ދައުލަތުގެ މީޑިއާކަމަށްވާ ޕީއެސްއެމްގައި ހިންގި ކަމަށް ތުހުމަތުކުރެވޭ 100 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް (އެސްއޯއީ) ކޮމިޓީ އިން ނިންމައިފިއެވެ.
މައްސަލަ ކޮމިޓީއަށް ހުށައެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދެވެ.
ކޮމިޓީގެ ބައްދަލުވުމުގައި ނިހާދު ވިދާޅުވީ ޕީއެސްއެމްއިން 100 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި ކަމުގެ ވާހަކަތައް ދެކެވެމުން ދަނިކޮށް އެކުންފުނީގެ އޮޑިޓް ޑިޕާޓްމެންޓް އުވާލާފައިވާ ކަމަށާއި އަދި އެމަސައްކަތް އައުޓްސޯސް ކުރުމަށް ނިންމާފައިވާތީ އެކަން އަވަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމުގައެވެ.
ނިހާދު ހުށައެޅުއްވި އެމައްސަލަ އަށް ތާއީދު ކުރެއްވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ އެވެ. އެމައްސަލަ ކޮމިޓީއިން ބެލުމަށް ފާސްވެފައިވަނީ ވޯޓްގައި ބައިވެރިވެލެއްވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ވިދާޅުވީ އެމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލަން ނިންމުމާއި ގުޅިގެން އެކަމާ ބެހޭ މައުލޫމާތު ހޯދުމަށް ޕީއެސްއެމް އަށް ރަސްމީކޮށް އެކަން ހުށައަޅާނެކަމުގައެވެ.
އަދި އެ މައުލޫމާތު ދޭން ވަކި މުއްދަތެއް އެކުންފުންޏަށް ދޭނެ ކަމުގައި އިލިޔާސް ވިދާޅުވިއެވެ.
އެއަށްފަހު ކޮމިޓިގައި އެ މައްސަލަ އެޖެންޑާ ކުރައްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
ޕީއެސްއެމް އަށް ތުހުމަތު ކުރެވޭ 100 މިލިއަން ރުފިޔާގެ މައްސަލައިގެ ވާހަކަ ނިހާދު ވިދާޅުވި ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލް އޭނާ ކޮމިޓީގައި ހާމަކުރައްވާފައެއް ނުވެއެވެ.

