ރާއްޖެއަށް އަވައްޓެރި އިންޑިއާގެ ނުފޫޒު ވަދެފައިވާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ ”އިންޑިއާ އައުޓް“ ހަރަކާތުގެ ތެރެއިން އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދިރިއުޅުއްވާ ހ. ދޫވެހީގައި ދަމާފައި ހުރި ބެނާ ނެގި މައްސަލައިގެ ހުކުމް އިއްވުން މާދަމައަށް ތާވަލުކޮށްފި އެވެ.
އިންޑިއާ އައުޓްގެ ހަރަކާތަކީ ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ނަޖާއިޒް ފައިދާ ނަގައި ބޭރުގެ ގައުމުތަކާއި މެދު ނަފްރަތު އުފެއްދުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތެއްގެ ގޮތުގައި ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
ހަރަކާތުގެ ތެރެއިން އިންޑިއާ އައުޓް ޖެހި ބެނާތައް މާލޭގެ އެކި ސަރަހައްދުތަކުގައި ދަމާފައިވާއިރު، ކޯޓު އަމުރެއްގެ ދަށުން އެންމެ ފުރަތަމަ ބެނާ ނެގީ އިދިކޮޅު ރައީސް ޔާމީން އުޅުއްވާ ހ. ދޫވެއްސާއި، ޕާޓީ އޮފީސް ހ. ހުރަފާ އިމާރާތުންނެވެ.. އަދި އެ ނޫން ވެސް ބައެއް ސަރަހައްދުތަކުގައި ދަމާފައިވާ ބެނާތައް ނެގުމަށް ގެތަކުގެ ވެރިންނަށް ވަނީ އަންގާފަ އެވެ.
”އިންޑިއާ އައުޓް“ ޖަހާފައިވާ ބެނާތައް ނެގުމަށާއި ހ. ދޫވެހި ބަލައި ފާސްކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުން ހޯދައިފައިވާ އަމުރަކީ ގާނުނާއި ހިލާފުވާ އަމުރެއްކަމަށާއި ފުލުހުން މި އަމުރު ތަންފީޒުކުރުމަށް އަމަލުކޮށްފައިވަނީ ގާނޫނީ އިމުން ބޭރުގައިކަމަށް ބުނެ ރައީސް ޔާމިންގެ ފަރާއްފުޅުން އެ މަނިކުފާނުގެ ވަކީލުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިއެވެ.
ދެ އަޑުއެހުމަށް ފަހު، މާދަމާ ހުކުމް އިއްވުމަށް ކޯޓުން ތާވަލު ކުރިއިރު، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ގިނަ ސުވާލުތައް ފުލުހުންނަށް އަމާޒުވި އެވެ. ބެނާތައް ނެގުމަށް އަމުރެއް ނެރުނީ ކޮން ބޭނުމެއްގައި ތޯ އާއި، ގާނޫނު އަސާސީގެ ދަށުން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނި ކުރެވިދާނެ އެއްވެސް ހާލަތެއް ގާނުނުގައި ބަޔާންކޮށްފައި ވޭތޯ ބެންޗުން ސުވާލު ކުރުމުން ފުލުހުންނަށް ޖަވާބު ދެވިފައި ނުވެ އެވެ.
ފުލުހުން ހަމައެކަނި ދިން ޖަވާބަކީ، އެއީ ބެނާ ނަގަން އެންގުމުން ވެސް އެއާއި އެއްގޮތަށް އަމަލު ނުކުރުމުން ނެރުނު އަމުރެއް ކަމަށެވެ. އަދި ގާނޫނުގެ ދަށުން ލިބިދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނި ކުރެވޭނެ އެއްވެސް ހާލަތެއް ގާނޫނުގައި ނެތްކަމަށް ބުންޏެވެ.
ކޯޓުގައި ފުލުހުން ބުނީ އަމުރު ނެރުނީ އިތުރު ހެކި ހޯދުމަށްކަމަށާއި، މައްސަލައިގައި އެއްވެސް ބަޔަކާއި ސުވާލު ވެސް ނުކުރާކަމަށެވެ. ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި ބެނާގެ ސަބަބުން އާއްމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިގެން ދިއުމަކީ ވެސް، ބެނާ ނަގަން އަމުރެއް ނެރުނު ސަބަބެއްގެ ގޮތުގައި ފުލުހުން ފާހަގަ ކުރި އެވެ.
ފުލުހުންގެ މި ޖަވާބާއި އެކު، އާއްމު މަސްލަހަތަށް ގެއްލުންވާ ނުވަތަ މުޖްތަމައުގައި އެފަދަ ބިރެއް އުފެދޭކަމެއް ދިމާވުމުން މައްސަލަ ހުށަހަޅަން ޖެހެނީ ކޮން ފަރާތަކުން ތޯ ބެންޗުން ސުވާލު ކުރުމުން ފުލުހުން ބުނީ އެފަދަ މައްސަލައެއް ހުށަހަޅަން ޖެހޭނީ އާއްމުންގެ ފަރާތުން ކަމަށެވެ. އެހެންކަމުން މި މައްސަލަ ވެސް ހުށަހެޅީ އާއްމުންގެ ފަރާތަކުން ތޯ ބެންޗުން އަނެއްކާވެސް ސުވާލު ކުރުމުން، ޖަވާބުގައި ފުލުހުން ބުނީ އާއްމުންގެ ފަރާތަކުން ރަސްމީކޮށް ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށާއި، ބެނާ ނެގުމަށް ކޯޓު އަމުރު ނެރުނީ ފުލުހުންގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.
މާދަމާ ކޯޓުން މައްސަލައިގައި ގޮތެއް ނިންމުމުން، އިންޑިއާ އައުޓާއި ދެކޮޅަށް ފުލުހުން އަޅަމުން ގެންދާ ފިޔަވަޅުތަކަށް ބޮޑެތި އަަސަރުތަކެއް ކުރާނެކަމަށް ބެލެވެ އެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ، ފަނޑިޔަރު މުހައްމަދު ނިޔާޒާއި، ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ހަސަން ޝަފީއު އެވެ.

