ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޯކު ޖެހި މީހުން މިއަދު ތިލަމާލެ ބްރިޖު އަޅަނީ ދަރަނިވެރި ވެގެން: ރައީސް ޔާމީން

ސިނަމާލެ ބްރިޖު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ އެންމެ ބޮޑު ބިޔަ މަޝްރޫއުކަމަށް ބުނެ ތިލަ މާލެ ބްރިޖުގެ މަސައްކަތްތަކަށް ބޮޑެތި އަދަދުން ލޯނު ނަގައި، ހަރަދުތައް ކުރަމުން ދާއިރު އިގްތިސާދީ ގޮތުން ގައުމު އޮތް ހާލަތަށް ބަލައި މިއީ އެ މަސައްކަތް ކުރަން އެންމެ މުނާސަބު ވަގުތެއް ނޫންކަމަށް ކުރީގެ ރައީސް، އަދި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި އަޅާ ބްރިޖުގައި، މާލެ އާއި ވިލިމާލެ ގުޅާލުން މަޝްރޫއަކީ، މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ރައީސް ޔާމީންގެ ސަރުކާރުގައި މާލެ އާއި ހުޅުމާލެ ދެމެދު ބްރިޖަކުން ގުޅުވާލުމުގެ ވާހަކަތައް ދެކެވުމާއި އެކު، އެ މަޝްރޫއަކީ ބޮޑު ހަރަދެއްކަމަށާއި އަދި ބޭކާރު ހަރަދެއްގެ ގޮތުގައި ސިފަކޮށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިމެނެހޭން ބޮޑެތި ފާޑުކިއުންތައް އަމާޒު ކުރި އެވެ.

“ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު” ނުވަތަ “ތިލަ މާލެ” ބްރިޖުގެ ނަމުން ނަންދީ ކުރިޔަށް ގެންދާ މަޝްރޫއުގެ އެކި ސާވޭތައް ކުރިޔަށް ދާއިރު މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމާލެވޭނެކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ. މަޝްރޫއުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދު ގުޅާލުމަށް 6.7 ކިލޯމީޓަރުގެ ބްރިޖެއް އަޅާނެ އެވެ. 500 މިލިއަން ޑޮލަރު ނުވަތަ ދިވެހި ފައިސާއިން ބަލާނަމަ 7.7 ބިލިއަން ރުފިޔާ ހަރަދު ކުރާ މި މަޝްރޫއަކީ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

މީގެއިތުރަށް ބްރިޖުގެ މަސައްކަތް އަވަހަށް ނިންމަންކަމަށް ބުނެ، އިތުރު 26 މިލިއަން ޑޮލަރު ނުވަތަ 400 މިލިއަން ރުފިޔާއަށް ދިވެހި ސަރުކާރުން އިންޑިއާގައި ވަނީ އެދިފަ އެވެ. މީގެ ސަބަބުން ހަރަދުތައް އެތައް ގުނައަކަށް ބޮޑުވެގެން ދާއިރު، ބްރިޖުގެ ސާވޭއަށް ވެސް ބޮޑެތި ހަރަދުތަކެއް ކުރަމުންދާކަން ފާހަގަ ކުރެވެ އެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވެ، 2023 ވަނަ އަހަރުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވެދާނެކަމަށް ބައިނަލްއަގުވާމީ ބައެއް މާލީ އިދާރާތްތަކުން އިންޒާރު ވެސް ދީފައިވާ ވަގުތެކެވެ.

މި ސަރުކާރުން ބޮޑެތި ލޯނުތައް ނަގަމުން ދިއުމަކީ ގޯހެއްކަން ފާހަގަކުރައްވައި، އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ރޭ ޕާޓީ އޮފީހުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އެއް ލޯނު ދައްކަން މި ސަރުކާރުން ދެވަނަ ލޯނު ނަގަމުންދާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މާލެ – ހުޅުމާލެ ބްރިޖުގެ މަސައްކަތް ފެށުމުން އެމްޑީޕީން ނުރުހުންވެ އެ ވާހަކަތައް ދެއްކިކަމަށެވެ. އަދި ބޮޑު ހަރަދު ކުރަނީކަމަށް ބުނެ އެތައް ފާޑުކިއުންތައް އަމާޒު ކުރިކަމަށް ވިދާޅުވި އެވެ.

މިހާރު ވިލިމާލެ އަދި ގުޅީފަޅު ހުރަސްކޮށް ތިލަފުއްޓަށް އަޅަން ސަރުކާރުން މަސައްކަތް ކުރަމުންދާ ބުރިޖައަކީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވިނަމަ ޗައިނާގެ ސަރުކާރުން ހިލޭ އަޅައިދިނުމަށް ނިންމަވާފައިވާ ބްރިޖެއްކަމަށާއި، ބްރިޖެއް އަޅަން މިއީ މުނާސަބު ވަގުތެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ސުވާލުއުފެއްދެވީ ދައުލަތުގައި ނެތް ފައިސާއިން ބްރިޖް އަޅާ ސަބަބާއި މެދި އެވެ. އަދި ވިދާޅުވީ ބަޔަކު ބްރިޖެއް އެޅިކަމުގައިވީ ނަމަވެސް ދެން އޭގެ ފަހަަތުން އަންނަ ކޮންމެ ބަޔަކު ބްރިޖެއް އަޅަން ނުޖެހޭކަމަށެވެ.

އެމަނިކުފާނުގެ ސަރުކާރުގައި ބްރިޖް އެޅުއްވީ ރައްޔިތުންނަށް ބޭނުންތަކެއް ފުއްދަވާ ދެއްވުމަށްޓަކައިކަމަށާއި އެ ބްރިޖްގެ ސަބަބުން އެތައް ލައްކަ ރައްޔިތުންނެއް ގުޅުވާލެވުނު ނަމަވެސް މިއަދު އަޅަން މިއުޅޭ ބްރިޖްއިން ގުޅުވާލެވޭނީ ކިތައް ރައްޔިތުންކަމެއް އަދުގެ ސަރުކާރަށް ބުނެ ނުދެވޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ސިނަމާލެ ބުރިޖަށް ސަރުކާރުން ހޭދަކުރަން ޖެހުނު ފައިސާގެ އަގާއި ތިލަމާލެ ބުރިޖަށް ސަރުކާރުން ހޭދަކުރަން ޖެހޭނެ ފައިސާގެ އަދަދުތައް ވެސް ވިދާޅުވެއްދެއްވާފައެވެ.

އިތުރަށް އެމަނިކުފާނުގެ ވާހަކައިގައި އަލިއަޅުވާލެއްވީ އިންޑިއާ އަދި މި ސަރުކާރާއި ދެމެދު އޮތް ގުޅުމަށެވެ. ވިދާޅުވީ މި ގުޅުމާއި ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާ އާއި އޮތް ގުޅުމާއި ދާދި އެއްދަފަކަމަށް ބުނެ ޒުވާނުން މީގެ ތަފާތަކީ ކޮބައިތޯ ސުވާލު އުފައްދާ ތަފާތެއް ނެތްކަމަށް ބުނާކަމަށެވެ. މިަކަމުގެ ތަފާތު ފެންނާނީ ހޭލުންތެރިކަމާއި ވިސްނުންތެރިކަމާއިއެކު ތަފާތު ދެނެގަންނަން މަސައްކަތް ކުރައްވާ ބަޔަކަށްކަމުގައި ފާހަގަކުރައްވާ ވިދާޅުވީ އެބޭފުޅުންނަށް މައްސަލައަކަށް ވަނީ ދެ ގައުމުދެމެދުގައި ގުޅުމެއް އޮތުމުން ނޫންކަމަށެވެ.

ރައީސް މައުމޫނުގެ ސަރުކާރާއި އެބޭފުޅުންގެ ސަރުކާރުގެ އިތުރުން ހުރިހާ ސަރުކާރެއްގައިވެސް އިންޑިއާ އާއި ގުޅުން އޮތްކަމަށާޢި ނަމަވެސް އެއީ އާންމު އުހުއްވަތްތެރިކަމުގެ ގުޅުންކަމަށްވިދާޅުވިއެވެ. އަޅުވެތި ވާންޖެހޭފަދަ ގުޅުމެއްް ނޫންކަމުގައި ފާހަގަކުރައްވާ ވިދާޅުވީ މިއީ އިންޑިއާ ކުށްވެރިވާވެރިވާކަމެއް ނޫންކަމަށާއި މިކަމުގެ ޒިންމާ ނަގަން ޖެހޭނީ މިއަދުގެ ސަރުކާރުގައި ތިބި ހާއިނުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: