ލާމަރުކަޒީ ގާނޫނަށް އިސްލާހުތަކެއް ގެނެވުނުތާ އަހަރެއް ފާއިތުވެގެން ދިޔައިރު، މި އިސްލާހުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ނުހިފޭކަމަށާއި، ދަތިތަކެއް އެބަހުރިކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފް ވިދާޅުވެއްޖެއެވެ.
ވިއަވަތި ބައްދަލުވުމުގެ ތެރެއިން، ސަންގު ޓީވީއާއި ވާހަކަ ދައްކަވަމުން އަފްޝަން ވިދާޅުވީ މި ގާނޫނު ފުރިހަމައަށް ތަންފީޒްކުރުމުގައި ގާނޫނީ ދަތިތަކާއި ފަންނީ ދަތިތަކުގެ އިތުރުން މާލީ ދަތިތައް އެބަހުރިކަމަށެވެ.
އެ އިދާރާއިން މަސައްކަތް ކުރައްވަނީ މިފަދަ ދަތިތައް ފާހަގަކޮށް މި މައްސަލަތަކަށް ހައްލު ހޯދޭތޯކަމުގައި ވިދަޅުވެ އަފްޝަން ފާހަގަ ކުރެއްވީ މިކަންކަމުގެ ތެރެއިން ހައްލު ހޯދުމަށްޓަކައި އެންމެ މުހިއްމުކަމެއްކަމުގައި އެބޭފުޅުންނަށް ދެކިލައްވަނީ ލޭންޑް ޔޫސް ޕްލޭން ފާސްކުރުންކަމަށެވެ. އަދި ކައުންސިލްތަކަށް އެއްވެސް މަސައްކަތެއް ކުރެވެން އަންނަނީ މި ޕްލޭން ފާސްކޮށްގެންކަމަށާއި ލޭންޑް ޔޫސް ޕްލޭން ފާސްނުކުރެވި ލަސްވެގެން ދިޔުމަކީ ކައުންސިލްތަކުން ފާހަގަ ކުރާ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމުގައި އަފްޝަން ވިދާޅުވިއެވެ.
މެދު ރާއްޖެތެރެއަށް ނިސްބަތްވާ ކައުންސިލަރުންނާއިއެކު އއ އުކުޅަހުގައި ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ބޭއްވުނު ކޮންފަރެންސް ފާހަގަކޮށް އަފްޝަން ވިދާޅުވީ މިކަންކަމުގެ ހައްލުތައް ޕްލޭނިން މިނިސްޓްރީން ހުށައަޅާ ހިއްސާކޮށްފައިވާއިރު އުއްމީދަކީ ކައުންސިލްތަކުން މިކަމަށް ފުރިހަމަ އެއްބާރުލުން ދެއްވައިގެން މި މަސައްކަތް ވީ އެންމެ ރަނގަޅަކަށް ކުރުންކަމަށެވެ. އަދި ކައުންސިލްތަކުގެ ފަރާތުން މި އިސްލާހު ހުށައެޅުމާއިއެކު ޕްލޭނިން މިނިސްޓްރީންވެސް މި މަސައްކަތަށް ވަރަށް އަވަހަށް ނިންމަވާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ފާހަގަކުރެއްވީ ކައުންސިލްތަކުގައި މަސައްކަތް ކުރައްވާ އަންހެން ބޭފުޅުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް ހުރި ގޮންޖެހުންތަކެވެ. އަދި މިއީ ކުރީގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރައްވާފައި ހުރި ފަރާތެއްގެ ހައިސިއްޔަތުންވެސް ވަރަށް ކަންބޮޑުވެއްލައްވާކަމެއްކަމުގައި ފާހަގަކުރައްވާ ވިދާޅުވީ އެލްޖިއޯގެ ސިއީއޯގެ މަގާމުގައި ހުންނަވާ އެޓެންޑް ކުރަންޖެހޭ އެންމެ މުހިއްމުކަމަކީވެސް މިއީކަމުގައި ދެކޭކަމަށެވެ.
އޭގެ އިތުރުން ލާމަރުކަޒީ ގާނޫނަށް ގެނެވުނު އައު އިސްލާހާއިއެކު އަންހެނުން ހިއްސާވާ މިންވަރު އިތުރު ކުރެވި ނިންމުންތައް ނިންމާ މަރުހަލާގައި އަންހެނުން ތިއްބެވި ނަމަވެސް މިކަންކަމުގައި އަންހެނުންގެ ބައިވެރިވުން އޮތީ ކިހާ މިންވަރަކަށްކަމާއިމެދު އަފްޝަން ސުވާލު އުފެއްދެވިއެވެ.
އެކ ކަހަލަ ދަތިތަށް އަންހެނުންނާއި ކުރިމަތިވެފައިވާއިރު މިފަދަ ކަންތައްތައް އެލްޖީއޭ އާއި ހިިއްސާކުރެއްވުމަށް އެދި އަފްޝަން ވިދާޅުވީ އެތައް ރަށެއްގައި މިފަދަ މައްސަލަތަށް ހިގަމުންދާއިރު ހުރިހާ މައްސަލަތަކެއް އަމިއްލައަށް މޮނީޓާ ނުކުރެވޭނެކަމަށެވެ. ނަމަވެސް ލިޔުމުން އެލްޖީއޯއަށް ހުށައެއެޅުމުން ފޮލޯ އަޕް ހަދަން ފަސޭހަވާނެކަމުގައި ވިދާޅުވިއެވެ.
ކައުންސިލްތަކުން މިފަދައިން އަމަލުކޮށް އަންހެނުން ބައިވެރިނުކުރާ ނަމަވެސް ބަލަނީ ފިޔަވަޅު އެޅުމުގެ ބަދަލުގައި އިސްލާހު ކުރެވޭތޯކަމަށް އޭނާ ވިދާޅުވިއެވެ. މިފަދައިން ދިމާވަނީ ކީއްވެގެންތޯ އެލްޖީއޯއިން ބައްލަވައި ހައްލު ހޯދުމަށް މަސައްކަތްކުރާކަމުގައި އަފްޝަން ފާހަގަކުރެއްވިއެވެ.
މިފަދަ ދަތިތަކަކާއި ކުރިމަތިވާ ފަހަރުތައްވެސް އަންނަކަމަށާއި އެހެންކަމުން މިކަންކަމަށް އަމާޒުކޮށްވެސް ޕްރޮގްރާމްތަކެއް އެލްޖީއޯގެ ފަރާތުން ހިއްގުމަށް ހަމަޖެހިފައިވާކަމުގައި އަފްޝަން ހާމަކުރެއްވިއެވެ. އަންހެން ބޭފުޅުންކީ ހަމައެކަނި މެހެމާންދާރީ އަދާކުރާ ފަރާތްތަކަކަށް ނަހައްދަވާ އެބޭފުޅުންނަށްވެސް މެންޑޭޓެއް ކަނޑައަޅާ އުޖޫރައެއް ދެވޭ ބަޔެއްކަމުގައި ހެދުމަށްޓަކައި އެލްޖީއޭ ފަރާތުން މަސައްކަތް ކުރަމުންދާކަމަށާއި ޓްރެއިންނިންތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމުގައިވެސް އަފްޝަން ވިދާޅުވިއެވެ.

