ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ވ. އާރަށް ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާއިން ރައީސް ޔާމީން އަބްދުލައްގައްޔޫމް މަންފާ ނެންގެވިކަމަށް ބުނާ މައްސަލައިގައި ހުށަހެޅުންތައް ބަލައިނުގަތުމަށް ޝަރީއަތުން ނިންމީ މުއްދަތު ހަމަވީފަހުން ލިޔެކިއުންތައް ހުށަހަޅާފައި ވާތީ އެވެ. މުއްދަތު ހަމަވީފަހުން ހުށަހެޅުންތައް ހުށަހެޅުމުގެ ސަބަބުން ރައީސް ޔާމީންގެ އިތުރުން ދައުލަތަށާއި، ޔޫސުފް ނައީމަށް ވެސް އެ ވަނީ ފުރުސަތު ގެއްލިފަ އެވެ.
ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ބަލައި ނުގަތުމަށް ނިންމާފައި ވަނީ ނުބައިކޮށް މުއްދަތު ގުނުމުގެ ސަބަބުންނެވެ. ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް، 15 ދުވަހުގެ މުއްދަތެއް ދިނުމުން ތިން ފަރާތުން ވެސް 15 ދުވަހުގެ މުއްދަތު ގުނީ، ބަންދު ދުވަސްތައް ނުހިމަނަ އެވެ. މިދިޔަ އޭޕްރިލް 27 ގައި ދިން މުއްދަތު ހަމަވީނަމަވެސް މުއްދަތު ނުބައިކޮށް ގުނައި ދައުލަތާއި ރައީސް ޔާމީން އަދި ޔޫސުފް ނައީމް ހުށަހެޅުންތައް ހުށަހެޅީ މޭއި 09 ގަ އެވެ. އެއީ މުއްދަތު ހަމަވަނީ މެއި 10 އަށްކަމަށް ބެލުމަށް ފަހު އެވެ.
އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރާ ގާނޫނުގައި މުއްދަތު ގުނަން ޖެހެނީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށެވެ.
މި މައްސަލައިގައި މުއްދަތު ގުނާފައި ވަނީ ނުބައިކޮށްކަން ދައުލަތާއި ރައީސް ޔާމީން އެއްބަސްވެވަޑައިގެންފައި ވެއެވެ. ނަމަވެސް ރައީސް ޔާމީންގެ ގާނޫނީ ވަކީނުން ވިދާޅުވީ ހުށަހެޅުންތައް ބަލައިނުގަތުމަށް ނިންމި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާކަމަށެވެ. އެހެންވެ، ހައިކޯޓުން ގޮތެއް ނިމެންދެން އާރަށް މައްސަލާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން ވަކީލުން އެދިވަޑައިގަތެވެ. ނަމަވެސް ގާޒީ ޝަކީލް ނިންމެވީ އިސްތިއުނާފު ކުރިނަމަވެސް، މައްސަލަ މަޑުޖައްސާލުމަށް ހައި ކޯޓުގެ އަމުރެއް ނެތުމުން ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ދަށު ކޯޓުން އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރުމުން، ރައީސް ޔާމީން މިވަގުތު ހުންނެވީ މިނިވަނެއްގެ ގޮތުގަ އެވެ. ނަމަވެސް ހިޔާނާތުގެ މައްސަލައާއި ރައީސް ޔާމީނާއި ގުޅުވައި ތަހުގީގުތަކެއް ކުރިޔަށްދާއިރު މީގެ ތެރެއިން ރ. ފުއްގިރީ އަކީ ކޯޓުގައި ކުރިޔަށް ދާ އެއް މައްސަލަ އެވެ.

