ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީ އޮފީހުގެ ލެތުން އިފްތިތާހުކޮށްފި

ޕީޖީ ހުސެން ޝަމީޟް: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކާއި އުޞޫލުތައް އެއްތަނަކުން ފެންނަން ހުންނާނެގޮތަށް ޕީޖީ އޮފީހުން އެކުލަވާލާފައިވާ ”ލެތުން“ ޑޭޓާބޭސް އިފްތިތާޙްކޮށްފިއެވެ.

މިކަމަށްޓަކައި ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި ”ލެތުން“ ޑޭޓާބޭސް ލޯންޗްކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޙުސްނުއް ސުޢޫދެވެ.

”ލެތުން“ ޑޭޓާބޭސްއަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމާ ގުޅުންހުރި ޤާނޫނުތަކާއި، ގަވާއިދުތަކާއި، އުޞޫލުތަކާއި، އެހެން ޤާނޫނީ ވަޞީލަތްތައް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް ފަރުމާކޮށްފައިވާނީ އެ ޤާނޫނުތަކާއި ގަވާއިދުތަކަށް އެކި ފަހަރުމަތިން ގެނެސްފައިވާ އިޞްލާޙްތައް ޤާނޫނާ އެއްކޮށް، ކޮންސޮލިޑޭޓްކޮށްގެންނެވެ. އަދި ވަކި ވަކި ކަމަކާ ގުޅޭގޮތުން ހޯދުމެއް ހޯދާނަމަ ވެބްސައިޓް މެދުވެރިކޮށް ސާރޗްކުރެވޭނެއެވެ. ވަކި މަޢުޟޫޢަކާ ގުޅޭގޮތުން ހޯދާނަމަ ”ޓެގްސް“ ސާޗްކޮށްގެން އެ މަޢުޟޫޢަކާ ގުޅޭގޮތުން ހުރި ކޮންޓެންޓް ފެންނަން ހުންނާނެއެވެ. އަދި ފަހުން ބެލުމަށްޓަކައި މާއްދާތައް ބުކްމާރކްވެސް ކުރެވޭނެއެވެ.

މި ޑޭޓާބޭސް ލޯންޗްކުރުމަށްޓަކައި ހ. މީރުމާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމް ވިދާޅުވީ މި މަސައްކަތުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ކަންކަމުގައި ދިރާސާކުރާ މީހުންނަށްކަމަށެވެ. އެގޮތުން އެއް މަޢުޟޫޢަކާ ގުޅުންހުރި މަޢުލޫމާތު އެކި މުއައްސަސާތަކުގެ ވެބްސައިޓްތަކުން އެއްކުރުމުގެ ބަދަލުގައި މިހާރު ”ލެތުން“ މެދުވެރިކޮށް ހުރިހާ އެއްޗެއް ބެލޭނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ މިމަސައްކަތް ފެއްޓެވުމުގެ ޚިޔާލު އުފަންވެގެން އައީވެސް، ކަމެއް ދިރާސާކުރުމަށް މަޢުލޫމާތު އެއްކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކަމަށެވެ. މި މަސައްކަތް ކާމިޔާބު ކުރުމުގައި އެކި ގޮތްތޮތުން އެހީތެރިކަން ދެއްވި ފަރާތްތަކަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ ކަންކަން ހައްލުކުރުމުގައި ތަފާސްހިސާބު ބޭނުންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ”ލެތުން“ އަކީ ގާނޫނީ އެކި ދިރާސާތައް ކުރުމުގައި ބޭނުން ކުރެވޭނެ މުހިންމު ވަސީލަތަކަށް ވާނެކަމަށް ދެކެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ޔޫއެންޑީޕީ ގުޅިގެން ހަދާފައިވާ އޯޑިއޯ ވީޑިއޯ ފޮތްތަކެއް ނެރުންވެސް ކުރިއަށްދިޔައެވެ. މިއީ ޖިނާއީ މައްސަލަތަކުގައި އަނިޔާލިބޭ މީހުންނާއި، ހެކިބަސްދޭ މީހުންނަށް މި ނިޒާމު ހިނގާގޮތް ދަސްކޮށްދިނުމުގެ ބޭނުމުގައި އެކުލަވާލާފައިވާ ފޮތްތަކެކެވެ. މި ފޮތްތައްވެސް ”ލެތުން“ އިން ފެންނަން ހުންނާނެއެވެ.

މި ރަސްމިއްޔާތުގައި ބަންޑާރަނާއިބު އިބްރާހީމް ރިފްޢަތާއި، ޤާނޫނީ ފަންނުގެ އިސްވެރިންނާއި، ޤާނޫނީ ވަކީލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: