފަރެންސްގައި އެ މައުލޫއާއި މެދު ކުރެވިގެންދާނެ މަޝްވަރާތައް ފުޅާ މިންގަނަޑަކަށް ކުރުން މުހިއްމުކަމަށެވެ. އަދި އެފަދައިން ކަންކަން ކޮށްފިނަމަ، ހައްލެއް ހޯދައި ނަތީޖާތައް ފެނިގެންދިއުން އަވަސްވެގެންދާނެކަމަށް ވެސް ރައީސް ސޯލިހު ވަނީ ފާހަގަކުރަށްވާފައިއެވެ.
ރަށް ގިރުމާއި ފެންބޮޑުވުން އަދި އުދައެރުމަކީ ދިވެހި ކޮންމެ ރައްޔިތެއްވެސް ދިރިއުޅޭ ރަށާއި އެންމެ ގާތުގައި ވާ ބިރުވެރިކަން ކަމަށް ފާހަގަކުރަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ދިވެހި ރާއްޖެއަަށް ކުރިމަތިވެފައިވާ ދެވަނަ އެންމެ ބޮޑު މައްސަލައަކީ މޫސުމީ ބަދަލުތަކުގެ ދިމާވެގެންދާ ނޭދެވޭ އަސަރުތައް ކަމަށެވެ. އަދި ހިންގަމުންދާ ތަރައްގީގެ މަޝްރޫޢއަކާއި ތިމާވެއްޓަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކާއި ގުޅިފައިވާމަށް އިޝާރާތްކުރަށްވާ ރައީސް ސޯލިހު ވިދާޅުވީ، ތަރައްގީގެ ބޭނުމުގައި ކުރެވިގެންދާ ކަންކަމަކީ ތަރައްގީއަށް ހުރަހަކަށް ވިޔަދީގެން ނުވާނެ ކަމަށެވެ. އެހެންކަމުން ކޮންފަރެންސްގައި ކުރިއަށް ގެންދާނެ މަޝްވަރާތަކުގެ ބައިވެރިން އެފަދަ ވިސްނުމެއް ގެންގުޅުއްވަން ރައީސް ސޯލިހު ވަނީ އިލްތިމާޒް ކުރަށްވާފައިއެވެ. އަދި ރައީސް ވިދާޅުވި ފަދައިން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެންމެ މުހިއްމު ދައުރެއް އަދާ ކުރަނީ ދިވެހި ކައުންސިލުތަކުގެ އިދާރާތަކުން ކަމަށް ރައީސް ސޯލިހު ވަނީ ފާހަގަކުރަށްވާފައިއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވާ އިރު، މިދިއަ މަސްތަކުގެ ތެރޭގައި މާލެ ސިޓީގައި އެތަކެއް މާރާމާރީތަކެއް ހިންގާ، ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެގެންދިއަކަން ފާހަގަކޮށްލެވެއެވެ. އަދި މަސްތުވާ ތަކެއްޗާއި ދެކޮޅަށް ދިވެހި ފުލުހުންގެ މުއައްސަސާއިން ހިންގާ އޮޕަރޭޝަންތަކުގެ އެތައް ކިލޯއެއްގެ މަސްތުވާ ތަކެތިވެސް އަތުލައިގެނެވިފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

